ޖަންކު ފުޑާއި ފައިދާހުރި ލުއިކާނާ: ދަރިވަރުންނާ ބެލެނިވެރިންނަށް އެނގުން މުހިންމު

Dhanews Logo

ޖަންކު ފުޑާއި ފައިދާހުރި ލުއިކާނާ: ދަރިވަރުންނާ ބެލެނިވެރިންނަށް އެނގުން މުހިންމު

Choosing Between Healthy Food And Fast Junk Food Food On Forks Concept Banner Flyer Design Element Of You Are What You Eat Concept Lettering Text Flat Illustration Vector

ޖަންކު ފުޑާއި ފައިދާހުރި ލުއިކާނާ: ދަރިވަރުންނާ ބެލެނިވެރިންނަށް އެނގުން މުހިންމު

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ޖަންކް ފުޑަކީ ގިނަ އަދަދަކަށް ހަކުރާއި ލޮނުގެ އިތުރުން ސަރުބީ އަދި އެކި ރަހަލެއްވުމަށާއި، ކުލަޖެއްސުމަށް އަދި ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި ތަފާތު މާއްދާ އަޅައިގެން ތައްޔާރުކުރެވިފައިވާ އެކި ވައްތަރުގެ ތައްޔާރީ ކާނާއާއި ބުއިންތަކެވެ. މީގެ ބައެއް ބުއިންތަކަކީ ދެވިހިފާ މާއްދާއެއްކަމަށްވާ “ކެފެއިން” އެކުލެވޭ ބުއިންތަކެކެވެ.

މިފަދަ ތައްޔާރީކާނާއިން ހަށިގަނޑަށް ލިބޭ ފައިދާތައް ނުހަނު މަދެވެ. ނުވަތަ މީގައި އެއްވެސް ވަރަކަށް ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވިގެން ނުވެއެވެ. އެހެން ކަމުން މިފަދަ ބާވަތްތަކަކީ ސިއްޙީގޮތުން ފައިދާއެއްހުރި ބާވަތްތަކެއް ނޫނެވެ. މިފަދަ އެންމެ އާންމު މިސާލުތަކަކީ އެނާޖީ ޑްރިންކްސް، ކޯކު ފަދަ ގިނައިން ހަކުރާއި ކެފެއިން އެކުލެވޭ ބުއިންތަކެވެ. މީގެ އިތުރުން އެކި ރަހަ އެކުލެވޭގޮތަށް ހަދާފައި ހުންނަ ޕެކެޓް ކިރާއި، ޕެކެޓް ޖޫހާއި ފިޒީ ބުއިންތަކެވެ. ތެލުލި ހެދިކާއާއި ޗިޕްސް އަދި މެޓާ، ކޭކު، ސުޕަރިންގު ފަދަ ޕެކެޓް ކޮށްފައިވާ ބާވަތްތަކަކީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާންމު ބާވަތްތަކެވެ.

ޖަންކުފުޑުން ކުރާ ނުރަނގަޅު އަސަރުތައް:

މިއީ ބޭނުންކޮށްލަން ފަސޭހަ، ރަހަމީރު އަދި ކާހިތްވާ ކަހަލަ ބާވަތްތަކެއް ނަމަވެސް، ސިއްޙީގޮތުން ފައިދާތަކެއް ނުކުރާ ބާވަތްތަކެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައި ދިން ކަމުގައިވީނަމަވެސް އާންމު ގޮތެއްގައި ލިބޭ ގެއްލުންތައް ގިނަވެފައި ބޮޑެވެ. އެގޮތުން:

  • ކުޑަކުދިންނަށް މިފަދަ ބާވަތްތައް ދެވޭ މިންވަރު އިތުރުވުމުން ދަތްފަނި ކެއުން.
  • މިފަދަ ކާނާގައި ގިނައިން ހަކުރު އެކުލެވިގެންވުމާއެކު، ބަނޑުހައިވާ މިންވަރު ދަށްވެ އޭގެ ސަބަބުން ކާހިތްވުމާ ދުރަށްދޭ!
  • ކާނާގައި ހިމެނޭ ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދޭ މިންވަރު މަދުވެ، ލޭމަދުވާގޮތް މެދުވެރިވޭ! މީގެ އިތުރުން ކެލްސިއަމް ހަށިގަނޑުން ބެރުވާ މިންވަރު އިތުރުވެގެންދޭ!
  • ސިއްޙަތަށް ފައިދާހުރި ކެއުންތަކާއި ކުދިން ދުރުވޭ!
  • ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވެ، އުޅުމަށާއި ވިސްނުމުގެ ޤާބިލްކަމަށް ނުރަނގަޅު އަސަރުތައް ކުރަންފަށާ!!
  • ހަށިގަނޑުން ފެން މަދުވުމުގެ ފުރުސަތު ބޮޑުވެގެންދޭ!
  • ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ވަރަށް އަވަހަށް މައްޗަށް ދިއުމާއި، އެހާ އަވަހަށް ދަށަށް ދިއުން.
  • ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެ، އެކިއެކި ބަލިތައް ފަސޭހައިން ޖެހުމަށް މަގުފަހިވުން!
  • ކުއްލިއަކަށް ހަށިގަނޑުގައި ހަކަތަ އިތުރުވުމާއި ކުއްލިއަކަސް ހަކަތަ ދަށްވުމުގެ އިތުރުން ހަށިގަނޑު ފަލަވުމާއި، ގައިންގަޔަށް ނާރާ ބަލިތައް (ލޭ މައްޗަށް ދިއުމާއި ހަކުރުބަލި ފަދަ) ޖެހުމަށް ފަހިވުން ފަދަ ބޮޑެތި ގެއްލުންތައް ހިމެނެއެވެ.

