ށ. ކަނޑިތީމުގެ ފުޓްސަލް ދަނޑުގެ މަސައްކަތް މުޅިން ނިންމާލައިފި!

ށ. ކަނޑިތީމުގައި ތަރައްގީކުރަމުން އައި ފުޓްސަލް ދަނޑުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޒަމާނީ ފެންވަރަށް ތަރައްގީކުރި މި ފުޓްސަލް ދަނޑުގެ މަސައްކަތުގެ 100 އިންސައްތަ މިހާރު ވަނީ މުޅިން ފުރިހަމަކޮށްފައެވެ.
މި ދަނޑުގެ ވަށައިގެން ފެންސު ޖަހައި، ދަނޑު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކުޅިވަރު ކުޅެވޭނެ އެންމެހައި އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. މި ދަނޑު ނިމުމާއެކު ކަނޑިތީމުގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކަނޑިތީމުގައި ކުޅިވަރުގެ އިތުރު މަޝްރޫއުތަކެއްވެސް ދަނީ ހިންގަމުންނެވެ.
އެގޮތުން، އެ ރަށުގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށްޓަކައި ތަރައްގީކުރާ ”ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު“ ގެ ބިންގާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އަޅާފައެވެ.
މި މަރުކަޒަކީ އިންޑޯ ޖިމަކާއި، މީޓިންގ ރޫމެއްގެ އިތުރުން ތަފާތު އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އަދަދެއްގެ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަނެކެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ފޯރުކޮށްދިނުމެވެ.















ޚިޔާލުތައް (0)