ފޯރިއާއެކު ”ޑީއެސް ގޭމްސް 2026“ ދަރަނބޫދޫގައި ފަށައިފި

ފޯރިއާއެކު ”ޑީއެސް ގޭމްސް 2026“ ދަރަނބޫދޫގައި ފަށައިފި

Screenshot 2026 04 28

ފޯރިއާއެކު ”ޑީއެސް ގޭމްސް 2026“ ދަރަނބޫދޫގައި ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ”ޑީއެސް ގޭމްސް 2026“ އިއްޔެ ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

މިއީ އެ ސްކޫލުގެ ތިން ހައުސްގެ މެދުގައި ވާދަވެރިކަމާއެކު ކުރިއަށްގެންދާ އެތުލެޓިކްސް މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ކުރިއަށްގެންދަނީ ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންގެ ޖަމްޢިއްޔާ ކަމަށްވާ ”ދަރިވަރުންގެ ގުލްޝަން“ގެ ކުޅިވަރު ކުލަބުންނެވެ.

މި ގޭމްސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަރަނބޫދޫ ފުޓްސަލް ދަނޑުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ގޭމްސް ރަސްމީކޮށް ފެށުމުގެ ގޮތުން ދަންމަރު ރޯކޮށްދެއްވީ ފ. އަތޮޅު ޕޮލިސް ކޮމާންޑަރެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ތިން ހައުސްގެ ކޮންޓިންޖެންޓްތައް ތަޢާރަފްކުރުމާއި، ގޭމްސްގެ ތަފާތު ހަރަކާތްތައް ތަޢާރަފްކުރުން އޮތެވެ. މީގެ އިތުރުން، މި މުބާރާތުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ކުރިއަރުވަން ބޭނުންވާ އަޚްލާޤީ އަގުތައް ތަޢާރަފްކުރުމާއި، އެތުލީޓުންގެ އަޒުމް އާކުރުމާއި، ދިދަ ނެގުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރަސްމިއްޔާތުގެ ފޯރި އިތުރުވެގެންދިޔައީ ސްކޫލުގެ ތުއްތު ކުދިން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ޚާއްޞަ އައިޓަމުންނެވެ.

މިއަހަރުގެ ޑީއެސް ގޭމްސްގައި ޖުމްލަ 9 ކުޅިވަރެއް ހިމެނެއެވެ. އޭގެ ތެރޭގައި ސްޕްރިންޓް ދުވުން، ދިގު ދުވުން، އުސްފުންމުން، ދިގުފުންމުން، ރިލޭ ރޭސް، ހާރޑްލް ރޭސް، ޝޮޓްޕުޓް އުކުން، ޑިސްކަސް އުކުން އަދި ރޯޑް ރޭސް ހިމެނެއެވެ. ފެށުމުގެ ރަސްމިއްޔާތަށްފަހު އެންމެ ފުރަތަމަ ކުރިއަށްދިޔައީ ކީސްޓޭޖް 3 ގެ ދަރިވަރުންގެ އުސްފުންމުމުގެ ހަރަކާތެވެ.

މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ކީސްޓޭޖަކުން ދެ ޖިންސް ވަކިންނެވެ. ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ އުމުރާއި ޤާބިލްކަމާއި ގުޅޭގޮތުން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ ދަސްކޮށް، ވާދަކުރުމުގެ ފުރުސަތު ހޯޯދައިދިނުމާއިއެކު ހުނަރުވެރި އެތުލީޓުން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ އޭޕްރިލް 27 އިން ފެށިގެން އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޑީއެސް ގޭމްސް އަކީ ސްކޫލުގެ ހުރިހާދަރިވަރުން ބައިވެރިވާ، ބެލެނިވެރިންގެއިތުރުން ރަށުގެމުޅިކޮމިއުނިޓީގެ ތަރުހީބުލިބޭ ކުޅިވަރުހަރަކާތެކެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި