ފޯކައިދޫގެ ސިއްޚީ ދާއިރާއަށް އިންޤިލާބީ ބަދަލެއް: އެކްސްރޭއާއި އާ ކޮޓަރިތަކުގެ ޢަމަލީ މަސައްކަތް ފަށަނީ!

ށ. ފޯކައިދޫ ރައްޔިތުން އަސާސީ ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަމުންދިޔަ ދިގު އަދި ބުރަ ދަތުރުތަކަށް ދާޢިމީ ހައްލެއް ލިބުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
އެ ރަށު ސިއްޚީ މަރުކަޒުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީޤެ ބޮޑު މަޝްރޫއުގެ ދަށުން، އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކްސްރޭ ރޫމާއި ޑޮކްޓަރުން ބައްލަވާ ދެ ކޮޓަރީގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެ ރަށަށް ގެނެވިފައެވެ.

މި މަޝްރޫއަކީ ފޯކައިދޫގެ ސިއްޚީ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ރަށުން ލިބޭ ސިއްޚީ ޚިދުމަތްތަކުގެ ފެންވަރު އިންޤިލާބީ ބަދަލަކުން މަތިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ރިޔާސީ ވަޢުދުފުޅު ހަޤީޤަތަކަށް ހެއްދެވުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން ދަނީ މި މަޝްރޫއުގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުންނެވެ.
މަސައްކަތަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ރަށަށް ހަމަވެފައިވާއިރު، ކޮންޓްރެކްޓަރާ ގުޅިގެން ސައިޓުގައި ޢަމަލީ މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ބާރުމިނުގައި ކުރިއަށެވެ.
މި މަޝްރޫއާއެކު ފޯކައިދޫއަށް އެކްސްރޭގެ ޚިދުމަތް ތަޢާރަފްވެގެންދިއުމަކީ، އެ ރަށުގެ އިތުރުން ކައިރި ރަށްރަށުގެ އާބާދީއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.
ބަލި ދެނެގަތުމަށް ބޭނުންވާ އަސާސީ ޑައިގްނޯސްޓިކް ޚިދުމަތްތައް ހޯދުމަށްޓަކައި، ކަނޑު ހުރަސްކޮށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ވެރިރަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މިއާއެކު ހުއްޓޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ޖީބުން ހިނގާ ބޮޑެތި ޚަރަދުތަކާއި ވަގުތު ބޭކާރުވުމުގެ ތަކުލީފުތަކަށް ދާއިމީ ލުޔެއް ލިބިގެންދާނެއެވެ.
ފޯކައިދޫ ރައްޔިތުންގެ ދިގުލީ އިންތިޒާރަކަށް ނިމުން ގެނެސްދެއްވައި، މި މަޝްރޫއު ހަޤީޤީ ކުލަޖައްސަވައިދެއްވާތީ، އެ ރަށުގެ ލޮބުވެތި ރައްޔިތުންނާއި ސިއްޚީމަރުކަޒުގެ މެނޭޖްމަންޓުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، ދާއިރާގެ ސިއްޚީ ކުރިއެރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ މަޖިލިސް މެންބަރު މުޙައްމަދު ޢިބްރާހީމަށް ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.















ޚިޔާލުތައް (0)