ފައިލޭރިއާ: އެނގުން މުހިންމު މަޢުލޫމާތު

Dhanews Logo

ފައިލޭރިއާ: އެނގުން މުހިންމު މަޢުލޫމާތު

Filaria Affected Feet

ފައިލޭރިއާ: އެނގުން މުހިންމު މަޢުލޫމާތު

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

1951 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރެވުނު ސާވޭއެއްގައި 34 ރަށަކުން ފައިލޭރިއާ ބަލި ހުރިކަން ދެނެގަނެވުނެވެ. އެދިރާސާގެ އަލީގައި 1968 ވަނަ އަހަރު އޭރުގެ ސަރުކާރުން ޤައުމީ ފެންވަރުގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިއެވެ. އޭރު ފެށުނު މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ 2007 ވަނަ އަހަރުގައެވެ. ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްޙަތަށް ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަޙައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ޤައުމުގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނައަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ވީކިހިނެތް؟

މީގެ އަހަރުތަކެއް ކުރިން އާންމުވި ނުރައްކާތެރި މިބަލި ރާއްޖެއިން ނައްތާލެވިފައިވަނިކޮށް، ރާއްޖޭގެ ޕަބްލިކް ހެލްތުގެ ސަމާލުކަމަށް އައީ ހ.ދ ކުޅުދުއްފުށިން 17 ބިދޭސީއަކު މި ބައްޔަށް ޕޮސިޓިވްވި ވާހަކައެވެ. މި ވޭދަނަތައް ދެނެގަނެވުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިންނެވެ. މިކަމާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ސަރަޙައްދުތަކުން އައިސްފައިވާ ބައެއްގެތެރެއިން ފެނިފައިވާ ވޭދަނަ ތަކެއްކަމުގައެވެ. އެހެންކަމުން މިއީ ރާއްޖޭގެ މާހައުލުން ފެތުރިފައިވާ ވޭދަނަތަކެއް ކަމުގައި ބެލުމުގެ ފުރުސަތު ކުޑައެވެ.

ފައިލޭރިއާއަކީ ކޮބާ؟

ފައިލޭރިއާ އަކީ ފައިގެ ބައްޔެވެ. މި ބަލި ޖެހެނީ “ވުކެރީރިއާ ބެންކްރޮފްޓީ” ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ބަލި ފެތުރެނީ ކިއުލެކްސް މަދިރިއެއް އިންސާނުންގެ ހަށިގަނޑުގައި ހެފުމުގެ ތެރެއިން އެމަދިރި ހަށިގަނޑަށް ދޫކޮށްލާ މި ދެންނެވި ފަނީގެ “އިންފެކްޓިވް ލާރވާ” އެއްގެ ސަބަބުންނެވެ. “ކިއުލެކްސް” އަކީ ރާއްޖޭގެ މާހައުލުގައިވެސް އުޅޭ މަދިރިއެކެވެ. މި މަދިރި އިންސާނުންގެ ގައިގައި ހަފަނީ އާންމުކޮށް ރޭގަނޑު 7 ން 12 އާ ދެމެދުގެ ވަގުތު ތަކުގައެވެ. މި މަދިރި ހެފުމުގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް ދޫކޮށްލާ މިދެންނެވުނު ލާރވާ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ހެދިބޮޑުވުމަށް 6 މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަވެއެވެ. އެހެންކަމުން މި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، ބަލީގެ އަލާމާތްތައް ފެނުމަށް ވަރަށް ގިނަ ދުވަސް ނަގައެވެ.

