ފެންޓަސީ ލީގަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗްތަކަށް ޚާއްސަކުރެވިގެން އެ ސީޒަނެއްގެ ފުރަތަމަ މެޗުން ފެށިގެން ފަހު މެޗާއި ހަމައަށް ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މީގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާ ރޯލަކީ ޕްރިމިއަރ ލީގްގެ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި އަމިއްލައަށް ހަދާ ޓީމެއްގެ ‘މެނޭޖަރު’ގެ ރޯލެވެ. ނުވަތަ އެޓީމެއްގެ ކޯޗުގެ ރޯލެވެ.
ދަނިއުސްއިން އާންމުކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ މި ލީގުގައި ދަރަނބޫދޫއަށް ‘ނިސްބަތްވާ” ކޮންމެ ފަރާތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. ދަރަނބޫދޫއަށް ނިސްބަތްވާ ފަރާތްތަކަކީ ދަރަނބޫދޫގެ ރަށްވެހިންނާއި، ދަރަނބޫދޫ މީހަކާއި އިނދެގެން އުޅޭ މީހުންނާއި ދަރަނބޫދޫ މީހުންނަށް ލިބިފައިވާ ދަރީންނެވެ. ލީގުގައި ބައިވެރިވުމަށް ވަކި ޢުމުރެއް ކަނޑައަޅާފައި ނުވެއެވެ.
މި ލީގުގައި އާންމުކޮށްފައިވާ އެހެން ގަވާއިދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ސީޒަނެކޭ އެއްފަދައިން މިއަހަރުވެސް، ކޮންމެ މެނޭޖަރަކަށް ބައިވެރިކުރެވޭނީ އެއް ޓީމެވެ. މެނޭޖަރުގެ ނަމުން އެއީ ކާކުކަން އެނގެންޖެހޭއިރު، އާންމު އަޚުލާޤީ މިންގަނޑުން ބޭރު ނަމެއް ޓީމަށް ނުކިޔޭނެއެވެ. ނުވަތަ އެފަދަ ނަމެއް ދީފައިވާނަމަ، އެނަން ބަދަލުކުރަން ދަނިއުސްއިން ފުރުސަތު ދޭނެއެވެ. ނަން ބަދަލު ނުކުރާނަމަ، އެ މެނޭޖަރެއްގެ ޓީމެއް ސީޒަނުން ޑިސްކޮލިފައި ކުރެވޭނެއެވެ.
މިއަހަރުގެ ސީޒަނުގައި ޓީމު ބައިވެރިކުރުމަށް ދެވިފައިވާ އެންމެ ފަހު މުއްދަތަކީ ޕްރިމިއަރ ލީގުގެ 23/2022 ސީޒަން ފެށުމަށް ހަމަޖެހިފައިވާ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭ 20.00 އެވެ. އެވަގުތުން ފެށިގެން މުބާރާތުގައި ޓީމުތައް ބައިވެރި ކުރުމުގެ ދޮރު ބަންދުކުރެވޭނެއެވެ. އަދި ހަމަ އެވަގުތުން ފެށިގެން ދަނިއުސްގެ ގަވައިދަށް ނުފެތޭ މެނޭޖަރުން ލީގުން ބޭރުކުރެވޭނެއެވެ.
ދަނިއުސް ފެންޓަސީ ލީގު 23/2022 ސީޒަންގައި ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހެއްގެ އެންމެ މަތިން ޕޮއިންޓް ހޯދާ މެނޭޖަރުގެ މަޤާމާއި ސީޒަން ނިމޭއިރު އެންމެ ގިނައިން ޕޮއިންޓް ހޯދާ މެނޭޖަރަށް ލިބޭ ގްރޭންޑް ވިނާރ ގެ މަޤާމެވެ. އެގޮތުން ކޮންމެ މަހެއްގެ އެއްވަނަ މެނޭޖަރަށް ދަނިއުސް ޓީމުން 150 ރުފިޔާގެ އޮންލައިން ކޮށް ފޮނުވުމާއި، ގްރޭންޑް ވިނާރ އަށް 5000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މި ލީގުގައި ބައިވެރިވާ މެނޭޖަރުންގެ އަތުން އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވެއެވެ. ލީގުގައި ބައިވެރިވުމަށް ދެވިފައިވާ ކޯޑަކީ “dkywqd” އެވެ.