ސިއްޙަތު: ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން! އާންމު މައްސަލައެއް

Dhanews Logo

ސިއްޙަތު: ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން! އާންމު މައްސަލައެއް

57561570777527778

ސިއްޙަތު: ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން! އާންމު މައްސަލައެއް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ބެކްޓީރިއާއެއްގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ކޮންމެސް ހިސާބަކަށް އަސަރުކުރުމެވެ. އެންމެ އާންމުކޮށް ޖަރާސީމު އަށަގަންނަނީ ކުޑަކަމުދާ ތަކެތި ޖަމާވާ ކޮތަޅާއި (ބްލޭޑަރ ނުވަތަ މަސާނާ) ކުޑަކަމުދާ ހޮޅީގައެވެ. މި ބަލި ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ޖެހޭކަމަށް ގިނަ ހޯދުންތަކުން ދައްކާފައިވެއެވެ.

މިއީ ދިވެހި ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ރާއްޖެއަކީ ހޫނު ޤައުމަކަށް ވެފައި ދިވެހިންނަކީ ފެން ބުއިމާއި ދުރު ބަޔަކަށް ވެފައިވުމީ މީގެ ސަބަބެއްކަމުގައި ވުން އެކަށީގެންވެއެވެ. މި ބަލި ޖައްސާ ޖަރާސީމު ފެތުރުމަށް މެދުވެރިވާ އެންމެ އާންމު ސަބަބަކީވެސް ފެން މަދުން ބުއިމެވެ.

މިއީ އާންމު ގޮތެއްގައި ކޮންމެ މީހަކަށްވެސް ޖެހުމުގެ ފުރުސަތު އޮތް ބައްޔެއް ނަމަވެސް، ވަރަށް ގިނަ ފަހަރު ޑަކްޓަރަށް ދެއްކުމަށް ލަދުގަނެ ނުވަތަ ބަލި ހުރިވާހަކަ ބުނަން ފަސްޖެހޭ ގޮތް ވެއެވެ. މިކަމުގެ ސަބަބުން ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެވި ބަލީގެ ހާލަތު އިތުރަށް ގޯސްވެގެންދާ ފަހަރު ދިމާވެއެވެ. އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކުރައްވާ ސިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަކީ ބޭނުންތެރިކަމެކެވެ.

ބަލީގެ ޢަލާމާތްތަކަކީ ކޮބާ؟

މި ބަލި ޖެހުމުން އާންމު ގޮތެއްގައި ކުޑަކަމުދާއިރު ދިލަ ނެގުން، ތަދުވުން ނުވަތަ ހިރުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. ބައެއް ފަހަރު ކުޑަކަމު ގޮސް ނިމޭއިރު ތަދެއް ހުރެއެވެ. ދަށް ބަނޑުގައި ރިހުމާއި، ހިފެހެއްޓުމެއްނެތި ކުޑަކަމު ދެވުމާއި، ކުޑަކަމުދާ ތަކެތީގައި ނުބައި ވަސް ހުރުމާއި، ކުޑަކަމުދާ ތަކެތީގެ ކުލަ ފުސްވެފައި ހުރުމާއި ކުޑަކަމުދާން އުނދަގޫ ވުމާއި ބަނޑުގެ އަރި މައްޗާއި އުނަގަނޑުގައި ރިހުން ފަދަ ޢަލާމާތްތައް ފެނެއެވެ.

އަންހެނުންނަށް މި ބަލިޖެހުމަށް މަގުފަހިކުރަނީ ކޮންކަމެއް؟

އަންހެނުންގެ ކުރިމަތި ފަރާތާއި ކުޑަކަމުދާ ނިޒާމު އުފެދިފައިވާ ގޮތާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުގެ ދޮރު ކައިރިކޮށް ހުރުމާއި ކުޑަކަމުދާ ހޮޅި ކުރުކޮށް އިނުމަކީ ޖަރާސީމް ފަސޭހައިން އެތެރެއަށް ވާސިލްވުމުގެ ފުރުސަތު އޮންނަކަމެކެވެ. އަދި މިއީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުވާ އެއް ސަބަބެވެ. މީގެ އިތުރުން ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގައި އުޅޭ އަންހެނުންނާއި، ޖިންސީ ގޮތުން އެކްޓިވް އަންހެނުންނަށް މި ބަލީގެ ޖަރާސީމު އަށަގަނެ ދޮސްލައި ދުޅަވުމުގެ ފުރުސަތު ބޮޑެވެ. ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތަކުގެ ސަބަބުންނާއި އިއްދައިން ކެނޑުމާއި މާބަނޑު ވުމަކީވެސް މި ބަލި ޖެހުމަށް މަގުފަހި ކުރުވާ ކަންކަމެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟

މި ބަލިން ރައްކާތެރިވުމަށް ގިނައިން ފެން ބުއިމަކީ ބޭނުންތެރިކަމެކެވެ. އެހެނީ ގިނައިން ފެން ބޮވޭނަމަ ގިނައިން ކުޑަކަމު ދެވުމަށް ފުރުސަތު ލިބި އެކަމުގެ ސަބަބުން ޖަރާސީމުތައް ސާފުކޮށްދިނުމަށް އެހީތެރިވުމެވެ. ކުޑަކަމު ދާންޖެހިއްޖެނަމަ ލަސްނުކުރުމާއި، ކުޑަކަމު ނުގޮސް ގިނައިރު ހިފަހައްޓާލުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. މީގެ އިތުރުން ކުޑަ އަދި ބޮޑުކަމު ދިއުމަށްފަހުވެސް ސައިބޯނި ފަދަ އެއްޗަކުން ރަނގަޅަށް ސާފުކުރުމާއި ވިޓަމިން ސީ ގިނައިން ލިބޭ ޖޫސްތައް ބޭނުންކުރުމަކީވެސް ކުޑަކަމުދާ ނިޒާމުން ޖަރާސީމް ސާފުކުރުމަށް އެހީވެދޭނެ ކަންކަމެވެ.

ކޮންމެހެން ޑަކްޓަރަށް ދެއްކުން މުހިންމު ޙާލަތްތައް:

ކުޑަކަމުދާ ނިޒާމުގެ ބަލީގެ ޢަލާމާތްތައް ހުރެ، ކުޑަކަމުދާއިރު ލޭ ނުވަތަ ދޮސް ފަދަ އެއްޗެއް އައިސްފައި ހުންނަނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ. ކުޑަކަމުދާން ބޭނުންވެފައި ހުއްޓައި ކުޑަކަމު ނުދެވޭނަމަ ނުވަތަ އުނދަގޫ ވާނަމަ، މޭނުބައިކޮށް ހޮޑުލެވުމާއި، އުނަގަނޑު މައްޗާއި ދަށްބަނޑަށް ތަދުވާނަ އިތުރު އެހެން މައްސަލަތަކެއް ކުރިމަތި ވެދާނެއެވެ. ޚާއްސަ ގޮތެއްގައި މާބަނޑު އަންހެނުންނާއި ހަކުރުބަލީގެ މީހުންނަށް މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ސިއްޙީ އެހީތެރިކަން ހޯދުން މުހިންމެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި