ފ.މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދަކީ މިއަދު ރާއްޖޭގެ ލޯކަލް ގަވަރނަންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަމޫނާ ޝަހުސިއްޔަތެކެވެ. ޖެހިޖެހިގެން ތިން ދައުރު މަގޫދޫ ކައުންސިލްގެ ރައީސްކަން ކުރައްވައި، އެ ރަށަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވުމަށްފަހު، ވަހީދު މިއަދު މިވަނީ ހދ. މަކުނުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. މިއީ މަކުނުދޫގެ ތަރައްޤީއަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަން އޭނާގެ ފާއިތުވި ޚިދުމަތްތަކުން ހެކިދެއެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަހީދު ދަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަތޮޅު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަތޮޅުގެ އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކުގައި އޭނާ ދައްކަވާ ހިންގުންތެރިކަން ގާތުން ފެނިފައިވެއެވެ. މަގޫދޫގައި ބޭއްވޭ ކައުންސިލްގެ އިވެންޓެއް ކަމުގައިވިޔަސް ނުވަތަ އެރަށު ޖަމްއިއްޔާއެއްގެ ކަމެއް ކަމުގައިވިޔަސް، ފެށިގެން ނިމެންދެން އަމަލީ ގޮތުން މަސައްކަތުގައި އުޅުއްވާތަން ފެންނާނީ ވަހީދެވެ. އިވެންޓްތައް އޯގަނައިޒްކުރުމާއި، މީހުންނަށް މަރުހަބާ ކިއުމާއި، ކަންކަން ހަމަޖެއްސުމުގައި އޭނާއަކީ އަބަދުވެސް ނަމޫނާއެކެވެ. އޭނާގެ ވަށައިގެން އަބަދުވެސް ވަރުގަދަ ޓީމެއް އޮވެއެވެ.
ވަހީދުގެ އެންމެ ޚާއްސަ ސިފައަކީ އެންމެންނާ ގުޅޭ، މަޝްވަރާއަށް ލޯބިކުރާ ސިފައެވެ. ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވީ ނަމަވެސް، އޭނާއަކީ ހުރިހާ ފިކުރެއްގެ މީހުންނާވެސް ގުޅިގެން މަސައްކަތްކުރާ، ހިނިތުންވުމާއެކު ބައްދަލުކުރާ ”ކޮލިޓީ މެންޓޯރ“ އެކެވެ. އޭނާއަކީ ޒުވާނުންގެވެސް އަދި އުމުރުން ދުވަސްވީ މީހުންގެވެސް ގާތް ރަހުމަތްތެރިއެކެވެ. އެރަށުގައި ހިންގާ އެކިއެކި ކަންކަމުގައި އެރަށުގެ އުމުރުން ދުވަސްވީ މީހުންގެ ބަހާއި ލަފާ އޭނާ ހޯދައި، އަދި އެމީހުންގެ ވާހަކަތައް އެހެން މީހުންނަށް ބުނެދިނުމަށް ސީދާ ވަހީދު އިސްވެ ކުރެއްވި މަސައްކަތްތައް ގާތުން ދެކުނީމެވެ.
ހިންގުންތެރިކަމުގެ ދާއިރާއަށް ބަލާއިރު، މަގޫދޫ ކައުންސިލަކީ މިއަދު ރާއްޖޭގައި އެންމެ ފުދުންތެރި އެއް ކައުންސިލެވެ. ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ރަށަށް އާމްދަނީ ހޯދުމުގައި ވަހީދު ދައްކަވާފައިވަނީ ތަފާތު ”ވިޒަން“ އެކެވެ. ކައުންސިލުން ބިނާކުރި އިމާރާތްތަކާއި، ސްކޫލަށް ހަދިޔާކޮށްދެއްވި އެންމެ ޒަމާނީ ކޮމްޕިއުޓަރު ލެބަކީ މުޅި މީސްމީޑިއާގައި ވަހީދަށާއި ކައުންސިލަށް ތައުރީފް އޮއްސާލި ކަމެކެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކިތަންތަނުން ހޯދައި ދެއްވި ތަޖުރިބާގެ ފުރުސަތުތަކާއި ސިއްޙީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އޭގެ ހެކިތަކެވެ.
https://web.facebook.com/share/r/1Cpc3RK2Po/
ވަހީދުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ އޭނާ ކަނޑައަޅާ ލަނޑުދަނޑިތަކަށް ސީދާ ވާސިލްވުމެވެ. މިސާލަކަށް ކުޅިވަރުގެ ދާއިރާއަށް ބަލާލަމާ ހިނގާށެވެ. މީގެ އަހަރުތަކެއް ކުރިން މަގޫދޫއަކީ ކުޅިވަރުގެ ގޮތުން އެހާ ފާހަގަކޮށްލެވޭ ރަށެއް ނޫނެވެ. ނަމަވެސް، ވަހީދުގެ ދުރުވިސްނުމާއެކު އުފެއްދި ކުޅިވަރު އެކަޑެމީގެ ސަބަބުން މިއަދު މަގޫދޫއަކީ އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގެ އިތުރުން ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައިވެސް ރަންވަނަތައް ހޯދާ ރަށެކެވެ. ފަޚުރުވެރި ގޯލްޑަން ކަޕް ކާމިޔާބުކުރުމާއި، ވޮލީގެ ރަންވަނަތައް ހޯދުމަކީ ވަހީދުގެ ހިންގުންތެރިކަމާއި ރަށުގެ ޒުވާނުންނަށް ދެއްވި ހިތްވަރުގެ ނަތީޖާއެވެ. ފުޓްބޯޅައިގެ ދުނިޔޭގައި މީހުން ބަލައިގަންނަ ކާމިޔާބު ކުލަބެއް ކަމުގައިވާ އިޓަލީގެ އިންޓަމިލާންގެ ކުޅުންތެރިންނާއި އެބައިމީހުންގެ ޙަރަކާތްތައް ވަހީދުގެ މޭސްތިރިކަމުގައިވަނީ ހިންގައި ދީފައެވެ.
މަގޫދޫއިން ފެންނަ އަނެއް ތަފާތަކީ މުއައްސަސާތަކުގެ މެދުގައި އޮންނަ ބަދަހި ގުޅުމެވެ. ކައުންސިލާއި، ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނިތަކާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް ވަހީދު ވަނީ ގާއިމްކޮށްދެއްވާފައެވެ. މިއީ ލީޑަރެއްގެ ގޮތުގައި އޭނާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި އަބްދުﷲ ވަހީދަކީ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ނަތީޖާ ނެރެދޭނެ، ތަޖުރިބާކާރު، ހީވާގީ ލީޑަރެކެވެ. އޭނާއަކީ ރަށަކަށް ލިބޭނެ އެންމެ އަގުހުރި އެސެޓެވެ. މަގޫދޫގައި އޭނާ ދެއްކެވި ހިންގުންތެރިކަމުގެ ”ފޯމިއުލާ“ މަކުނުދޫއަށް ވެސް ގެނެސްދޭނެކަމީ ކަށަވަރު ކަމެކެވެ. ވަހީދަށް މަކުނުދޫ ރައްޔިތުން ދޭ ވޯޓަކީ، އެ ރަށުގެ މުސްތަޤްބަލް އުޖާލާކުރުމަށް ދެވޭ ޔަގީންކަމުގެ ވޯޓެކެވެ. އޭނާއަކީ ކާމިޔާބީގެ ތަޅުދަނޑި އަތުގައި އޮތް، އުންމީދީ ޝަހުސިއްޔަތެކެވެ.