ފ. މަގޫދޫގެ ކުރިމަގަށް އެކުލަވާލާ ޕްލޭނަށް ތަޢުލީމީ ދާއިރާގެ މަޝްވަރާ ހޯދައިފި!

ފ. މަގޫދޫ ކައުންސިލްގެ އިދާރާއިން އިސްނަގައިގެން އެ ރަށުގެ ކުރިމަގުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް އެކުލަވާލާ ”މަގޫދޫ ތަރައްޤީ ޕްލޭން“ އަށް ބޭނުންވާ މުހިންމު ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ފ. މަގޫދޫ ސްކޫލްގެ މުވައްޒަފުންނާއެކު ޚާއްޞަ މަޝްވަރާ ސެޝަނެއް ބާއްވައިފިއެވެ.
ރަށުގެ ތަރައްޤީގެ މިސްރާބު ކަނޑައެޅުމުގައި ތަޢުލީމީ ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް ކައުންސިލުން އިންތިޒާމުކުރި މި ބައްދަލުވުމުގައި މަގޫދޫ ސްކޫލްގެ 25 މުވައްޒަފުން ބައިވެރިވެ، ރަށުގެ ކުރިއެރުމަށް ބޭނުންތެރި ގިނަ ޚިޔާލުތަކަކާއި މަޝްވަރާތަކެއް ވަނީ ޙިއްޞާކޮށްފައެވެ.
މި ސެޝަންގެ ތެރެއިން ރަށުގެ އިޖުތިމާއީ، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ އިތުރުން، ދަރިވަރުންނާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ޕްލޭންގައި ހިމެނިދާނެ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުން ނިންމާލަމުން، މަގޫދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީގެ މި މުހިންމު މަސައްކަތަށް ވަގުތުދެއްވައި، ފުރިހަމަ އެއްބާރުލުން ދެއްވި މަގޫދޫ ސްކޫލްގެ އެންމެހާ މުވައްޒަފުންނަށާއި، މި ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.













ޚިޔާލުތައް (0)