ސިއްޙީގޮތުން ވަކިވަކި ކަންކަމަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ދިރާސާތައް ހެދޭ ނިސްބަތް މަދެވެ. ރާއްޖޭގައި ހެދިފައިވާ މުހިންމު ބައެއް ދިރާސާތައް ދައްކާގޮތުގައި، ދިވެހިންނަށް ސިއްޙީގޮތުން ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގައިންގަޔަށް ނާރާ ބަލިތައް ގިނަވެފައިވުމެވެ. މީގެތެރޭގައި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމުގެ ބައްޔާއި، ކޮލެސްޓްރޯލް ބައްޔާއި، ސްޓްރޯކް ޖެހުމާއި ކެންސަރު ބަލީގެ އިތުރުން ހިތުގެ ބަލިތައް ހިމެނެއެވެ. މިފަދަ ނުރައްކާތެރި ގިނަ ބަލިތަކަކީ ކެއުން ބުއިމާއި، ދިރިއުޅުމުގެ އާދަތަކާއި ގުޅިފައިވާ ބަލިތަކެކެވެ.


މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ކެއުންބުއިމުގައި ރަނގަޅު އާދަތައް ޚިޔާރުކޮށް، ޤަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ލުއިކާނާ އަކީވެސް ސިއްޙަތަށް ފައިދާހުރި ކާނާއަކަށް ހެދިދާނެ!

ލުއިކާނާ އަކީ ސިއްޙަތަށް ފައިދާހުރި ބާވަތެއްކަމުގައި ހެދުމަށް މޭވާއާއި ތަރުކާރީ، ގޮދަން، ބިންބި، އަދި ޒުވާރިފަދަ ތަކެތިން ތައްޔާރުކޮށްފައި ހުންނަ ހަކަތަ ލިއްބައިދޭ ކާނާ ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ބިހާއި ކިރުގެ ބާވަތްތަކާއި މުގާއި ތޮޅި ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ލުއިކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތްތަކުގެ ތެރޭގައި:

  • އާދައިގެ ޔޯގަޓަށް ތާޒާ މޭވާކޮޅެއް އަޅައިގެން ބޭނުންކުރުން.
  • ފަޅޯ، ދޮންކެޔޮ، ކަރާ، އަނބު، އާފަލާއި އޮރެންޖު ފަދަ ތާޒާ މޭވާ ލުއިކާނާގެ ގޮތުގައި ބޭނުންކުރުން.
  • ނުކައްކައި ރޮލާ ބޭނުންކުރެވޭފަދަ ތަކެތި ބޭނުންކުރުން (ކެރެޓާއި ކިއުކަންބާ ފަދަ)
  • އަލުވި، އަލަ ނުވަތަ ދަނޑިއަލުވި ފަދަ ތަކެތި ފެން ނުވަތަ އާވިން ކައްކައިގެން ބޭނުންކުރުން.
  • ސޭންވިޗު ފަދަ ބާވަތްތައް ތައްޔާރުކުރާއިރު ސަރުބީ އެކުލެވޭ މިންވަރު މަދުންހުންނަ ޗީޒާއި މަހާއި ބިސްގަނޑެއް ކޮށާލައިގެން ބޭނުންކުރުން. ސޭންޑުވިޗް ތައްޔާރުކުރާއިރު ބަޓަރާއި މާޖިރީންގެ ބަދަލުގައި ފަތާއި ތަރުކާރީ ބޭނުންކުރުން.
  • ލޮނާއި ހަކުރު އެކުލެވިގެންނުވާ ބަދަނާއި މަދާއި ކެޝޫނަޓް ފަދަ ތަކެތި.
  • ހިކި މޭބިސްކަދުރު ފަދަ ހިއްކާފައިވާ މޭވާގެ ބާވަތްތަކަކީވެސް ފައިދާހުރި ތައްޔާރީކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތަކެކެވެ.

ލުއިކާނާގެ ގޮތުގައި ސިއްޙަތަށް ފައިދާހުރި މިފަދަ ބާވަތްތައް ބޭނުންކުރާނަމަ، ކުދިންގެ ހަށިގަނޑުގައި އެދުވަހަކަށް ބޭނުންވާ ވަރަށް ހަކަތަ ހިފަހައްޓައި ދޭނެއެވެ. މިފަދަ ބާވަތްތަކަކީ އެ ބޭނުންކުރުމުން ކަންކަމަށް ސަމާލުކަން ދިނުމަށް ފަހިކުރުވާ ތަކެއްޗެވެ. މީގެ ސަބަބުން ކުދީން މަދަރުސާތަކުގައި ހޭދަކުރާ ވަގުތުތަކުގައި މުދައްރިސުން ނަގައިދޭ ފިލާވަޅުތައް ކަނުލައި އަޑުއެހުމަށް ފަސޭހަވެގެން ދެއެވެ. ފިލާވަޅުތައް ސިކުނޑިއަށް ފަސޭހައިން ނަގައިގަނެވި، ފޫހިވުމާއި ކަންނެތްވުމުން ދުރުކޮށް ޙަރަކާތްތެރިކަމާއި އުފެއްދުންތެރިކަން އިތުރުކުރުވައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި