ފ. އަތޮޅު ކައުންސިލްގެ “ފާފު ވޮލީ މުބާރާތް 2024” ގެ މީޑިއާ ޕާޓްނަރަކަށް “ދަނިއުސް” ހަމަޖައްސައިފިއެވެ.
މި މުބާރާތަކީ ފ. އަތޮޅުގެ ރަށްރަށުން ދެޖިންސްގެ ޓީމުތައް ބައިވެރި ކުރެވޭގޮތަށް އާންމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން ފ.އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް އެރަށެއް ތަމްސީލު ކުރުމަށް އަންހެން އަދި ފިރިހެން ވޮލީޓީމެއް އެކުލަވާލެވޭ މި މުބާރާތުގައި މިއަހަރު އަތޮޅުގެ ހުރިހާ ރަށަކުންވެސް ދެޓީމުވަނީ ބައިވެރި ކޮށްފައެވެ.
ފާފު ވޮލީ މުބާރާތުގެ މެޗުތައް ލައިވްކޮށް ގެނެސް ދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އެކައުންސިލުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ދެފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިވާއިރު، އެސްޓިމޭޓް ހުށަހަޅާފައިވަނީ ދަނިއުސްއިން އެކަންޏެވެ. މި ޕްރޮޕޯސަލްއާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރުމަށް ފ. އަތޮޅު ކައުންސިލުންވަނީ މިދިޔަ ބުދަދުވަހު ދަނިއުސްއާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން އޮތީ ދަރަނބޫދޫ ކައުންސިލްގެ ކޮންފަރެންސް ހޯލްގައެވެ.

ދަނިއުސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލް ބެލުމަށްފަހު، މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވާކަން އަންގާފައިވަނީ ބުރާސްފަތި ދުވަހުގައެވެ. މި ޕްރޮޕޯސަލްއާއި ގުޅިގެން ދަނިއުސްއާއި ފ.އަތޮޅު ކައުންސިލާއި ދެމެދު ފަހުމުނާމާގައި މި ފެށޭހަފްތާގައި ސޮއި ކުރެވިގެންދާނެ ކަމަށް އެކައުންސިލުންވަނީ އަންގާފައެވެ.
ފާފު ވޮލީ މުބާރާތަކީ 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތަކެވެ. މި މުބާރާތް ކުރިއަށް ގެންދާނެ ރަށެއް ކަނޑައަޅަނީ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހުގައެވެ. އެގޮތުން މިއަހަރުގެ މުބާރާތް އިންތިޒާމް ކުރުމުގެ މަސައްކަތް ޙަވާލު ކުރެވިފައިވަނީ ފ. މަގޫދޫ ކައުންސިލާއެވެ.
ފާފު ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ހަވީރުގައެވެ. މި މުބާރާތުގެ ފުރަތަމަ ސީޒަންގެ ފިރިހެން ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފ. ނިލަންދޫއިންނެވެ. އަދި އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފ. މަގޫދޫއިންނެވެ.