ބަލިޖެހުމުން ފާހަގަވާ އަލާމާތްތައް:

މި ބަލިޖެހުމުން ފެންނަ އަލާމާތްތައް ދެ މަރުޙަލާއަކަށް ބަހާލެވެއެވެ. އެގޮތުން ފުރަތަމަ މަރުޙަލާ އަކީ ޖަރާސީމު އުފެދޭ މަރުޙަލާއެވެ. މިމަރުޙަލާގައި އިންފެކްޓްވެފައިވާ ކިއުލެކްސް މަދިރި ހަށިގަނޑުގައި ހަފާތާ އެއް އަހަރު ދުވަސްތެރޭ  ލޭހޮޅިތައް ދޭތެރެ ދޭތެރެއިން ދުޅަވެ ގޮށްލައެވެ. އާންމު ގޮތެއްގައި މިކަން ފާހަގަކުރެވޭނީ ފަޔާއި ޖިންސީ ގުނަވަނުގެ ކައިރީގައެވެ. މި ގޮށްތައް ދުޅަވެ ބޮޑުވުމުން އޭގައި ބީހުމުން ރިއްސާނެއެވެ. މީގެ އިތުރުން ފައިލޭރިއާ ހުންއައުމާއި، ބޮލުގައި ރިހުން، ހީކެރުވުން، ހޮޑުލެވުމާއި ސްޓްރެސްވުން ފަދަ އަލާމާތްތައް ފެނެއެވެ.

hero-lf-resources
ފައިލޭރިއާ ބަލި ޖެހިފައިވާ ބައެއް- ފޮޓޯ: ގޫގަލް

ބަލީގެ ދެވަނަ މަރުޙަލާ ބެހިގެންވަނީ ލޭ ހޮޅިތަކާއި ގޮށްތައް ބެދުމުގެ މައްޗަށެވެ. މިކަން ދިމާވަނީ ތަކުރާރުކޮށް ޖަރާސީމު އަށަގަތުމާއި ހޮޅިތަކާއި ގޮށްތަކުގައި ފައިބްރަސް ޓިޝޫ އުފެދުމުންނެވެ. މި މަރުޙަލާގައި ހަށިގަނޑުގެ އެކި ހިސާބުގެ ލޭ ހޮޅިތައް ފުޅާވެ ފުއްޕަން ފަށައެވެ. އަދި ލޭ ހޮޅިތަކާއި ގޮށްތައް ފަޅައިގެން ދެއެވެ. މީގެ އިތުރުން ކުޑަކަމުދާތަކެތީގެ ކުލަ ކިރުކުލައަކަށް ބަދަލުވުމާއި ބައެއް ހާލަތްތަކުގައި އުރަވަޅީގައި ފެންހެދި އުރަވަޅީގެ ސައިޒު ބޮޑުވެއެވެ. މީގެ އިތުރުން ބަލީގެ އަސަރު ފޯރާފައިވާ ބައިތަކާއި ގުނަވަންތައް އާދަޔާ ޚިލާފަށް ބޮޑުވެއެވެ. މިގޮތަށް އެންމެ އާންމުކޮށް ބޮޑުވަނީ ފައެވެ. މީގެ އަސަރުތައް ހަށިގަނޑުން ފެންނަނީ ބަލިޖެހުމަށްފަހު، 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތެއްގައެވެ.

ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟

ފައިލޭރިއާއަކީ މަދިރިއެއްގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމާއެކު، މިބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަން ބަލައި ނައްތާލުމެވެ. ނުވަތަ އެ މައްސަލަ ޙައްލުކުރުމެވެ. އެގޮތުން ތިމާ ދިރިއުޅޭ ގެއާއި ގޯތިތެރޭގައާއި ވަށައިގެންވާ ތަންތަނުގައި މަދިރި އުފެދިއާލާވާ ގޮތަށް ހުންނަ ތަންތަން ބަލައި އެތަންތަން އިސްލާޙުކުރުމަކީ މުހިންމުކަމެކެވެ.

މީގެ އިތުރުން މަދިރި މެރުމަށް ފޮގު ކުރުމާއި ސްޕްރޭ ކުރުމާއި، މަދިރި ކައިރިނުވާ ތެލާއި ލޯޝަން ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި