ފ.ޕޮލިސް ކުލަބުން އިންތިޒާމު ކޮށްގެން ފ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކަނބަލުންގެ ހޭންޑުބޯޅަ މުބާރާތް “ފ.ޕޮލިސް އަވަށްޓެރި ފުލުހުންގެ ހޭންޑްބޯޅަ މުބާރާތް 2023” މިއަދު ނިލަންދޫގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދާނީ ނިލަންދޫ ފުޓްސަލް ދަނޑުގައެވެ. މިއީ މިތޮޅުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ، އަތޮޅުފެންވަރުގެ ހޭންޑްބޯޅަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ފ.ބިލެތްދޫ ކައުންސިލް ގެ އިދާރާ އެވެ. މި މުބާރާތަކީ، ފ.އަތޮޅު ކޮމާންޑަރުގެ ވާދައިގެ ތަށްޓަށް ކުޅެވޭ މުބާރާތެކެވެ.
އަތޮޅުގެ ކޮންމެ ރަށަކުން، އެރަށެއްގެ ރަށުކައުންސިލް އެންޑޯޒުކުރާ 1 ޓީމަށް ބައިވެރި ވެވޭގޮތަށް ހުޅުވާލި މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ރަށުންނެވެ. އެއީ، ދަރަނބޫދޫ، ނިލަންދޫ އަދި ބިލެތްދޫ އިންނެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުންފެށިގެން މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ކުޅެވޭ ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 7 ކުޅުން ތެރިންވެސް ހޮވިގެންދާނެއެވެ. މޮޅު 7 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވަނީ ޑްރީމް ޓީމެއްގެ އުސޫލުން ކޮންމެ މަޤާމަކަށް އެންމެ މޮޅު ކުޅުންތެރިޔާ ހޮވާގޮތަށެވެ. އަދި، މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރއަޕް ޓީމު ވެސް ހޮވޭނެއެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ނިލަންދޫ ޓީމާއި ބިލެތްދޫ ޓީމެވެ. މިމެޗް 25 – 12އިން ކާމިޔާބުކުރީ ނިލަންދޫ ޓީމެވެ. މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ޓީމްގެ ރަޝްފާއެވެ. މުބާރާތުގެ 2 ވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ ނިލަންދޫ އާއި ދަރަނބޫދޫއެވެ. ލީގްބުރުގެ ފަހުމެޗްގައި ބުދަ ދުވަހު ބައްދަލުކުރާނީ ދަރަނބޫދޫ އާއި ބިލެތްދޫއެވެ.
ހޭންޑްބޯޅަ އަކީ ދާދިފަހުން ރާއްޖެއަށް ތަޢާރަފްވެ އާންމުވެފައިވާ، ހަލުވި ބާރުމިނެއްގައި މަޤްބޫލުވެ ކުރިއަރަމުންއަންނަ ކުޅިވަރެކެވެ. އަތޮޅުގެ ރަށްތަކުގައި މިކުޅިވަރު ތަޢާރަފްކޮށް ކުރިއެރުވުމަށް ފ. ޕޮލިސްކުލަބުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.