ކުޅިވަރު

މޮރޮކޯ: މުސްލިމް އުންމަތް ފަޚުރުވެރިކޮށްދީފި

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
މޮރޮކޯ ފުޓްބޯޅަ ޓީމް މެޗަކަށްފަހު އުފާފާޅުކުރަނީ
Liyuntherikan
ID Card
އިޝްތިހާރު

މޮރޮކޯ އޮތީ އެފްރިކާ ބައްރުގައެވެ. ތަމްސީލުކުރަނީ އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނެވެ. އޭގެތެރެއިން ގިނަކުދިން އުފަންވެ، އުޅެބޮޑުވެ، ފުޓްބޯޅަ ކުޅެން ދަސްކުރީ ފުޓްބޯޅައިގެ ފަހުގެ ގަދަބާރުތައް އޮތް ޔޫރަޕްގައެވެ.

އެހެނަސް އެކުދިން ނިސްބަތްވަނީ މޮރޮކޯއަށެވެ. އެއީ ޢަރަބި އިސްލާމީ ޤައުމެކެވެ. މޮރޮކޯއަކީ އިސްލާމީ ޤައުމެކެވެ. ވޯލްޑްކަޕްގެ މާލަމްތަކުގައި އެކުދިން ތަމްސީލް ކުރަމުން އެދަނީ އިސްލާމީ އަޤީދާއާއި، ޢިބާދަތާއި، ޘަޤާފަތާއި އަގުތަކެވެ. ރަމްޒު ކުރަމުންދަނީ އިސްލާމީ އުންމަތުގެ އަޚްވަންތަކަމެވެ. ކޮންމެ ކާމިޔާބީއަކާއެކު އިޝާރާތްކުރަނީ އެއްކައުވަންތަ ކަމަށެވެ. ޝުކުރުވެރިވަނީ ސަޖިދައަށް ތިރިވެގެންނެވެ. ވިހުރުވަނީ ފަލަޞްޠީނުގެ ދިދައެެވެ. އުފަލުން ބައްދާލިޔަސް، ބޮސްދިނަސް އަދި ނަށާލިޔަސް އެންމެ ފުރަތަމަ މަންމައެވެ. ސުވަރުގެވަނީ އެމަންމަގެ ފައިތިލަ ދަށުގައޭ ބުނާބުނުން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލާ ކަހަަލައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މޮރޮކޯގެ ބޮއުފަލް އޭނާގެ މަންމައާއެކު އުފާފާޅުކުރަނީ

މޮރޮކޯ ނިސްބަތްވާ އަނެއް ޘަޤާފަތަކީ އަރަބި ދުނިއެވެ. ޢަރަބި ބަހެވެ. މި ޘަޤާފަތަށް އޮތް ލޯތްބާއި އިޙްތިރާމްވެސް އެޓީމުންދަނީ ދައްކަމުންނެވެ. ޓީމުގެ ކިޓުގައި ޢަރަބި ބަހުން ޤައުމުގެ ނަން ޖަހާފައިވުމީ އޭގެ ހެއްކެކެވެ.

ދެންއޮތީ އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ޕްރޮމޯޓްކުރުމުގެ ވާހަކައެވެ. މުސްލިމުންނާއި ދެކޮޅަށް ހުޅަނގުގެ މީޑިއާއިން ފަތުރާ އިންސާނީ ޙައްޤުތަކާއި ދެކޮޅުބައެއް ކަމުގެ ޕްރޮޕެގެންޑާއަށްވެސް މޮރޮކޯ ޓީމުން ރައްދު ދީފައިވެއެވެ. މަންމައަށް ދެއްކި ލޯތްބާއި، އިޙްތިރާމާއި ދިން އިސްކަމާއެކު އަންހެނުންގެ ޙައްޤުތައް ޕްރޮމޯޓްކުރުމުގައި ސައްތައިން ސައްތަ ހޯދައިފިއެވެ. ”ފްރީ ފަލަސްޓައިން“ ގެ ޝިޢާރާއެކު ސިޔާސީ، އިޖްތިމާޢީ އަދި އިންސާނީ ޙައްޤުތައް ޕްރޮމޯޓްކުރުމުގައި އެކުދިންނަކީ އެއްވަނައެވެ.

މޮރޮކޯގެ ޤައުމީ ފުޓްބޯޅަ ޓީމުން ދައްކަމުން އެދަނީ ގަދަހިތްވަރުން ކާމިޔާބު ހޯދުމާއި، އެކާމިޔާބު ފާހަގަކުރަންވީ ގޮތުގެ ނަމޫނާއެވެ. ސާބިތުކުރަމުން އެދަނީ، ކާމިޔާބީއަކީ އެބަޔަކު އެބައެއްގެ ގޮތުގައި ދީނާއި ޘަޤާފަތާއި، އަގުތަކަށް އިސްކަން ދީގެން ހޯދޭނެ އެއްޗެއްކަމެވެ. އެހެން ބަޔަކު އުޅޭގޮތް ނަކަލުކޮށް، ބަޔަކު އުޅޭގޮތަކަށް އުޅެގެން ލިބޭ އެއްޗެއް ނޫންކަމެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)