އުރަމަތީގެ ކެންސަރު: ދިވެހިންގެ ތެރޭގައި ވަރަށް އާންމު!

Dhanews Logo

އުރަމަތީގެ ކެންސަރު: ދިވެހިންގެ ތެރޭގައި ވަރަށް އާންމު!

Breast Cancer

އުރަމަތީގެ ކެންސަރު: ދިވެހިންގެ ތެރޭގައި ވަރަށް އާންމު!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 3 މިނިޓުން

އުރަމަތީގެ (ބުރެސްޓް) ގެ ކެންސަރަކީ ދިވެހިންނަށް އެންމެ އާންމުކޮށްޖެހޭ ކެންސަރުގެ އެއް ބާވަތެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް އޭޖަންސީ ފޮރ ކެންސާރ ރިސާޗްގައި، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މިބާވަތުގެ ކެންސަރު ތަންކޮޅެއް ހަގު އުމުރުގައި ޖެހޭކަމެވެ. މިކަމުގެ ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. 2018 ވަނަ އަހަރު ދިވެހިންގެ މެދުގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލިމީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނެވެ. އެއަހަރު އެކަނި 73 މީހަކަށް އުރަމަތީގެ ކެންސަރު ޖެހިފައިވެއެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އިތުރު 34 މީހުންނަށް މި ބަލި ޖެހުނެވެ.

އުރަމަތީގެ ކެންސަރަކީ ކޮބާ؟

އުރަމަތީގެ ކެންސަރަކީ އަންހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރެވެ. އުރަމަތި އުފެދިފައިވަނީ މިލިޔަނަށްވުރެ ގިނަ ސެލް ތަކަކުންނެވެ. ކެންސަރޭ ކިޔަނީ މިގޮތަށް ހަށިގަނޑުގައި އުފެދިފައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށެވެ. އުރަމަތީގެ ކެންސަރަކީ އުރަމަތީގައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވުމެވެ. މިގޮތަށް އިތުރުވާ ސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކޮށް މުޅި ހަށިގަނޑަށް ބަލި ފަތުރައެވެ.

invasive_ductal_carcinoma
މިއީ ކިރުދައުރުކުރާ ޑަކްޓްގެ އެތެރެ ފަށަލައިން އުފެދި، ޑަކްޓްތަކުން ވަށައިގެން އެހެން ޓިޝޫތަކަށް ފެތުރޭ ވައްތަރު. މިއީ އެންމެ އާންމު އުރަމަތީގެ ކެންސަރުގެ ވައްތަރު

އުރަމަތި އެކުލެވިފައިވަނީ “ފެޓީ ޓިޝޫ”އާއި “ލޮބިއުލްސް” އިންނެވެ. މިބައިތައް “ޑަކްޓް” ތަކަކުން ގުޅިފައިވަނީ އުރަމަތީގެ ވައްގަނޑާއެވެ. އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފެށިގެން އަންނަނީ މިދެންނެވި ކިރު ދައުރުކުރާ ޑަކްޓް ނުވަތަ ކިރު އުފައްދައިދޭ ލޮބިއުލް ތަކުގައެވެ.

” ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، އުރަމަތީގައިލާ ގިނަ ގަނޑުތަކަކީ ކެންސަރެއް ނޫނެވެ. އަދި ގިނަ ވައްތަރުތައް ކެންސަރަށް ބަދަލެއް ނުވެއެވެ.

އުރަމައްޗަށް ކެންސަރުޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިމްޕް ގޮށްތަކަށް ކެންސަރު ދަތުރު ކޮށްފައެވެ. ކިހިލިފަތުގައިވާ ލިމްޕް ގޮށްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ، އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށްވެސް ކެންސަރު ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރު ސެލް މިގޮތަށް އެންމެ އާންމުކޮށް ދަތުރުކޮށްފައި ހުންނަނީ އެންމެ ގިނައިން ލޭ ދައުރުވާ ގުނަވަންތައް ކަމުގައިވާ ކަށި، ފުރަމޭ އަދި ފުއްޕާމެއަށެވެ.

އުރަމަތީގެ ކެންސަރުގެ ޢަލާމާތްތައް ދެނެގަތުން:

އުރަމަތީގައި ގަނޑެއް ނުވަތަ ދުޅައެއް ލުމަކީ މިބަލީގައި އެންމެ އާންމުކޮށް ފެންނަ އަލާމާތެވެ. މިއީ ތަދުނުވާ އެހެނަސް ހަރު ގަނޑުކޮޅެކެވެ. މިފަދަ ގަނޑުކޮޅެއް ފާހަގަކުރެވޭނަމަ، ޑަކްޓަރަށް ދައްކައި ޗެކްކޮށްލުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ފެންނަ އެހެން އަލާމާތްތަކުގެ ތެރޭގައި ގަނޑުކޮޅެއް ފާހަގަ ނުކުރެވުނު ނަމަވެސް، އުރަމަތި އެއްކޮށް ނުވަތަ އެއްބައި ދުޅަވެފައި ހުރުމާއި، ހަންގަނޑު ރޫޖެހި އެތެރެއަށް ވަދެފައިހުރުމާއި، އުރަމަތީގެ ވައްގަނޑު އެތެރެއަށް ވަދެފައިހުރުމާއި، އުރަމަތި ނުވަތަ ވައްގަނޑުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުންވެސް، އުރަމައްޗާއި ވައްގަނޑުގެ ހަންގަނޑު ބޯވެ، ރަތްވެ ނުވަތަ ހަން ނޮޅޭގޮތްވުމާއި، ކިރުނޫން އެހެން އެއްޗެއް ވައްގަނޑުން ބޭރުވުމާއި، އުރަމަތިން ގަނޑެއް ފާހަގަވުމުގެ ކުރިން ކިހިލިފަތްދޮށުން ނުވަތަ ކަރުން ގޮށެއް ފެނުން ފަދަ ކަންކަމަކީ ފެންނަ އަލާމާތްތަކެކެވެ.

އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތައް:

ބަނގުރާ ބުއިމާއި، މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ހަށިގަނޑަށް އެކަށީގެންވާ ކަސްރަތު ނުލިބުމާއި، ދަރިން ނުހޯދުމާއި، ގާތުން ކިރު ނުދިނުމާއި ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަންތައްތަކެކެވެ. މިބާވަތުގެ ކެންސަރުޖެހޭ، ތިމާގެ އަމިއްލަ ބާރު ނުހިނގާ ކަންތައްތަކުގެ ތެރޭގައި:

  • އުމުރު: އުމުރުން 30 އަހަރުން މައްޗަށް ދިއުމުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ދިރާސާތަކުން ދައްކައެވެ.
  • ޖިންސް: އުރަމަތީގެ ކެންސަރު ފިރިހެނުންނަށްވެސް ޖެހެއެވެ. އެހެންނަމަވެސް ފިރިހެނުންނަށްވުރެ އަންހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެތައްގުނައެއް އިތުރެވެ.
  • ވާރުތަވުން: އާއިލާގެ މީހަކަށް އުރަމަތީގެ ކެންސަރު ޖެހިފައިވާނަމަ، އެ އާއިލާގެ އެހެން މެމްބަރުންނަށް މިބަލި ޖެހުމުގެ ފުރުސަތު 5-10 އިންސައްތައަށް އޮވެއެވެ. އާއިލާގެ އަންހެނުންގެ ތެރެއިން ޚާއްސަކޮށް “ފަސްޓް ކަޒިންސް” ތެރޭގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން ތިބޭނަމަ، އެމީހަކަށް ކެންސަރުޖެހުމުގެ ފުރުސަތު ބޮޑެވެ.
  • މާއަވަހަށް ޕީރިއަޑް ވުމާއި، ލަހުން އިއްދައިން ކެނޑުން: އުމުރުން 11 އަހަރުވުމުގެ ކުރިން ޕީރިއަޑުވުމާއި، އުރުމުން 55 އަހަރުވުމަށްފަހު، އިއްދައިން ކެނޑުމަކީވެސް އުރަމަތީގެ ކެންސަރު ޖެހުމަށް ފުރުސަތު ބޮޑުވާކަމެކެވެ.
  • އުރަމަތީގެ އެއްފަރާތަށް ކެންސަރުޖެހުން: އުރަމަތީގެ އެއްފަރާތަށް ކެންސަރު ޖެހިފައިވާނަމަ، އަނެއް ފަރާތަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.
  • ދަރިއަކު ލިބިފައިނުވުން: ދުވަހަކުވެސް ދަރިއަކު ލިބިފައިނުވާ އަންހެނުންނަށް ކެންސަރުޖެހުމުގެ ފުރުސަތު އޮވެއެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން:

” އުރަމަތީގެ ކެންސަރަކީ އެބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ ޝިފާލިބޭ ބައްޔެކެވެ. އަދި ބަލި ފެތުރުމަށްފަހުވެސް، ފަރުވާއަށް އައިސްފައިވާ ބަދަލާއެކު، ބަލި އިތުރުވިޔަނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެކެވެ.

ގަވާއިދުން ސްކްރީންކުރުމުން ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަށް ފަސޭހަވެއެވެ. އަވަހަށް މިބަލި ދެނެގަނެވިއްޖެނަމަ، އެކަމަށް އެކަށީގެންވާ ފަރުވާ ލިބިގަނެ، ބަލީގެ ނުރައްކަލުން ސަލާމާތްވުމަށް ފުރުސަތު ލިބެއެވެ.

އުރަމަތީގެ ކެންސަރު ދެނެގަތުމަށް އަމިއްލައަށް އުރަމަތީގެ އެއްވެސްކަމެއް ހުރިތޯ ބަލާ ޓެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އުރަމަތި ބަލާނެގޮތް ސިއްޙީ އެހީތެރިއެއްގެ ލަފާގެމަތިން ދަސްކޮށްގެން، އަމިއްލައަށް ބަލައި ޗެކްކުރެވިދާނެއެވެ. އުރަމައްޗަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އަބަދުވެސް އުރަމަތި ހުންނަގޮތް އަމިއްލައަށް ދަސްކުރަންވާނެއެވެ.

ކުރިންވެސް ދެންނެވިފަދައިން އުރަމަތީގެ ކެންސަރު ޖެހިފައިވާކަމަށް ފާހަގަވާނެ އެންމެ ބޮޑު އަލާމާތަކީ އުރަމަތީގައި ހަރުތަނެއް ނުވަތަ ގަނޑު އުފެދުމެވެ. މިބާވަތުގެ ހަރުތަންކޮޅު ހުރިތޯ ބެލުމަސް ކުރެވޭ އެންމެ ޚާއްސަ ކަމަކީ “މެމޯގްރާމް” ކިޔާ އުރަމަތީގެ ޚާއްސަ އެކްސްރޭއެއް ނެގުމެވެ. އާންމު ގޮތެއްގައި މެމޯގްރާމް ހަދަނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ. އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް އުރަމަތީގެ އަލްޓްރާ ސައުންޑް ސްކޭން ހަދައިދެއެވެ.

(ނޯޓު:އުރަމަތީގެ ކެންސަރު ދެނެގަތުމަށް އަމިއްލައަށް (self examination) ހަދާނެގޮތުގެ މައްޗަށް ވަކި ލިޔުމެއް ތައްޔާރުކޮށް މި ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.)

ޓެގް:

ޙިއްސާ ކުރައްވާ:

ގުޅުންހުރި