ވާހަކަ: ތައުބާ

Dhanews Logo

ވާހަކަ: ތައުބާ

Vaakaha Feature Photo

ވާހަކަ: ތައުބާ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 5 މިނިޓުން

ދޯނި ތޮށިގަނޑާއި ކައިރިކޮށްލިވަގުތު ދޯނިތެރޭގައި ފިހި މާލެވިފައި ތިބި މީހުން އެއްގަމާ ދިމާއަށް ދުއްވައިގަތެވެ. ދޯނީގެ ކެޕްޓަން މާ އެއްގަމަށް ނުދިއުމަށް ދެމުންދިޔަ އިންޒާރާމެދު އެއްވެސް މީހަކު ސަމާލުކަމެއް ދިންހެނެއް ހިޔެއްނުވެއެވެ. އަހަރެންވެސް ދޯނިން ފައިބައިގެން އެއްގަމާ ދިމާއަށް ހިގައިގަތީމެވެ. އަހަރެންނަކީ މިރަށައް ބީރަޓެހި މީހެކެވެ. ދާނެވަކި ދިމާއެއްނެތުމުން ކައިރި ފިހާރައަކުން ޕެކެޓެއް ގަނެލައިގެން އައިސް އަހަރެން ރުކެއްގެ ހިޔަލުގައިހުރި ޖޯލިފައްޗެއްގައި ޖައްސާލީމެވެ.

ލޯމެރިލާއިރަށް ސިއްސައިގެންގޮސްފައި ހޭލެވުނީ “ބައްޕާއޭ” ގޮވާލިހެން ހީވެގެންނެވެ. ވަށައިގެން ހޯދާބަލާ ލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ލޮލުން ކަރުނަ ފާއްދާލިއެވެ. އަހަރެން މިތަނަށް އަންނާން ޖެހުނުގޮތް ހަނދާންވިއެވެ. މިއަދު ދަރަނބޫދޫއަށް އަރުވާލެވޭ މީހަކަށް ވެގެން އެރަށައް އަހަރެން މިދަނީއެވެ. އަހަރެންގެ ލޯބިވާ އަންހެނުން އަހަރެންގެ ފުރަތަމަ ދަރިފުޅަށް ވިހާން ތައްޔާރުވެފައި އިންދައި އޭނާގެ މައިންބަފައިންގެ ގާތައް ދޫކޮށްލާފައެވެ. ކަންތައް ހިނގާދިޔަގޮތް ނޭގޭހާލު އެންމެންވެސް ރުޅިއައީ އަހަރެންދެކެއެވެ. ހުރިހާ މަލާމާތެއް ލިބުނީ އަހަރެންނަށެވެ. ނަޒީމާ ރޮއިރޮއި އިނެވެ. އެންމެންގެ ހަމްދަރުދީއާ އޯގާތެރި ފިރުމުން ތަކުން ޙިމާޔަތް ލިބިގެންނެވެ.

އަހަރެން ނަޒީމާއާއި ކައިވެނިކުރީ ލޯބިންނެވެ. ލޯބިވެރިންގެ ލިސްޓުގަ އެންމެ ކުރީގައި އަހަރަކު ރަސްކަން ކުރުމަށް ފަހުގައެވެ. ނަޒީމާއަކީ މުއްސަނދި ކުއްޖެކެވެ. އަހަރެން ކަހަލަ ފަގީރަކަށް އެހާ މުއްސަނދި ކުއްޖަކު މަދުންނޫނީ ނުލިބޭނެއެވެ. ނަމަވެސް ނަޒީމާ ލިބުނީ އަހަރެންގެ ރީތިކަމުންނޭ ބުންޏަސް އެއީ އަމިއްލައަށް ފަޚުރުވެރިވުމެއް ނޫނެވެ. ސުކޫލު ދައުރުއްސުރެ އަންހެންކުދިން ފޮނުވާކާޑުތަކާއި ސިޓީތައް ރައްކާކޮށް ނަޒީމާއާ އިންއިރު އަހަރެންގެ އަލަމާރީ ވަތްގަނޑުތައް ހުރީ ފުރިފައެވެ. އެހުރިހާ އެއްޗެއް އަންދާލީ ނަޒީމާގެ އަތުންނެވެ. ނަޒީމާއާ ދިމާވުމުގެ ކުރިން އަހަރެންވެސް އުޅުނީ މުޅިން ރަނގަޅަކަށް ނޫނެވެ. ނަމަވެސް ނަޒީމާއާ ބައްދަލު ވުމަށްފަހު އެހެން އެއްވެސް އަންހެން ކުއްޖަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ނުދެމެވެ.

ނަޒީމާއަކީ ބަލާލަން މާރީތި ކުއްޖެއް ނޫނެވެ. ނަމަވެސް ވާހަކަދެއްކުމުގައި ހުންނަ އޮމާންކަމާއި ފަށުވިކަން އެއީ ނަޒީމާގެ މައްޗަށް އަހަރެންގެ ހިތް އަނބުރައިލި އެއްކަންތަކެވެ. ދެވަނަ ކަމަކީ ނަޒީމާ އަހަރެންދެކެވީ ލޯތްބެވެ. ނަޒީމާއާ ރައްޓެހިވެގެން އުޅުނުއިރު އަހަރެންނަށް ފާހަގަވި އެއްކަމަކީ ނަޒީމާއަކީ ދެއްކުންތެރިކަން ބޮޑު، އަމިއްލަގޮތުގައި ހިފަހައްޓަން ފައިވިއްދާފައި ހުންނަ ކުއްޖެއްކަމެވެ. އަދި އެދުވަސްވަރު އަހަރެމެން ދެމީހުންގެ ހުރިހާ ކަމެއްވެސް އޮންނާނީ ނަޒީމާ ބޭނުން ގޮތަކަށެވެ. އަހަރެން އެއިރު އެޅިހާބަތަކަށް ރިހާ ކިޔެގެން ހުންނަނީ އަހަރެންގެ އަތްބަކަށް ނަޒީމާ ވުމަށްފަހު އެކަހަލަކަންކަން އިސްލާޙުކުރަން ނިންމައިގެންނެވެ.

ނަމަވެސް ކައިވެންޏަށްފަހު ކަންތައްވީ އަހަރެން ހީކުރިގޮތާ މުޅިން އިދިކޮޅަށެވެ. އަހަރެން އުޅެން ޖެހުނީ ނަޒީމާގެ ގޭގައިކަމުން ނަޒީމާގެ އިތުރުން އޭނާގެ މައިންބަފައިންވެސް އަހަރެންގެ މައްޗަށް ބާރުފޯރުވަން ފެށީއެވެ. ނަޒީމާއާ ދިމާލަށް އެއްވެސް އެއްޗެކޭ ބުނާނެ ފުރުސަތެއް އަހަރެންނަކަށް ނޯވެއެވެ. ނަޒީމާ އުޅެނީ އުޅޭނެ ގޮތަކަށެވެ. ދަނީ ދާނެ ތަނަކަށެވެ. ގަންނަނީ ގަންނާނެ އެއްޗެކެވެ. އެއްޗެކޭ ބުނެފިއްޔާ ވަނީ ޒުވާބަކަށެވެ. އަހަރެން ލާރި ނުދީފިނަމަ، މައިންބަފައިންގެ އަތުން ލާރި ހޯދައިގެން ނަމަވެސް އޭނާ ބޭނުންކަމެއް ކުރެއެވެ. އެއްދުވަހަކު އަހަރެން މަންމަގާތުގައި ނަޒީމާއަށް ލާރި ނުދޭށޭ ބުނުމުން ވަރަށް ރުޅިއައިސްފައި ބުނީ އެމީހުން ލާރި ހޯދަނީ ދަރިން އުފާކޮށްދޭން ކަމަށެވެ. އަހަރެންގެ ފަރާތުން އެކައްޗެއްވެސް ނަޒީމާއަށް ދޭނެކަމެއްނެތޭއެވެ.

އަބަދު އަހަރެންނަށް ހުރެވެނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ. އަހަރެންގެ ފަރާތުން ނަޒީމާ ބޭނުން ހުރިހާކައެއްވެސް ނަޒީމާ ކުރުވައެވެ. ހަފުތާއަކު ދެރެއަކު މާލޭގެ ހުރިހާ ފިހާރަތަކަށް އަހަރެން ގޮވައިގެން ދާނެއެވެ. ހަފުތާ ބަންދަށް ރިސޯޓަށް ދާންޖެހެއެވެ.

ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެންގެ މާޔޫސްކަންދިޔައީ އިތުރުވަމުންނެވެ. އެހެންގޮތެއް ނެތުމުން އަހަރެން ނިންމީ ދަރިއަކު ހޯދާށެވެ. އޭރުން ދެން އެހެން ނޫޅެވޭނެތާއޭ ހިތައެވެ. ނަމަވެސް މިފަހަރުވެސް ލަނޑު ލިބުނީ އަހަރެންނަށެވެ. ބަނޑުބޮޑުކަން އިނގުމުން ނަޒީމާ އަހަރެންދެކެ އައިރުޅީގައި އަހަރެން ގެއިންވެސް ނެރެލިއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް ނަޒީމާއާ ދުރުގައި ހުރުމަކީ އަހަރެންނަށް ކެތް ކުރެވޭވަރު ކަމަކަށް ނުވިއެވެ.

މަސްތުވާތަކެއްޗާއި ދިމާއަށް އަހަރެންނަށް ދެވުނީ ނަޒީމާގެ އެ ދުރުކަމަށް ކެތް ނުކުރެވިގެންނެވެ. އަހަރެން އެތައް ރެއަކު ދަންވަރު ނަޒީމާގެ ކޮޓަރި ކައިރީހުރެ އާދޭސްކޮށް ރުއީމެވެ. އެތައްދުވަހަކު އަހަރެންނަށް މިހެން ނުހަދާށޭކިޔެ ނަޒީމާގެ ދެފައިގައި ހިފީމެވެ.

އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތަކެވެ. އަހަރެން އެންމެ ލޯބިވާމީހާ އަހަރެންގެ ސަބަބުން ބޮޑުވޭނެއް އުފުލަމުންދާއިރު އޭނާއާއި ދުރުގައި ހުރުމަކީ ކިހާ ވޭންދެނިވި ކަމަކަށް ވާނެކަން ނަޒީމާއަށް ނުވިސްނުނެވެ.

އެންމެފަހުން ހައްޔަރުވެ ވައްކަމުގެ މައްސަލައެއްގައި އަރުވާލަން ޙުކުމް ކުރުމުން އެންމެން އަހަރެންނާއި މަލާމާތްކޮށް ހެދިއަސް، އެދުވަހު އަހަރެން ދެރައެއް ނުވެއެވެ. އަހަރެން މިހާލުގައި ވަންނާނެ ގެއެއްނެތި އުޅޭތަން ނުވަ މަސްވިއިރު އަހަރެންގެ ޙާލު ނުދެކުނުބަޔަކު ދައްކާ ވާހަކަ އަޑުއަހާން އަހަރެންގެ ކަންފަތް މިއަދުހުރީ ބީރުވެފައެވެ. ނަމަވެސް އެވަގުތުވެސް ބަޑުބޮޑުވެ ވިހަން ތައްޔާރުވެފައިވާ ނަޒީމާ ފެނުމުން އަހަރެންގެ ހިތުގައި ޅިޔައެޅުނެވެ. އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން އެވަގުތުވެސް އަހަރެންނަށް ފެނުނީ ދެއްކުންތެރިކަމުގެ ކަރުނައެވެ. ނަޒީމާ އަހަރެންދެކެ ލޯބިވާނަމަ މިހާ ދަށުދަރަޖައަކަށް އަހަރެން ވައްޓައި ނުލީސްކަން ކަށަވަރެވެ.

“ނުދަނީތަ؟” އަހަރެންނަށް ހޭލެވުނީ ފެންތިއްކެއް މޫނުގައި ޖެހުމުންނެވެ. ހިތްދަތިވަނިވި ޚިޔާލުތަކެއް ކުރުމަށްފަހު، އަހަރެންނަށް ވަރުބަލިވެގެން ނިދުނީއެވެ. އަހަރެންނަށް ހޭލެވުމުން އަނެއްކާވެސް އެކުއްޖާ ބުންޏެވެ. “އެއޮއް އެންމެން ދޯންޏަށް އަރަނީ” އަހަރެން އެކުއްޖާ ފަސްފަހަތުން ދޯންޏާއި ދިމާއަށް ހިގައިގަތީމެވެ.

“ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ކަރުހިއްކައިގެންފައި ހުރިވަރުން އެދުނީމެވެ. އެކުއްޖާ ހިނިތުންވުމަކާއެކު ފެންފުޅި އަހަރެންގެ އަތައް ދިނެވެ. އަހަރެންގެ ޙަގީގަތް އެގޭނަމަ އަންހެން ކުއްޖަކު އެފަދަ މައުސޫމް ހިނިތުންވުމެއް އަހަރެންނަށް ނުދިނީސް ކަންނޭގެއެވެ.

“އަދިކިތައް ގަޑިއިރުން ދެވޭނެތަ؟” އެކުއްޖާ އަތަށް ފެންފުޅިދެމުން އަހަރެން އެހީމެވެ. “ތިރީސް ފަސްމިނިޓު” އަހަރެން ހަނދާންވީ ނަޒީމާގެ މަތިންނެވެ. ހަމަ އެކަހަލަ ފޮނިފޮނި އަޑެކެވެ. އަދިވެސް އެއްފަހަރު އޭނާލައްވައި ވާހަކަ ދައްކުވަން އަހަރެން ބޭނުންވިއެވެ.

ދޯނި ބިލެއްދޫއިން ނައްޓައިލިއްސުރެ އެކުއްޖާއިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންވެސް ސިއްރުސިއްރުން ބަލާލަމެވެ. އެއީ ވަރަށް ރީތިކުއްޖެކެވެ. އުމުރުން މިހާރު ވިއްސަކަށް އަހަރު ވެދާނެހެން ހަށިގަނޑަށް ބަލާލުމުން ހީވެއެވެ. ނަމަވެސް މޫނުމަތިން ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ކުއްޖެއް ހެންނެވެ. އޭނާގެ ލޯވެސް އެފޮނިފޮނި އަޑުހާ ރީއްޗެވެ. އެތައް ހިތާމައަކާ ހިތްދަތިކަމަކުން ހަށިގަނޑު ތޮރުފަމުން ދާއިރުވެސް ގުދުރަތުގެ ފުރިހަމަ އެޖިންސުއްލަތީފާ ދިމާއަށް ބަލާލުމުން ހިތަށް ތަސައްލީއެއް ލިބިގެން ދެއެވެ.

ކޮންމެއަކަސް އަހަރެންމިހުރީ ދަރަބޫދޫއަށް އަރުވާލެވިފައެވެ. އެރަށު މީހުންނަކީ އަހަރެން ހީކުރި ކަހަލަ ބައެއްނޫނެވެ. އަހަރެން ބާކީކޮށް އެކަހެރިކޮށްލުމުގެ ބަދަލުގައި އެންމެންވެސް އަހަރެންނަށް ހަމްދަރުދީ ވިއެވެ. ފުރަތަމަކޮޅު މަސްތުވާތަކެއްޗާ ދުރުގައިހުރުން އަހަރެންނަށްވީ ވަރަށް އުދަގޫ ކަމަކަށެވެ. ނަމަވެސް އެރަށުމީހުން އަހަރެންނާއިމެދު ބެހެއްޓި އޯގާތެރިކަމެއްގެ ސަބަބުން އަހަރެން ވަރަށް އަވަހަށް ހަމައަކަށް އެޅިއްޖެއެވެ. އެއިރު އަހަރެން އަދި ރަނގަޅަށް އެއަށް ދެވިނުހިފަނީ ކަންނޭގެއެވެ. ވަކިން ޚާއްސަކޮށް އަހަރެންގެ ސުނޭނާއެވެ. އެއްކަލަ ރީތި އަންހެން ކުއްޖާއެވެ. އޭނާ އަހަރެންނާ ދިމާއަށް ބަލަނީ ޚާއްސަ ނަޒަރަކުންކަން އަހަރެނަށް ފާހަގަ ކުރެވެއެވެ. އަދި ރަށުމީހުންނާ އޭނާގެ މައިންބަފައިންނަށް ސިއްރުން އޭނާ އަހަރެންނާ ބައްދަލުކޮށްވެސް ހަދައެވެ.

ރަށުގެ ވެރިން އަހަރެންގެ މަޑުމައިތިރިކަމާ ރީތި އަޚުލާގާމެދު ވަރަށް ހިތްހަމަޖެހެއެވެ. މިވީ ދުވަސްކޮޅުތެރޭ އަހަރެން ފަރުޞު ފަސް ނަމާދު ވަގުތުން ވަގުތައް މިސްކިތުގައި އަދާކުރީމެވެ.  ދެހަފުތާވާން ގާތްވެފައި ހުއްޓައި ރައްޔިތުން މުސާރަދޭ ޓީޗަރެއްގެ ގޮތުގައި އަހަރެން ހަމަޖައްސައި ދިނެވެ. މުސާރަ ކިތަންމެ ކުޑައަސް ސުކޫލުގައި ހޭދަކުރާ ވަގުތުތަކަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަގުތުތަކަކަށް ވިއެވެ.

ތިންވަނަ ހަފުތާގެ ބުރާސްފަތި ދުވަހު އަހަރެން ސުކޫލު ނިންމާލާފައި ބޮޑުމަގުން ހިގާފައި ގެއާދިމާއަށް އަންނަނިކޮށް ބޫތައް ފޯނެއްއައެވެ. ރަށުމީހަކު ނަގާފައި އަހަރެންނަށް އައިފޯނެކޭ ކިޔާފައި އަހަރެންގެ އަތަށް ފޯނުދިނެވެ.

“ހަލޯ” އަހަރެން ކާކުގެ އަޑެއްތޯ ވިސްނަމުން ބުނީމެވެ. “ޒާހިދުތަ؟ ހަމަދެންމެއަކު ކަލެއަށް ފިރިހެންކުއްޖަކު ލިބިއްޖޭ!” އެކޮޅުން އެމީހާ ވާހަކަދައްކަ ދައްކާ ހުއްޓައި ވީއުފަލުން ފޯނުބާއްވާފައި މިސްކިތާ ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ޝުކުރުގެ ސަޖިދައެއް ޖެހުމަށްފަހު މެންދުރު ނަމާދުކޮށްލައިގެން ގެއަށް ހިނގައިގަތީމެވެ. އެވަގުތު އަހަރެންނަށް ލިބިފައިވަނީ ކޮންކަހަލަ އުފަލެއް ކަމެއްވެސް ނޭގެއެވެ. ކުޑަފިރިހެން ކުއްޖަކު ފެނިގެން “ސަރއަށް މިއަދު ކުއްޖަކު ލިބިއްޖެޔޭ” ބުނުމުން “ބައްޕާއޭ” ކިޔާފައި ދުއްވައިގަތުމުން  މިކުރެވުނު ކަންތައް ވިސްނި ވަރަށް ހިނިއަންނަ ގޮތްވިއެވެ.

އެރޭ އަހަރެން ހުންނަ ގޭގައި ގަދައަށް ކެއްކީމެވެ. ރަށުގެ ވެރިންނާއި ސުކޫލުގެ މުވައްޒަފުންނަށް ކާންދީފައި ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ ފެނުނީ ނަޒީމާގެ ސޫރައެވެ. އެވަގުތު ނަޒީމާގެ މަތިން ވަރަށްބޮޑަށް ހަނދާން ވިއެވެ. އަހަރެންނާމެދު އޭނާ ކޮންމެގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް އޭނާ އަހަރެންދެކެ ނުލާހިކު ލޯބިވިއެވެ. ބައެއްރޭރޭ ނިދާގަޑީގައި ކުޑަކުއްޖެއް ފަދައިން އަހަރެންގެ މޭމަތީގައި ބޯއަޅާލައިގެންއޮވެ ރޮއިފާނެއެވެ.

އަހަރެން އަހަރެމެން ދެމީހުންގެ ހަނީމޫން ދުވަސްތަކުގެ ޙިޔާލުގެ ތެރެއަށް ގެއްލިފައި އޮއްވައި މީހަކުދޮރުގައި ޓަކިދިނުމުން ދޮރުހުޅުވީމެވެ. އެއިރު ބޭރުގައި ބޮނދާލައިގެން ސުނޭނާ ހުއްޓެވެ. އަހަރެން ދޮރުހުޅުވާލުމުން އަންނާށޭ ކިޔާފައި ގޯތީގައި ބިޔަކޮށް ހެދިފައިއޮތް މަގޫ ގަސްގަނޑުތެރެއަށް ހިގައިގަތެވެ.

މިރަށުގައި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ސުނޭނާއާ ބެހޭގޮތުން މީހުން ދައްކާ ތަފާތު ވާހަކަތައް އަޑުއިވިފައިވުމާއެކު އެގޮތައް ސުނޭނާގެ ފަހަތުންދާން ކުޑަކޮށް ޖެހިލުންވެސް ވިއެވެ. ރަށުމީހުންގެ ކުރިމަތީގައި އަގު ވެއްޓިއްޖެނަމަ މިރަށުގައި މިހެން ހަމަޖެހިލައިގެން އުޅެން ވަރަށް ދަތިވާނެއެވެ. ދެފިކުރުގައި ހުރެ އަހަރެން ހިގާފައިގޮސް ސުނޭނާއާ އެއްވަރުކުރީމެވެ.

“ރޮނީތަ؟” އެއިރު ސުނޭނާ ގިސްލާއަޑު އިވެއެވެ. އޭނާ އަހަރެންނަށް އޭނާގެ ކަރުމަތި ދައްކާލިއެވެ. ހީވަނީ ނޫފައިގެންފައި ހުރިހެންނެވެ. ސުނޭނާ އަހަރެންގެ މޭގައި ލައްވެލައިގެންހުރެ ރޯންފެށިއެވެ. އެހެން މީހުން ސުނޭނާއޭ ކިޔައިގެން ދައްކާ ވާހަކަތައް ހަނދާން ނައްތާލުމަށްފަހު އަހަރެންގެ ބާރުގަދަ މުލައްދަޑީގެ ޙިމާޔަތުގެ ތެރެއަށް ސުނޭނާ ގެނައިމެވެ. އެވަގުތު އަހަރެންނަށް ކުރެވިގެންދިޔައީ ކޮންކަހަލަ އިޙުސާސެއްކަމެއް ނޭގެއެވެ. ސުނޭނާގެ ދޮން އަނބެއްފަދަ ނިޔަނެތި ހަށިގަނޑު އަހަރެންގެ މެޔާ ފިތެމުން ދިޔަދިޔަހެން ސުނޭނާގެ ބަދަލުގައި ނަޒީމާގެ ޙިޔާލުތައް އަހަރެންގެ ހިތާ ހަށިގަނޑަށް މަސްތުކަން ވެރިކުރުވަން ފަށައިފިއެވެ. ދެން އެނާޒުކު ހަށިގަނޑު އަހަރެންނަށް ފެނުނީ އަމިއްލަ މިލްކެއް ފަދއިންނެވެ. މާމަލުން ވަސްބަލަމުން ފޮނިބޮމުން އުދުހޭ މާބުރެއް ފަދައިން ދުނިޔޭގެ އެހެން ހުރިހާކަމެއް އަހަރެން ހަނދާން ނެތިއްޖެއެވެ.

އަހަރެންނަށް ހަމަނޭވާލެވުނީ ސުނޭނާ އަހަރެންގެ ކަންފަތް މަތީގައި ފިސާރި ބާރަށް ވިހެލުމުންނެވެ. “އަހަރެން ހިޔެއްނުކުރަން ޒާހިދު …….” އަހަރެން ގޮވަގޮވާއޮއްވާ ސުނޭނާ ދުވަމުން ދުވަމުންގޮސް އަނދިރިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ. ކުރެވުނު ކަންތަކާއިމެދު އަހަރެން ވަރަށް ދެރަވެ ލަދުގަތެވެ. ނިކަމެތި އަންހެން ކުއްޖެއްގެ ފަރާތުން ނާޖާއިޒު ފައިދާނަގަން އުޅެވުނީތީއެވެ. ނަމަވެސް އެހާދަންވަރު އެގޮތައް ސުނޭނާވެސް އަހަރެންނާ ބައްދަލުކުރަން އައުންއެއީ ޚުދު ސުނޭނާގެވެސް ކުށެވެ. މުޅިރޭ އެނދުގައި ދެއަތައް ފޮރޮޅި ފުރޮޅި އޮވެވުނުކަން އެނގުނީ ފަތިސްނަމާދުގެ ބަންގީގެ އަޑުއިވުމުންނެވެ. އަވަހަށް ތެދުވެ ފެންވަރާލައިގެން ޖަމާއަތުގައި ބައިވެރިވީމެވެ. މީހުން ގޮސް ހުސްވުމުން މިސްކިތުގައި އެކަނިއިދެ އެތައްއިރަކު ރުއީމެވެ. ކުރެވުނު ކުށައް އިޙުލާސްތެރިކަމާއެކު ތައުބާވީމެވެ.

ޖެހިގެންއައިދުވަހު މަޢާފަށް އެދުމަށް ސުނޭނާ ފެނޭތޯ ބެލީމެވެ. ހެނދުނުގަޑީ އެގޭދޮށުން ދެތިންފަހަރަކު މުގޯލިވެސް އެޅީމެވެ. ސުކޫލުނިމިގެން ގެއަށްދާން ތައްޔާރުވަނިކޮށް ކޯޓަށް އަހަރެން ބަލާއައެވެ. އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. އަނެއްކާ ސުނޭނާ އަހަރެންނަށް ލަނޑެއްދިނީކީ ނޫންބާއެވެ. އެތެރެއަށް ވަންއިރުވެސް އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ނަމަވެސް ގާޒީގެ ވާހަކައިން އަހަރެން ގެނެވުނީ ނަޒީމާ ވަރިއަށް ސިޓީލައިގެންކަން އެނގުމުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އަހަރެންގެ ދަރިފުޅުދެން ދުވަހަކުވެސް އަހަރެންނަށް ފެންނާނެބާއޭ ހިތަށް އެރިއެވެ. ގާޒީގެ ވާހަކަތައް އަޑުއެހުމަށްފަހު އަހަރެން ނަޒީމާ ވަރިކުރީމެވެ. ހިތާދެކޮޅަށެވެ. ދުވެފައިދާ މަހެއްގެ ނިގުލުގައި ހިފަން އުޅެވުނުކަންއެއީ އަހަރެންނަށް އެޅުނު ޅައެއްޗެއްކަން ގަބޫލުކުރީމެވެ.

އެރޭ އަހަރެން ތަންކޮޅެއް އަވަހަށް ނިދޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަން އަހަރެންނަށް ކާމިޔާބެއްނުވިއެވެ. ނަޒީމާ އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތުން އަހަރެން ވަރަށް ބޮޑަށް ހިތުގައިޖެހުނެވެ. ބައެއްމީހުނަށް ލޯތްބަކީ އާތްވައް އަރަން ތައްޔާރުވެފައިވާ ފެން ތިއްކަކަށްވަނީ ކީއްވެބާއެވެ. އެހާ ފަސޭހައިން ނަޒީމާ އހަރެން ދެކެވީ ލޯބި ހަނދާން ނެތުނީ ކީއްވެބާއެވެ. މީހުން ބުނަނީ ތެދަކަށްވެސް ވެދާނެއެވެ. ލޯތްބަކީ ހަމައެކަނި ފައިސާވެރިންގެ ހައްގެކެވެ. ނަޒީމާދެކެ އަދިވެސް އަހަރެން ލޯބިވެއެވެ. އެއީ އަހަރެންގެ ތުއްތު ދަރިފުޅުގެ މަންމަކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ.

