ފާފު އަތޮޅާއި ދާލު އަތޮޅުގެ ބައެއްރައްތަކުގެ ކުޅިވަރު އެކަޑަމީތަކުގެ މެދުގައި ބާއްވާ ”ފާފު އެކަޑަމީ ލީގު“ ފޯރިއާއެކު ފަށައިފިއެވެ. ލީގުގެ ފުރަތަމަ ދުވަހު ބައްދަލުކުރީ މަގޫދޫ ކައުންސިލް އެކަޑަމީ އާއި ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީއެވެ. މި މެޗްތައް ކުޅެވުނީ ދަރަނބޫދޫ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ ފުރަތަމަ ދުވަހު ފޯރިގަދަ މެޗުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 14 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅެވުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. މި އުމުރުފުރާގެ ’އޭ‘ ޓީމުތައް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ’ބީ‘ ޓީމުތަކުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. 14 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަގޫދޫ ކައުންސިލް އެކެޑަމީގެ މުޙައްމަދު އަޒާން ބިން އަރީން އެވެ.
12 އަހަރުން ދަށުގެ އުމުރުފުރާގައި ފެނިގެންދިޔައީ ވާދަވެރި އަދި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މެޗުތަކެކެވެ. މި އުމުރުފުރާގެ ’އޭ‘ ޓީމުތައް ބައްދަލުކުރި މެޗު 4-0 ގެ ތަފާތަކުން ކާމިޔާބުކުރީ ޚައިރު ސްޕޯޓްސް އެކަޑަމީއެވެ. ނަމަވެސް ’ބީ‘ ޓީމުތަކުގެ މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަގޫދޫ ކައުންސިލް އެކަޑަމީއެވެ. 12 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޚައިރު ސްޕޯޓްސް އެކެޑަމީގެ އިޒްޔާން ހުސައިން އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާއަކަށް އަމާޒުކޮށްގެނެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިފަހަރުގެ ލީގުގައި ޖުމްލަ 4 އެކަޑަމީއަކުން ބައިވެރިވެފައިވެއެވެ. އެއީ މަގޫދޫ ކައުންސިލް އެކަޑަމީ، ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީ، ނިލަންދޫ މައްޖުސަރ އެކަޑަމީ އަދި ދ. ބަނޑިދޫ މައިޝަން އެކަޑަމީއެވެ.