އެމްޑީޕީ ގައުމީ މަޖިލީހުގެ ފޯކައިދޫ ގޮނޑިއަށް ޢާޞިފް ނުކުންނަވައިފި؛ ވާދަވެރިކަން ގަދަވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ސިޔާސީ ވިންދު އަވަސްވެ، އިންތިޚާބީ ފޯރި މުޅި ރާއްޖޭގައި ހިފަމުންދާ މި ދަނޑިވަޅުގައި، އެ ޕާޓީގެ އެންމެ މަތީ ނިންމުންތައް ނިންމާ ގައުމީ މަޖިލީހުގައި ށ. ފޯކައިދޫ ދާއިރާ ތަމްސީލުކުރާނެ މެންބަރަކު ހޮވުމަށް ބާއްވާ ރޭހަށް، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު ޢާޞިފް (ހަސްތީ، ށ. ފޯކައިދޫ) ރަސްމީކޮށް ނުކުންނަވައިފިއެވެ.
މި ނިންމެވުން ހާމަކުރައްވައި ޢާޞިފް ވިދާޅުވީ، މާތްﷲގެ ވާގިފުޅާއި މަދަދާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފޯކައިދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޢަޒުމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި މި ސިޔާސީ ދަތުރުގައި ފޯކައިދޫގެ އެމްޑީޕީގެ ލޮބުވެތި އަދި ވަފާތެރި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއިދާއި އެއްބާރުލެއްވުމަށް ނުހަނު އިހްތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ ޕާޓީ މެންބަރުން އަބަދުވެސް ބަހައްޓަވާ ގާތްކަމާއި، ވެދެއްވާ މިންނެތް ލޯތްބާއި އިތުބާރަށްޓަކައި ހިތުގެ ފުންމިނުން ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށްވެސް ޢާޞިފް ވަނީ ވިދާޅުވެފައެވެ.
ޢާޞިފަކީ ށ. ފޯކައިދޫގެ ލޯކަލް ގަވަރމަންޓް ދާއިރާގެ ޒަމާނީ ތާރީޚުގައި، އެންމެ ދިގު މުއްދަތަކަށް ރައްޔިތުންގެ އިތުބާރު ދަމަހައްޓަވައި، ނަތީޖާނެރެދެއްވާފައިވާ އިދާރީ ހިންގުމުގެ ވަރުގަދަ ލެގަސީއެއް އޮތް ލީޑަރެކެވެ.
ރަށުގެ އިޖުތިމާޢީ ހަމަޖެހުމާއި، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ބިންގާ އެޅުމުގައި އާޞިފުވަނީ ވިދިވިދިގެން 04 ދައުރު ކައުންސިލްގެ ތެރެއިން އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރައްވާފައެވެ. ސިޔާސީ އަދި އިދާރީ ޚިދުމަތުގެ ވަރުގަދަ ޕޯޓްފޯލިއޯއެއް އޮތް ބޭފުޅެކެވެ.
ނިމިދިޔަ ދައުރު ށ. ފޯކައިދޫ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ރަށުގެ ހިންގުމުގެ އެންމެ މަތީ ލީޑަރޝިޕް ފުރިހަމައަށް ބަލަހައްޓަވައި، ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއެވެ. ވިދިވިދިގެން 3 ދައުރު ކައުންސިލްގެ ނައިބު ރައީސްކަމުގެ ޒިންމާދާރު މަޤާމު ފުރުއްވައި، ރަށުގެ އިދާރީ އޮނިގަނޑު ހަރުދަނާކުރުމުގައާއި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މިފަދަ ހަރުދަނާ ސިޔާސީ ތަޖުރިބާއަކާއި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުތަކާއެކު މަސައްކަތްކުރުމުގެ ފުންނާބުއުސް ޤާބިލުކަމަކާއެކު ޢާޞިފް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައިދާނަށް ނުކުމެވަޑައިގަތުމަކީ، ޕާޓީގެ ކުރިމަގުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ފޯކައިދޫގެ ދައުރު ބޮޑުވެ، ދާއިރާގެ ރައްޔިތުންގެ އަޑާއި ޙައްޤުތައް ގައުމީ ފެންވަރެއްގައި ވަކާލާތުކޮށް ކަށަވަރުކޮށްދޭނެ ކަމުގެ ވަރުގަދަ ޔަގީންކަމެކެވެ.
މިފަހަރުގެ އިންތިޚާބަކީ ފޯކައިދޫން ގިނަ އަދަދެއްގެ މެންބަރުންތަކެއް ގައުމީ މަޖިލީހުގެ ގޮނޑިއަށް ޝައުޤުވެރިކަން ފާޅުކޮށް ކެމްޕޭން ކުރަމުންދާ، ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އިންތިޚާބެކެވެ.
ޕާޓީގެ އެތެރޭގެ ޑިމޮކްރަސީގެ ރޫޙު އާލާކޮށް، ދާއިރާގެ ޙައްޤުތަކަށް ވަކާލާތުކުރާނެ ލީޑަރަކު އިޚްތިޔާރުކުރުމަށް އާންމު މެންބަރުން ކެތްމަދުވެފައިވާއިރު، ޢާޞިފް ފަދަ ސިޔާސީ ބަރުދަން ހުރި ބޭފުޅަކު މި ރޭހަށް ކަނޑައެޅިގެން ނުކުމެވަޑައިގަތުމާއެކު، ފޯކައިދޫ ދާއިރާގެ ސިޔާސީ މަސްރަޙުގެ ފޯރި މިވަނީ މުޅިން އެހެން ހަރުފަތަކަށް އުފުލިފައެވެ.
އެމްޑީޕީގެ ސިޔާސީ ހުންގާނު ހިފަހައްޓާ އަދި މުހިންމު ނިންމުންތައް ނިންމާ މައި ގުނަވަނަކީ ގައުމީ މަޖިލިސް ކަމަށްވާއިރު، ފޯކައިދޫ ދާއިރާގެ މި ޝަރަފުވެރި ގޮނޑި ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްކަން ސާފުވެގެންދާނީ ކުރިއަށް އޮތް އެ ޕާޓީގެ އެތެރޭގެ ފޯރިގަދަ ވޯޓަށްފަހުގައެވެ.















ޚިޔާލުތައް (0)