ދަނިއުސް ފެންޓަސީ ލީގު 2024/25 ގެ ފުރަތަމަ ހާފްގެ ކުޅުން ނިމިފައިވާއިރު މިހާތަނަށް އެންމެ ގިނަ ޗިޕް އެކްޓިވޭޓް ކުރި މަހަކަށް ޑިސެމްބަރު ވެއްޖެއެވެ.
ޑީއެފްއެލް2025 ގައި ބައިވެރިވެފައިވާ 32 މެނޭޖަރުންގެ ތެރެއިން 18 މެނޭޖަރަކު ޑިސެމްބަރު މަހުވަނީ ޗިޕްތައް ބޭނުން ކޮށްފައެވެ. މީގެ ތެރެއިން 11 މެނޭޖަރަކުވަނީ ވައިލްޑް ކާޑު ޗިޕް ބޭނުންކޮށްފައެވެ. 2 މެނޭޖަރަކު ބެންޗު ބޫސްޓް ޗިޕް ބޭނުންކޮށްފައިވާއިރު 5 މެނޭޖަރަކުވަނީ ޓްރިޕަލް ކެޕްޓަން ޗިޕް ބޭނުންކޮށްފައެވެ. މިއީ މިސީޒަންގައި އެއް މަހުން އެންމެ ގިނަ ޓްރިޕަލް ކެޕްޓަން ޗިޕް ބޭނުންކޮށްފައިވާ މަސްވެސް މެއެވެ.
ޑިސެމްބަރު މަހުގެ ވަނަތަކަށް ބަލާއިރު މި މަހުވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނަ ލިބިފައިވަނީ އެންފީލްޑް އަނޫފް އަށެވެ. ޑިސެމްބަރު މަހު ޖުމުލަ ހަ ހަފްތާގެ ކުޅުން ކުރިއަށް ގެންގޮސްފައިވާއިރު އަނޫފް ވަނީ ޖުމުލަ 464 ޕޮއިންޓް ހޯދާފައެވެ. މިމަހުގެ ދެވަނައިގައި ޖުމުލަ 435 ޕޮއިންޓް އާއެކު ޝާފިއު އޮތްއިރު، އޭނާއަށްވުރެ 6 ޕޮއިންޓް މަދުން ލިބި 3 ވަނައިގައި އޮތީ ރިޝްވާންގެ މެޑްރިޑް އެފްސީއެވެ.
ފެންޓަސީ ޕްރިމިއަރ ލީގުގެ ދެވަނަ ހާފްގެ ކުޅުން ފެށޭނީ އަންނަ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ހަވީރުގައެވެ. ޖަނަވަރީ މަހު ޖުމުލަ ހަތަރު ހަފްތާގެ ކުޅުން ކުރިއަށްދާނެއެވެ.
ޑީއެފްއެލް 2025 ގެ ފުރަތަމަ ހާފްގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ އިމްރާން އަހްމަދުގެ “ރެޑްސް” އެވެ. ދެވަނައިގައި މުއައްދު މުޙައްމަދުގެ “އޭކްސް” އޮތް އިރު މުޙައްމަދު ސުލައިމާނުގެ “ސުލަޑޭ އެފްސީ” ވަނީ 3 ވަނައަށް ވެއްޓިފައެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު އަނޫފްގެ އެންފީލްޑްއަށް ކޮންމެ މަހަކު ގިނަ ޕޮއިންޓްތަކެއް ލިބުނުނަމަވެސް ލިބޭ ޕޮއިންޓްތައް ގެއްލަމުންދާތީ އޭނާ އޮތީ ތާވަލުގެ ފުލުގައެވެ.
ފެންޓަސީ ޕްރިމިއަރ ލީގުގެ ދަރަނބޫދޫއަށް ނިސްބަތްވާ ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ކޮންމެ މަހެއްގެ 1 ވަނަ ލިބޭ މެނޭޖަރަކަށް 250ރ 2 ވަނަ ލިބޭ މެނޭޖަރަށް 150ރ އަދި 3 ވަނަ މެނޭޖަރަށް 100ރ ގެ ފައިސާގެ އިނާމު ދިނުމަށް ދަނިއުސް އިން ވަނީ ކަނޑައަޅާފައެވެ. އެހެން އަހަރުތަކާއި ތަފާތުކޮށް މިއަހަރު ދަނިއުސް ލީގުގައި ހޮވަން ނިންމާފައިވަނީ ކޮންމެ މަހެއްގެ އެއްވަނަ ދެވަނަ އަދި ތިންވަނަ މެނޭޖަރެވެ.
މި ސީޒަންގައި ދަނިއުސް ފެންޓަސީ ލީގު ކުރިއަށް ގެންދެވެނީ އުމަސް ސްޕޯޓްސް ކުލަބުގެ އިތުރުން އެޑްވިން ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ ސްޕޮންސަރގެ އެހީގައެވެ.