ގޯލްޑެން ފުޓަސަލް ޗެލެންޖް 2023 ގައި ދަރަނބޫދޫއިން ބައިވެރިވެއްޖެ

ގޯލްޑެން ފުޓަސަލް ޗެލެންޖް 2023 ގައި ދަރަނބޫދޫއިން ބައިވެރިވެއްޖެ

Gfc

ގޯލްޑެން ފުޓަސަލް ޗެލެންޖް 2023 ގައި ދަރަނބޫދޫއިން ބައިވެރިވެއްޖެ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރި ވެވޭގޮތަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް ޗެލެންޖް 2023 ގައި ދަރަނބޫދޫ ތަމްސީލްކުރާނެކަން ދަރަނބޫދޫ ކައުންސިލުން ހާމަކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަރަނބޫދޫ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ޖަލްސާއެއްގައި ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ޙަމީދު އާދަމް ވިދާޅުވީ، ގޯލްޑެން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމަށް ދަރަނބޫދޫ ޒުވާނުންގެ ޝަޢުޤުވެރިކަން ކައުންސިލަށް ފާޅުކޮށްދީފައިވާކަމުގައެވެ. އެހެންކަމުން ކައުންސިލުން ދަރަނބޫދޫ ފުޓްސަލްކުޅޭ ޒުވާނުންނާއި ދަރަނބޫދޫ ޒުވާނުންގެ ކުލަބާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، ޒުވާނުންގެ އެދުމުގެ މަތީން މުބާރާތުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ކައުންސިލުން ދައްކައި ނިންމާފައިވާ ކަމުގައެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ޓީމުގެ އިންތިޒާމްގެ ކަންކަމާއި ޒުވާނުންގެ ކުލަބުން ޙަވާލުވުމަށް ހަމަޖެހިފައިވާ ކަމަށާއި، ކައުންސިލުން އުންމީދުކުރަނީ، ކުޅިވަރުގައި ރަނގަޅު އަޚްލާޤެއް ދައްކައި، ރަށަށް ރީތިނަމެއް ހޯދުމަށް ޓީމުން ގަދައަޅައި މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

މިމުބާރާތުގައި ބައިވެރިވާ ދަރަނބޫދޫ ޓީމުގެ ފަހުގެ އަދާހަމަތައް ހޯދާލުމަށް ދަރަނބޫދޫ ޒުވާނުންގެ ކުލަބްގެ ރައީސް މުޢައްދުއަށް ދަނިއުސް ޓީމުން މެސެޖްކުރުމުން ވިދާޅުވީ، ކައުންސިލްގެ ވާހަކައަށް ބުރަދަނެއް ދެވޭނެ މާގިނަ ވާހަކައެއް މިވަގުތައް ނެތްކަމަށާއި، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވާހަކަ ޒުވާނުންނާއި އެކު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ދެކެވިފައިވާކަމަށެވެ.

ދަރަނބޫދޫ އިންވަނީ މި މުބާރާތުގައި 2016 ވަނަ އަހަރު ވާދަކޮށްފައެވެ. ދަރަނބޫދޫ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި ޚާއްސަ ގަދަރެއް ދެވިފައިވާ ކޯޗް ޒުއްބަގެ އިރުޝާދުގެ ދަށުން އެއަހަރު ދަރަނބޫދޫއިން ބައިވެރިވެފައިވަނީ “ޓީމް ދަރަނބޫދޫ” ގެ ނަމުގައެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެޗްތައް ފެށުމަށް ތާވަލު ކުރެވިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަށެވެ. ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ކަނޑައަޅާ މިމުބާރާތް މީގެ ކުރިންވަނީ ކާމިޔާބުކަމާއެކު ހަފަހަރު ބާއްވާފައެވެ. ފާއިތުވީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާފައި މިއަހަރު މުބާރާތުގެ ފޯރިގަދަކުރުމަށް ބައެއް ބަދަލުތައް މުބާރާތުގެ ފޯމެޓަށްވަނީ ގެނެސްފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. ތިމަރަފުއްޓަކީ މިމުބާރާތް އެންމެ ގިނަފަހަރު ކާމިޔާބު ކޮށްފައިވާ ޓީމުވެސް މެއެވެ. އެގޮތުން ތިމަރަފުށިންވަނީ 2016 ވަނަ އަހަރާއި 2019 ވަނައަހަރުގެ އިތުރުން 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި