މިލަންދޫ ސްކޫލުގެ މުދައްރިސުންގެ އަގުވަޒަންކުރުމަށް ކައުންސިލުން ޚާއްޞަ ޙަރަކާތެއް!

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި، މިލަންދޫ ސްކޫލުގެ އެންމެހައި މުދައްރިސުން ކުރައްވަމުންދާ ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިލަންދޫ ކައުންސިލުގެ ފަރާތުން އިސްނަގައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މުދައްރިސުންގެ ހިތްވަރު އާލާކޮށް، ރަށުގެ ތަޢުލީމީ ކުރިއެރުމަށް އެބޭފުޅުން ވަމުންދާ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޙަރަކާތްތަކުގެ ތެރެއިން ކައުންސިލުގެ އިސްބޭފުޅުން ވަނީ ސްކޫލުގެ މުދައްރިސުންނާ ބައްދަލުކުރައްވައި، ދުވަހުގެ މުނާޞަބު ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.
އަދި މުދައްރިސުންގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާނެއްގެ ގޮތުން ކައުންސިލުގެ ފަރާތުން ވަނީ ހުރިހާ މުދައްރިސުންނަށް ޚާއްޞަ ހަދިޔާއެއް ވެސް ވެދުމަށް އަރުވާފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކުރި އެންމެ ޚާއްޞަ އެއް ހަރަކާތަކީ މުދައްރިސުންގެ ޝަރަފުގައި ބޭއްވި ފުރިހަމަ ޖާފަތެވެ. ކުލަގަދަ އަދި އެހާމެ ހިތްގައިމު މާހައުލެއްގައި ކުރިއަށްދިޔަ މި ޖާފަތަކީ މުދައްރިސުންގެ މެދުގައި އޮތް އެކުވެރިކަން އާލާވެ، ކައުންސިލުގެ ފަރާތުން މުދައްރިސުންނަށް ދޭ އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ އުފާވެރި ވަގުތުކޮޅެކެވެ. މި ޖާފަތުގެ ސަބަބުން މުދައްރިސުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަކަން ފާހަގަކުރެވުނެވެ.

މިލަންދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، ގައުމެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސަކީ މުދައްރިސުންނެވެ. އަދި މިލަންދޫގެ ދަރިވަރުންނަށް އުނގަންނައިދީ، އަޚްލާގީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށް މިލަންދޫ ސްކޫލުގެ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތަށް ކައުންސިލާއި މުޅި ރަށުގެ ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.













ޚިޔާލުތައް (0)