ކޯޗު ޒުއްބައާއެކު ޚައިރު އެކަޑެމީން ޚާއްސަ ތަމްރީނުތަކެއް ފަށައިފި!

ފ. ދަރަނބޫދޫގައި ހިންގަމުން އަންނަ ޚައިރު ސްޕޯޓްސް އެކަޑެމީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، މަޝްހޫރު އަދި ކާމިޔާބު ކޯޗު އަބްދުالله ޒުބައިރު (ޒުއްބަ) އާއެކު ކުރިއަށްގެންދާ ޚާއްޞަ ތަމްރީނު ސެޝަންތަކެއް ފަށައިފިއެވެ.
ޚައިރު ސްޕޯޓްސް އެކަޑެމީން މަޢުލޫމާތު ދެއްވި ގޮތުގައި، ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު ޒުއްބައާއެކު ކުރިއަށްގެންދާ މި ތަމްރީނު ސެޝަންތައް ކުރިއަށްދާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 24 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސެޝަންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެކަޑެމީގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ފުޓްބޯޅައިގެ ޒަމާނީ އުކުޅުތައް އެކުދިންނަށް ދަސްކޮށްދިނުމެވެ.
ފ. ދަރަނބޫދޫއަށް ނިސްބަތްވާ ޚައިރު ސްޕޯޓްސް އެކަޑެމީއަކީ ފުޓްބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ އެކަޑެމީއެކެވެ. އެގޮތުން ވެރިރަށް މާލޭގައި ބޭއްވޭ އެކަޑެމީ މުބާރާތްތަކުގައި ވާދަކޮށް، ފާހަގަކޮށްލެވޭ ފަދަ މޮޅު ކާމިޔާބީތަކެއް މިހާތަނަށްވެސް އެ އެކަޑެމީން ވަނީ ހޯދާފައެވެ. މީގެއިތުރުން، ޚައިރު އެކަޑެމީގެ އެކި އުމުރުފުރާތަކުގެ ކުދިން ވަނީ ރާއްޖޭގެ އެހެން ރަށްރަށުގެ އެކަޑެމީތަކާ ގުޅިގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވެސް ވާދަކޮށްފައެވެ. އަދި އެ މުބާރާތްތަކުގައި އެކަޑެމީގެ ޓީމުތަކާއި ކުޅުންތެރިން ދައްކުވައިދީފައިވާ މޮޅު ކުޅުމާއެކު، ރަނގަޅު ކާމިޔާބީތަކެއް ވަނީ ޙާޞިލްކޮށްފައެވެ.
ޚައިރު ސްޕޯޓްސް އެކަޑެމީން ޤަބޫލުކުރާ ގޮތުގައި، ކޯޗު ޒުއްބަ ފަދަ މޮޅު އަދި ތަޖުރިބާކާރު ކޯޗަކާއެކު ހޭދަކުރާ މި ދުވަސްތަކުގެ ސަބަބުން، އެކަޑެމީގެ ކުދިންގެ ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކުރިއަށް އޮތް މުބާރާތްތަކަށް ތައްޔާރުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މި ތަމްރީނު ސެޝަންތަކުގެ ސަބަބުން އެކަޑެމީގެ ކުޅުންތެރިންގެ އިތުރުން، ޚައިރު އެކަޑެމީގައި މަސައްކަތްކުރާ ރަށުގެ ކޯޗުންގެ ހުނަރާއި ތަމްރީނު ކުރުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ އެކަޑެމީން ފާހަގަކުރެއެވެ.
ކޯޗު ޒުއްބަގެ އިތުރުން ދަރަނބޫދޫގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ރަށުގެ ކުރީގެ މޮޅު ކުޅުންތެރިއެއް ކަމަށްވާ މުޙައްމަދު ޢުމަރު (ބޭބެ) އާއި އެކަޑެމީގެ ކޯޗު މޫސަ ވެސް ދަނީ ކުދިންނަށް އަގުހުރި އިރުޝާދުތަކާއި ތަޖުރިބާތައް ޙިއްޞާކުރަމުންނެވެ. މިފަދަ ތަޖުރިބާކާރު ފަރާތްތަކުގެ އެހީތެރިކަމާއެކު ޚައިރު އެކަޑެމީގެ މުސްތަޤްބަލު އިތުރަށް އުޖާލާވެގެންދާނެ ކަމަށް އެ ފަރާތުން އުއްމީދު ކުރެއެވެ.














ޚިޔާލުތައް (0)