ދުނިޔޭގެ ފުޓްބޯޅައިގެ މައި މުބާރާތް ކަމަށްވާ ވޯލްޑްކަޕާއި ދިމާކޮށް ދަރަނބޫދޫ ޒުވާނުންގެ ކުލަބުން އިސްނަގައިގެން ދަރަނބޫދޫގެ ކުޑަކުދިންނަށް ޚާއްސަކޮށް “ކިޑްސް ގޯލްޑް ކަޕް 2022” ނަމުގައި ފުޓްސަލް މުބާރާތެއް އިޢުލާނުކޮށްފިއެވެ.
މި މުބާރާތަކީ ވޯލްޑް ކަޕާއި ދިމާކޮށް ފުޓްބޯޅައަށް ކުޑަކުދިން ޝައުގުވެރިކަން އިތުރުކޮށް އެކުދިންނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. ދަރަނބޫދޫ ޒުވާނުންގެ ކުލަބުން މިމުބާރާތުގެ ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީވެސް، ވޯލްޑްކަޕް މެޗްތައް ބެލުމަށް އެކުލަބުން އިސްވެ ތައްޔާރުކުރި ހަރުގޭގެ ކުރިމަތީގައި އޮންނަ ބިމުގައެވެ.
މިމުބާރާތުގެ އެންމެ ޚާއްސަ އެއްކަމަކީ، މުބާރާތުގައި ބައިވެރިވި ކުދިންތައް ގްރޫޕްތަކަށް ބެހުމަށްފަހު ޓީމްތަކަށް ނަންތައް ދެވިފައިވާ ގޮތެވެ. އެގޮތުން ހުރިހާ ޓީމްތަކަށްވެސް ނަން ދެވިފައިވަނީ މިއަހަރުގެ ވޯލްޑްކަޕްގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ނަމުންނެވެ. 2022 ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތުލުން މިއަދުވަނީ ކުރިއަށް ގެންގޮއްސައެވެ.
މި މުބާރާތުގައި ޖުމުލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ. ކޮންމެ ޓީމެއްގައިވެސް ރަޖިސްޓްރީ ކޮށްފައިވަނީ 3 ކުދިންނެވެ.
ދަރަނބޫދޫ އަކީ އަބަދުވެސް ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކު އުޅެމުންދާ ރަށެކެވެ. ފުޓްބޯޅައިގައި އަތޮޅު އަދި ޒޯން ފެންވަރުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ކުޅެފައިވާ، ފުޓްބޯޅައިގައި ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ ރަށެކެވެ.