ފީވަކު ތާރީޚުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް: ބައިލައްކަ ރުފިޔާގެ ”ދޮންދޮން ޗެލެންޖް“ މުޅި ރާއްޖެއަށް ހުޅުވާލައިފި!

ށ. ފީވަކަށް ނިސްބަތްވާ ރޮލިގަންސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ، އެ ރަށުގެ ތާރީޚުގައިވެސް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ”ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026“ ގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ (50,000) ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 20,000 ރުފިޔާއެވެ. މީގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށްވެސް ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
އުމުރުން 15 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ފީވަކު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވި ނަމަވެސް، ޓީމުތައް ރަޖިސްޓްރީ ކުރުމުގައި ދެ ޝަރުޠެއް ރޮލިގަންސް ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އެއީ ޓީމުގެ މެނޭޖަރަކީ ފީވަކަށް ނިސްބަތްވާ މީހަކަށް ވުން ނުވަތަ ފީވަކު ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވުމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ކޮންމެ ޓީމަކުން އެންޓްރީ ފީއެއްގެ ގޮތުގައި 2,000 ރުފިޔާ ދައްކަންޖެހެއެވެ. ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ރޮލިގަންސް ޖަމިއްޔާއިން ދަނީ މި މުބާރާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް ވާދަކުރާ ފޯރިގަދަ އަދި ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ޖަމިއްޔާގެ ރައީސް ޢަލީ ރިޝްވާން (9151884) ނުވަތަ އަފްޒަލް (9634754) އާ ގުޅުއްވުމަށް ރޮލިގަންސް އިން އެދެއެވެ.















ޚިޔާލުތައް (0)