ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ފުރަތަމަ ކުޅުން ދެމެޗުން ބަލިވެފައިވީނަމަވެސް، މިހާތަނަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ކުރިއަށް އޮތްމެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށް ދަރަނބޫދޫ ތަމްސީލްކުރާ ޓީމްގެ ކޯޗް އަޒުހާން ޚަލީލް (އަޖޫ) ވިދާޅުވެއްޖެއެވެ.
މި މުބާރާތުގައި މަގޫދޫ އަކުން 1-0 އިން ބަލިވެ އަދި ރޭ ކުޅުން މެޗުން 4-0 އިން ދަރަނބޫދޫ ބަލިވެފައިވާއިރު ކުރިއަށް ދެން އޮތީ ބިލެއްދޫއާއެކު ކުޅެން އޮތްމެޗެވެ. ދަރަނބޫދޫ ޓީމް ދެމެޗުން ބަލިވެ ބައިކޮޅަށް 5 ގޯލް ވަދެފައިވާއިރު، މިހާތަނަށް ލަނޑެއް ޖެހިފައިނުވެއެވެ.
ދަރަނބޫދޫ ޓީމްގެ ކުޅުމާއި ބެހޭގޮތުން ދަނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަޖޫ ބުނީ، ކުޅެވުނު ދެމެޗްގައި ޓީމުން ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ދެމެޗްގައިވެސް އެންމެކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ކުޅުންތެރިންވަނީ ރަނގަޅު ކޮށްފައިކަމުގައެވެ. އަޒުހާންވެސް ފާހަގަކުރެއްވި ކަމަކީ ފައިނަލް ޓަޗް ނުވަތަ ގޯލެއް ނުޖެހޭ މައްސަލައެވެ.

މި މުބާރާތަށްވީ ތައްޔާރީތަކަށް ބަލާއިރު މުޅި ޓީމް އެކުގައި ޕްރެކްޓިސް ކުރެވިފައިނުވާކަން ކޯޗް އަޒުހާން ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ސަބަބުތަކާއިހުރެ، އެއްބައިކުޅުންތެރިންނަށް ޕްރެކްޓިސްކުރުމަށް ރަށަށް އާދެވިފައިނުވާކަމަށާ، މުބާރާތަށް ތައްޔާރުވުމަށް ރަށުގައިވެސް ކުރިއަށް ގެންދެވުނު ޕްރެކްޓިސްތައް މަދުކަން ފާހަގަކުރިއެވެ. އެހެންކަމުން އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ދެބަޔަކަށް ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދާންޖެހުމުން ޓީމެއް ގޮތުގައި ކުޅެން އުނދަގޫ ވުމެވެ. އަދި މަގޫދޫއާއެކު ކުޅެވުނު މެޗުން އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަން ހާމަކުރިއެވެ.
ޓީމުގެ ފިޓްނަސް އާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ކޯޗް ވިދާޅުވީ ދެ މެޗްގައިވެސް އިނދިކޮޅު ޓީމުތަކަށް ގޯލްޖެހުމަށް ފަހިވެފައިވަނީ އެ މެޗްތަކުގައި ފިޓްނަސް ދަށްވުމުން ވަރުބަލިކަން އިހްސާސްކުރެވޭ ވަގުތުތަކުގައި ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް، ފުރަތަމަ މެޗާއި އަޅާބަލާއިރު ދެވަނަ މެޗްގައި ފިޓްނަސް ރަނގަޅުކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. މިވަގުތު ޓީމުގެ މުހިންމު ދެކުޅުންތެރިންކަމަށްވާ އަލީ ނަސީރާއި މަޙްފޫޒް ޢުމަރަށް ރޯގާޖެހިފައިވާކަމަށާއި، ރޭގެ މެޗްގައި ސާޖިދު އަޙްމަދަށްވަނީ އަނިޔާވެފައިކަމަށް މަޢުލޫމާތު ލިބެއެވެ. މިކުޅުންތެރިންވެސް ކުރިއަށް އޮތް މެޗަށް ފިޓްވާނެކަމަށް އުއްމީދުކުރެވޭކަމުގައި ކޯޗްވަނީ މަޢުލޫމާތު ދީފައެވެ.
ކުރިއަށް އޮތް ބިލެއްދޫ މެޗުގައި ރަނގަޅު ސްކޯރ އަކާއެކު އިންޝާﷲ މޮޅުވެގެން މެޗުން ފޭބުމުގެ ޢަޒުމުގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ތިބީ
މިމުބާރާތުގައި ދަރަނބޫދޫ ޓީމް ދެން ކުޅެންޖެހެނީ ބިލެއްދޫއާ ދެކޮޅަށެވެ. ކުރިން ކުޅެވުނު ދެ މެޗު ފަދައިން ބިލެއްދޫއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ފޫހިކަމެއްނެތި ޓީމަށް ސަޕޯޓްކޮށް ދިނުމަކީ ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށާއި، ރައްޔިތުންގެ ފަރާތުން ޓީމަށް ދެއްވާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށް އަޒުހާން ވިދާޅުވިއެވެ. ބިލެއްދޫ އާދެކޮޅަށް ދަރަނބޫދޫ ކުޅެން ހަމަޖެހިފައިވަނީ މާދަމާރޭ 20:00 ގައެވެ.