ފާފު އަތޮޅު ވޮލީ މުބާރާތް ސެޕްޓެމްބަރު މަހު ފަށަނީ! މިފަހަރު ކޮން ބަދަލެއް؟

ފާފު އަތޮޅު ވޮލީ މުބާރާތް ސެޕްޓެމްބަރު މަހު ފަށަނީ! މިފަހަރު ކޮން ބަދަލެއް؟

Fvm2025

ފާފު އަތޮޅު ވޮލީ މުބާރާތް ސެޕްޓެމްބަރު މަހު ފަށަނީ! މިފަހަރު ކޮން ބަދަލެއް؟

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ފ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ފ.އަތޮޅު ވޮލީ މުބާރާތް 2025” މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަށާގޮތަށް ނިންމާ އެކަން ރަށު ކައުންސިލްތަކަށް އަންގައިފިއެވެ.

ފ.އަތޮޅުގައި ބޭއްވޭ އެންމެ ވާދަވެރި މި މުބާރާތަކީ 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 1 ފަހަރު އަތޮޅުގެ ރަށްރަށުގެ ޓީމުތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ފ.އަތޮޅުގެ ކައުންސިލްތަކަށް އެ ރަށަކުން ދެ ޖިންސުގެ ޓީމުތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފ.އަތޮޅު ކައުންސިލް އެގްޒެކްޓިވް އިބްރާހީމް ޝަރީފް ވިދާޅުވީ، މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުން ލިބޭ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ކައުންސިލަކަށް މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މުބާރާތް ކުޅޭނީ އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ޤަވާއިދަށެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ޓީމުތަކުގައި ބިދޭސީ ކުޅުންތެރިން ނުހިމެނޭނެ ކަމަށާއި އެރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ. ކުޅުމުގެ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފައި ނުވިނަމަވެސް، މިއަހަރު މުބާރާތަށް އަތޮޅު ކައުންސިލުންދޭ އެހީތަކާއި ހޮވާ ވަނަތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ މުހިންމު ބަދަލުތަކަކީ:

  • މުބާރާތް ބާއްވާ ރަށަށް ދޭ ފައިސާގެ އެހީ: މިއީ މުބާރާތް ބޭއްވުމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ކައުންސިލަކަށް، މުބާރާތުގެ ކަންކަން އިންތިޒާމްކުރުމަށް އަތޮޅު ކައުންސިލުން ދެއްވާ ފައިސާގެ އެހީއެވެ. މިދިޔަ އަހަރު މުބާރާތް ބޭއްވި ރަށު ކައުންސިލަށް 20،000ރ ގެ އެހީ ދެއްވާފައިވާއިރު މިއަހަރުވަނީ 30،000ރ ދިނުމަށް ކަނޑައަޅާފައެވެ.
  • ޗެމްޕިއަން ޓީމުތަކަށްދޭ ފައިސާގެ އެހީ: މުބާރާތުގެ ކޮންމެ ޑިވިޒަނެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް މިއަހަރު ވަނީ 50،000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައެވެ. މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ޓީމުތަކަށް ދީފައިވަނީ 20،000ރ އެވެ. އެހެންކަމުން މިއީ މިއަހަރު ފެންނާނެ އެންމެ ބޮޑު ބަދަލެވެ.
  • ރަނަރއަޕް ޓީމުތަކަށްދޭ ފައިސާގެ އެހީ: މުބާރާތް އެންމެ ފަހުން ބޭއްވުނު އަހަރު ރަނަރއަޕްކަން ހޯދި ޓީމުތަކަށް ދެއްވާފައިވަނީ 10،000ރ ނަމަވެސް މިއަހަރުވަނީ 20،000ރ އިތުރުކޮށް ޖުމުލަ 30،000ރ ދިނުމަށް ނިންމާފައެވެ.
  • ފެއަރޕްލޭ ޓީމަށް ފައިސާގެ އިނާމު: މިމުބާރާތް މިހާތަނަށް ބޭއްވުނު 2 އަހަރުވެސް ފެއަރޕްލޭއަށް ހޮވުނު ޓީމުތަކަށް ފައިސާގެ އިނާމެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތުގައި 5،000ރ ދިނުމަށްވަނީ ކަނޑައަޅާފައެވެ.
  • މީޑިއާރ ޕާޓްނަރއަށް ދޭ ފައިސާގެ އެހީ: މި މުބާރާތް މިހާތަނަށް ބޭއްވުނު 2 ފަހަރުވެސް މީޑިއާރ ޕާޓްނަރއެއް ކަނޑައަޅާފައިވަނީ އަތޮޅު ކައުންސިލުންނެވެ. އެހެންނަމަވެސް މިފަހަރުވަނީ އެކަން ބަދަލުކޮށް، އަތޮޅު ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކެއް ހިމެނޭހެން މީޑިއާރ ޕާޓްނަރެއް ކަނޑައެޅުން މުބާރާތް ބާއްވާ ރަށެއްގެ ކައުންސިލަށް ދޫކުރުމަށް ނިންމާފައެވެ. އަދި އެކަމަށް ދޭ އެހީއެއްގެ ގޮތުން އެރަށެއްގެ ކައުންސިލަށް 10،000ރ ގެ ފައިސާ ދިނުމަށްވަނީ ކަނޑައަޅާފައެވެ.

ފ.އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތަކީ އަތޮޅުގެ ރަށްތަކުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުކަން ހޯދާފައިވާ މުބާރާތެކެވެ. މިއީ ރަނގަޅަށް ރޭވިގެން ހަރުދަނާކަމާއެކު ބޭއްވޭ އަދި އަތޮޅުގެ ރަށްތަކުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތް އެއްއަހަރުން އަނެއް އަހަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ފ. އަތޮޅު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިހާތަނަށް ދެފަހަރަކު މި މުބާރާތް ބާއްވާފައިވާއިރު އެއްވެސް ޓީމަކަށް ދެފަހަރު މުބާރާތް ކާމިޔާބު ކުރެވިފައިނުވެއެވެ. މި މުބާރާތުގެ އަންހެން ޑިވިޒަނުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ދަރަނބޫދޫއިން ހޯދާފައިވާއިރު އޭގެ ކުރީއަހަރު ޗެމްޕިއަނަކީ މަގޫދޫއެވެ. މިދިޔަ އަހަރު ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދިއިރު، އެންމެ ފުރަތަމަ އަހަރުގެ ޗެމްޕިއަންއަކީ ނިލަންދޫއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި