ވެލިދޫ ސިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ޖަލްސާ ހެލްތު މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި!

ނ. ވެލިދޫ ސިއްޙީ މަރުކަޒު އުފެދުނުތާ 25 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްޞަ އަހަރީ ރަސްމިއްޔާތު، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ ޢަލީ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓަރ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ވެލިދޫ ސިއްޙީ މަރުކަޒުން ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެރަށުގެ އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، މަރުކަޒުގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ވެލިދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތުގައި ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ބަދަލުކުރުން ވެސް ކުރިއަށްދިޔައެވެ.

މިނިސްޓަރ ޤީލާ ޢަލީ ވެލިދޫއަށް ކުރެއްވި މި ޒިޔާރަތުގައި، ވެލިދޫ ސިއްޙީ މަރުކަޒުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަރުކަޒުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ރަށު ކައުންސިލްގެ މެންބަރުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.













ޚިޔާލުތައް (0)