ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަކުން ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު އެއްކުޅުންތެރިއަކީ ފ.ބިލެއްދޫ ޓީމުގެ މުޙައްމަދު ޒީދާން ޒުހުރީއެވެ. އޭނާއަކީ މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ބިލެއްދޫއަށް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއްކުޅުންތެރިޔާވެސް މެއެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނަގައި، ގަދަ 16 ގައި އއ.މަތިވެރި އަތުން ބަލިވެ ބިލެއްދޫ މުބާރާތާއި އަލްވަދާއު ކިޔަންޖެހުނު ނަމަވެސް، ޒީދާންވަނީ އެއަހަރު 18 ގޯލު ޖަހައި، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީޚުގައިވެސް އެންމެ މަދު މެޗުކުޅެގެން ރަންބޫޓު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. ފ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.
މިއަހަރު މުބާރާތުގެ ފައިނަލަށް ނުދެވި ޒީދާނަށް މިހާރު މުބާރާތް ނިމިފައިވާއިރު، ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އަދި ވަނީ ޒީދާނެވެ. ޒިދާންވަނީ މިއަހަރު ނިލަންދޫ އަދި މަގޫދޫ ކޮޅަށް 2 ގޯލު، ފީއަލި ކޮޅަށްޖެހި 1 ގޯލާއެކު ޖުމުލަ 5 ގޯލު ޖަހާފައެވެ.

ޒީދާނާއި އެންމެ ގާތުން 4 ގޯލާއެކު ރަންބޫޓަށް ވާދަކުރާ ލިސްޓްގައި ވަނީ ބިލެއްދޫ ޓީމުގެ ނަދީފް އިބްރާހީމާއި، ދަރަނބޫދޫ ޓީމުގެ މުޒްދާނު ހަސަނެވެ. މީގެ ތެރެއިން ނަދީފަށްވެސް މުބާރާތް ނިމިފައިވާއިރު، މުޒްދާނަށް އަދި ފައިނަލް މެޗު އޮތުމާއެކު ރަންބޫޓު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ލީގު ބުރުގައި މުޒްދާނު ވަނީ ނިލަންދޫ ކޮޅަށް ހެޓްރިކަކާއި ބިލެއްދޫ ކޮޅަށް 1 ގޯލު ޖަހާފައެވެ.
ރަންބޫޓަށް ވާދަކުރާ ލިސްޓުގެ ތިންވަނައިގައި 3 ގޯލާއެކު އޮތީ ނިލަންދޫ ޓީމުގެ އަހްމަދު ރިޒްވާނާއި މަގޫދޫ ޓީމުގެ މޫސާ މާހިލްއެވެ. މީގެ ތެރެއިން މިމުބާރާތުގެ ފައިނަލްގައި ކުޅުމުގެ ފުރުސަތު ލިބުނީ މާހިލްއަށެވެ. މާހިލްވަނީ ލީގު ބުރުގައި ފީއަލީ ކޮޅަށް 2 ގޯލުޖަހައި ދަރަނބޫދޫ ކޮޅަށް 1 ގޯލު ޖަހާފައެވެ.
މި ހިސާބުތަކަށް ބަލާއިރު އަންނަ ބުދަ ދުވަހުގެ ރޭ ފ.އަތޮޅު ބުރުގެ ފައިނަލްގައި ދަރަނބޫދޫ އަދި މަގޫދޫ ބައްދަލުކުރާ މެޗުން ޒީދާން ފަހަތައް ޖައްސާލުމަށްފަހު، ރަންބޫޓު ހޯދުމުގެ ފަހި ފުރުސަތެއް މުޒްދާނާއި މާހިލްއަށް އެބައޮތެވެ. ނުވަތަ މި ދެ ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ގިނަ ގޯލުތަކެއް ޖަހައިގެން އެފުރުސަތު ހޯދިދާނެއެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތުގެ ނަތީޖާތަކާއި ކުޅުމުގެ ފެންވަރަށް ބަލާއިރު ޚާއްސަކޮށް ފައިނަލްގައި ގިނަ ގޯލްތަކެއް އެއްކުޅުންތެރިއެއްގެ ފަރާތުން ފެނުމަކީ ވުމަށްވުރެ ދުރުކަމެއްކަމަށް ބެލެވެއެވެ. ފައިނަލް މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ރަންބޫޓު ދިފާޢު ކުރުމުގެ ފުރުސަތު ޒީދާނަށް ލިބުމަކީވެސް ވެދާނެ ގޮތެކެވެ.