މަކުނުދޫ ފަތާ ޓްރެކް ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ފްލޯޓިންގ ސްވިމިންގ ޓްރެކް ސަރަޙައްދުގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، އެ ސަރަޙައްދުގައި ޖަހަމުންދާ (އުފެދެމުންދާ) ގާފޮރިތައް ނަގައި ސާފުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މަކުނުދޫ ކައުންސިލުން Council office އިސްނަގައިގެން ކުރިއަށްގެންދަން ފަށައިފިއެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވިގޮތުގައި، އެ ރަށުގައި ހުރި ފަތާ ޓްރެކްތަކުގައި ގާފޮރި ޖަހަމުންދާތީ، އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު ޓްރެކްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި ފެތުންތެރިންގެ ސަލާމަތްތެރިކަމަށްޓަކައި އެ ސަރަޙައްދުގައި ވަނީ ސަތަރި އަޅާފައެވެ.
ނަމަވެސް، ފަހަކަށް އައިސް ޓްރެކް ސަރަޙައްދު ބޭނުންކުރާ ބައެއް ފަރާތްތަކުން އެ ސަތަރިތަކަށް ގެއްލުންވާނެ ފަދަ ޢަމަލުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މިކަމާ ގުޅިގެން، ޓްރެކް ސަރަޙައްދުގައި ޖަހާފައިވާ ގާފޮރިތައް ކަނޑައި ސާފުކުރުމުގެ އަމަލީ މަސައްކަތް ކައުންސިލުން މިހާރު ހަލުވިކަމާއެކު ކުރަމުންދާއިރު، އެ ސަރަޙައްދު ބޭނުންކުރާ އެންމެހައި ފަރާތްތަކުން އެ ސަތަރިތަކަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ކައުންސިލުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި، މި ފަތާ ޓްރެކަކީ ރަށުގެ ޒުވާނުންނާއި، ކުޑަކުދިން އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ފަތަންދާ އެންމެހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހެދިފައިވާ މުހިންމު ވަސީލަތެކެވެ.
އެހެންކަމުން، މިފަދަ އަގުބޮޑު ވަސީލަތްތައް ހަލާކުނުވެ ރައްކާތެރިކަމާއެކު ދެމެހެއްޓޭނީ، ރަށުގެ އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ.















ޚިޔާލުތައް (0)