ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން މިއަހަރުގެ އަޟްޙާ ޢީދާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ “ފެޒް ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 2025” ގެ ޗެމްޕިއަންކަން ކެމަލް ކުލަބުން ހޯދައިފިއެވެ.
ފ. ފީއައްޔަށް ނިސްބަތްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކެމަލް އިން ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިމަހުގެ 9 ވަނަ ދުވަހުގެ ހަވީރު ފެއްޓި މި މުބާރާތުގައި ޖުމުލަ 9 ޓީމަކުން ބައިވެރިވެފައިވާއިރު، ފައިނަލާއެކު ޖުމުލަ 19 މެޗުވަނީ ކުޅެފައެވެ. މިއީ ފީއަލީގައި ބޭއްވުނު ފުޓްސަލް މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ޓީމުތަކުން ބައިވެރިވެފައިވާ ފަހަރުވެސް މެއެވެ.
އިއްޔެ ހަވީރު މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވާއިރު، މެޗުގައި ބައްދަލު ކޮށްފައިވަނީ ކެމަލް އާއެކު ގުރޫޕް އޭގައި ހިމެނުނުފަރުކަން އެސްސީއެވެ. މި ދެ ޓީމުވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މީގެ ތިން ދުވަސްކުރިން ބައްދަލު ކޮށްފައެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކެމަލް ކާމިޔާބު ކުރިއިރު، އިއްޔެގެ ފައިނަލް މެޗު ކެމަލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިން ފަރުކަން އެސްސީ ބަލިކޮށްގެންނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ކިންގަކަށް ހޮވިފައިވަނީ ކެމަލް ކުލަބްގެ ކެޕްޓަން އަރުޝަމް ފައިސަލެވެ.
ކެމަލް ކުލަބުން ވަނީ މީގެ ކުރިން ފީއަލީ ކައުންސިލް އިން ކުރިއަށް ގެންދިޔަ “ޖަޒީރާ ކަޕް ފުޓްބޯޅަ މުބާރާތް” ވެސް ކާމިޔާބު ކޮށްފައިކަން ފާހަގަކުރެވެއެވެ. އަދި މި ކުލަބަކީ ފީއަލީ ކައުންސިލާއި ފިއަލީގެ އެހެނިހެން އިދާރާތަކުން އެރަށުގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކާއި އިޖްތިމާއީ ޙަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވާ ފަރާތްތަކެއްކަން ފާހަގަކުރެވެއެވެ.