ފާފު އަތޮޅާއި ދާލު އަތޮޅުގެ ބައެއްރައްތަކުގެ ކުޅިވަރު އެކަޑަމީތަކުގެ މެދުގައި ބާއްވާ ”ފާފު އެކަޑަމީ ލީގު“ މިއަދު ފާފު ދަރަނބޫދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ދަރަނބޫދޫގައި ކުޅެވުނު ލީގުގެ ފުރަތަމަ މެޗުތަކުގެ ކުރިންނެވެ. މި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމުކުރާ ޓީމުގެ ފަރާތުން ވާހަކަދެއްކެވީ ނިލަންދޫ މައްޖުސަރ އެކަޑަމީގެ ފައުންޑަރ އަބްދުލް މަޖީދު ޢަލީ (މައްޖު ސަރ) އެވެ.
މައްޖު ސަރގެ ވާހަކަފުޅުގައި، މިފަދަ ލީގެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ފުޓްބޯޅައިގެ ހުނަރުވެރި ކުދިންތަކެއް އުފެއްދުމާއެކު، އަޚްލާޤީ ގޮތުން ރަނގަޅު، މުޖުތަމައުއަށް ފައިދާހުރި ޚިދުމަތްތަކެއް ކުރާނެ ކުދިންތަކެއް ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަޑަމީތަކުން ކުދިން ތަމްރީނު ކުރުމުގައި ކުޅިވަރުގެ އިތުރުން ސުލޫކީ މިންގަނޑުތަކަށް ދޭ އިސްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ ރީތި ޝީލްޑް ތަޢާރަފްކޮށްދީ، ލީގު ރަސްމީކޮށް ފައްޓަވައިދެއްވީ ދަރަނބޫދޫއަށް ނިސްބަތްވާ، އޮޑި ސްޕޯޓްސް ކްލަބާއި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ މުޒްދާން ޙަސަންއެވެ.
މި ލީގަކީ މިސަރަހައްދުގައި އަރަމުންއަންނަ ފުޓްބޯޅަ ކުޅުންތެރިންނަށް އެކުދިންގެ ހުނަރު ދައްކާލުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާއަކަށް އަމާޒުކޮށްގެނެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިފަހަރުގެ ލީގުގައި ޖުމްލަ 4 އެކަޑަމީއަކުން ބައިވެރިވެފައިވެއެވެ. އެއީ މަގޫދޫ ކައުންސިލް އެކަޑަމީ، ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީ، ނިލަންދޫ މައްޖުސަރ އެކަޑަމީ އަދި ދ. ބަނޑިދޫ މައިޝަން އެކަޑަމީއެވެ.