ނިލަންދޫގެ 45 ދުވަހުގެ ފިޓްނަސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި!

ފ. ނިލަންދޫ ކައުންސިލާއި، ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން 45 ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށްގެންދިޔަ ޚާއްޞަ ފިޓްނަސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ 03 އޮކްޓޯބަރ 2026 ވީ ހޮނިހިރު ދުވަހުގެ ރޭ އެ ރަށު ގޮމަވަތި ހޯލުގައެވެ. ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްޚަތެއް ބިނާކުރުމަށާއި، ކަސްރަތު ކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވައި، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ތަމްރީނުތަކާއި ތިއަރީ ސެޝަންތައް ފުރިހަމަކޮށް، ޖުމްލަ 65 ބައިވެރިއަކު ވަނީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިޔަ ބަރުދަން ލުއިކުރުމުގެ ބައިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން އެއްވަނަ ހާސިލުކުރީ ފ. ނިލަންދޫ، ނާރެސް، އައިޝަތު ނަޞީރާއެވެ. މި ކެޓަގަރީން ދެވަނަ ފ. ނިލަންދޫ، ތޮނަ، ޞުވައިދާ ޢަލީ ހޯދިއިރު، ތިންވަނަ ހާސިލުކުރީ ފ. ނިލަންދޫ ފޭރުމާގެ، މުނީޒާ ޢަލީއެވެ.
ރަސްމިއްޔާތު ނިންމަވާލައްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އެގޮތުން، ޕްރޮގްރާމްގެ ތެރެއިން ފުލުހުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ޝުކުރު ދެންނެވިއެވެ. އަދި އިސްނަގައިގެން މިފަދަ ބޭނުންތެރި ޕްރޮގްރާމެއް ރާވައި ހިންގައިދިން ކަމަށްޓަކައި ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަށާއި އެ ސެންޓަރުގެ މުވައްޒަފުންނަށް ކައުންސިލްގެ ރައީސް ޚާއްޞަ ޝުކުރެއް ރައްދުކުރެއްވިއެވެ.

މީގެ އިތުރުން، ނިލަންދޫ ރައްޔިތުންގެ ފިޓްނަސް އިތުރުކުރުމަށް ވަރުބަލިކަމެއް ނެތި، މެދުކެނޑުމެއްނެތި ކުރައްވަމުންދާ މަސައްކަތްތަކާއި ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ސީނިއާ ސްޕޯޓްސް ކައުންސެލިންގ އެސިސްޓެންޓް ޒީނަތު އިސްމާއީލަށް ކައުންސިލްގެ ރައީސް ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވައި ޝުކުރު އަދާކުރައްވާފައެވެ.













ޚިޔާލުތައް (0)