އަހަރެންއިނީ ތާސްކުޅެން ހޮޅުއަށީގައެވެ. ރަށުތެރޭގައި ހިނގާ ތަފާތު އެތައް ކަމެއްގެ ވާހަކަ ދައްކަމުންގޮސް ފެށުނީ ސުނޭނާގެ ވާހަކައެވެ. އޭނާ ރައްޓެހިވެގެން އުޅޭމީހާ އޭނާގެ ގައިގައި ތަޅައިގެން ވާހަކައެވެ. އެހެން ފިރިހެނަކާ ސިއްރުން ސުނޭނާ ބައްދަލު ކުރާކަން އެފިރިހެން ކުއްޖާއަށް އެނގުނީއެވެ. އެއީ ވަރަށް ރުޅިގަދަ ކުއްޖެއް ކަންވެސް އެމީހުންގެ ވާހަކައިން އެނގުނެވެ. އަހަރެންއިނީ އެއިންމީހަކާ ދިމާއަށް އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. އެމީހަކީ އަހަރެންކަން އެގިއްޖެނަމަ ދެންވާނީ ކިހިނެއްބާއޭ ހިތައްއަރައަރައެވެ. “އެކަކުވެސް ބޭނުމެއްނުވޭ އެމަންޖެއާ އިންނާކަން” އެތަނުން އެކަކު ސުނޭނާއަށް ހަމްދަރުދީވެފައި ބުންޏެވެ. އަހަރެން ވައަތުން މޫނުގަ ހިއްލާފައި ދާތިކިތައް ފުހެލީމެވެ.

އެރޭވެސް ނިދިވަނީ އަހަރެންނާ ރުޅިބުނެފައެވެ. ޚިޔާލަށް އަންނަމުން ދިޔައީ ސުނޭނާ ދައްކާފައިހުރި ތަފާތު ވާހަކަތަކެވެ. މިއަދު ހޮށުއަށިން އިވުނު އަޑުތަކެވެ. އަހަރެން ހަށިގަނޑަށް ތާޒާވައިކޮޅެއް ހޯދުމަށް ބޭރަށް ނުކުމެ ހިރުނދު ގަހުގައި އެލުވާފައިހުރި ޖޯއްޔެއްގައި ޖައްސާލީމެވެ. މިކަހަލަ ރީތިވައިރޯޅިވާ ރޭރޭ އެނދަށްވުރެ ބޭރު މާއަރާމޭ އެވަގުތު ހިތައްއެރިއެވެ. “ބޭރުގައޮވެ ނިދާކަށް ނުވާނެ” ސުނޭނާގެ އަޑަށް އަހަރެން ސިހިފައި ތެދުވީމެވެ. އެއިރު ސުނޭނާ ކޮފީތައްޓެއް ހިފައިގެން އަހަރެންގެ ވަރަށް ގާތުގައި ހުއްޓެވެ. “އަހަރެންނަށް މަޢާފުކުރޭ ސުނޭނާ، އަހަރެން ….” ސުނޭނާ އަހަރެންގެ އަނގަމަތިގައި އަތް އެޅިއެވެ. އެވަގުތު އަހަރެންގެ ޙިއްސުތަކާ ކުޅެލީ ސުނޭނާ ބޭނުންކޮއްފައިހުރި ސެންޓުގެ މީރުވަހެވެ. އެތައްއިރަކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. މިރޭ އަދިކުރިއަށްވުރެވެސް ސުނޭނާ އަހަރެންނަށް ރީތިވިއެވެ. “ކޮފީ” “އަހަރެންނާ އިންނާނަންތަ؟” ކޮފީ ތައްޓާއެކު ސުނޭނާގެ އަތް އަހަރެންގެ އަތުގެ ތެރެއަށް ލަމުން ސުނޭނާގެ ލޮލަށް ބަލަންހުރެ އަހަރެން ސުވާލުކުރީމެވެ. ސުނޭނާގެ ލޮލުން އެވަގުތު ފާއްދާލި އުފާވެރިކަމުގެ ކަރުނަތިކި ވެއްޓުނީ އަހަރެން ބޯލުމަށްޓަކާ އުފުލާލި ކޮފީތަށީގެ ތެރެއަށެވެ.” އައްދެއްޔޭ، ކޮފީތަށީގެ ފޮނިމާބޮޑަށްވެސް ގަދަވެއްޖެ” އަހަރެން ސުނޭނާގެ ނިތްކުރީގައި ބޮސްދޭން އުޅުނީމެވެ. ނަމަވެސް އަހަރެންގެ އަތްދަށުން ދެމިގަނެގެން ރޭގެ އަނދިރިކަމުގެ ތެރެއަށް ސުނޭނާ ގޮސްގެއްލުނީ ދިރިއުޅުމާމެދު  އާއުންމީދުތަކެއް އަހަރެންނަށް ގެނެސްދީފައެވެ.

ޙިއްސާ ކުރައްވާ:

One Response

ގުޅުންހުރި