ދަރިއަކު މިދުނިޔެމައްޗައް ނޭވާލުމާއިއެކު، ދަރަނިވެރިވެގެން ނަމަވެސް މައިންބަފައިން އަވަސްވެގަންނަނީ އެދަރިއަށް ލިބިދޭންޖެހޭ އެންމެހާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ. ހެޔޮގޮތުގައި ލިބިދޭންޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ކުރުމަށްޓަކައި ރަތްދައްކާއަވީގައި މީހުންނަށް ގުލާނުކޮށްގެން ކުރަމުންދާ މަސައްކަތް ހިތަށް ސިފަވުމުން ލޮލުން ކަރުނަފާއްދާލައެވެ. ތެދުމަގަށް ދަރިފުޅު ހޭނުމަށްޓަކައި ތެދުނިޔަތުގައި އަތުކުރި އޮޅާލައިގެން އެމައިންބަފައިން، ވަރުބަލިވެގެން ވެއްޓޭ ކޮންމެފަހަރަކު އަނެއްކާވެސް ތެދުވެހިނގައިގަންނަނީ، މިދުނިޔެމަތިން އެދަރިންނަށް ލިބިދޭންޖެހޭ އަސާސީ އިލްމު އުނގައްނައި ދިނުމަށްޓަކައި ފައިސާ އެއްކުރުމުގެ މާތް މަގުސަދުގައެވެ. ނަމަވެސް މިކުރާ މަސައްކަތުގެ ބުރަދަން ވަޒަންކުރެވެނީ ކިތައް ދަރިންނައްތޯ މިއީ އަޅުގަނޑުގެ ހިތުގަ އުފެދޭ ސުވާލެކެވެ. އަދި މައިންބަފައިންގެ ހިތްވަރުން ހޯދާ ފައިސާގެ ފަންވަރު ދައްކާލުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަނީ ކިތައް ދަރިންތޯވެސް މިއީ އަޅުގަނޑަށް ޖަވާބު ބޭނުންވާ ވަރަށް މުހިއްމު ސުވާލެއްކަމަށްވެސް ފާހަގަކޮށްލަމެވެ. ފަންވަރު ދައްކާލުމަށްޓަކައި ބައެއް ދަރިވަރުން ކުރާ މަސައްކަތްވެސް ވަރަށް ގިނަގުނައެވެ. ނަމަވެސް ރޭވުންތެރިކަމާއެކު މިކަން ނުކުރެވުމަކީ ރަނގަޅު ނަތީޖާ ހާސިލްކުރަން މަސައްކަތް ކުރާ ދަރިވަރުންނަށް އެޅިފައިވާ ހުރަހެއްކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން އަޅުގަނޑުގެ ލިޔާގަތާއި ޤާބިލްކަން ހުރި މިންވަރުން، ރޭވުންތެރިކަމާއިއެކު މިމަޤްސަދު ހާސިލްކުރާނެ ބައެއްކަންތައްތައް މިލިޔުމުގައި ހިމަނާލުމަށްޓަކައި އަޅުގަނޑުގެ ގަލަން ދީލާލާނަމެވެ.
ކޮންމެކަމެއްގައިވެެސް އެންމެ ފުރަތަމަ އިސްކުރަންވީ ދީނެވެ. މުސްލިމަކަށްވެހުރެ އިސްލާމްދީނުގައި ކުރަން ވާޖިބުކުރައްވާފައިވާ އަޅުކަންތައްތަކަށް ބެލުމެއްނެތި ކުރާ އެއްވެސް ޢަމަލެއްގައި ﷲ ބަރަކާތެއް ނުލައްވާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. ވަގުތުކަނޑައެޅިގެން އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާ ދީނީ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަ މީހަކަށް ކުރިއަަށް ދިޔުމަށް އެއްވެސް ހުރަހެއް ނެތެވެ. ހަމައެއާއިއެކު އިސްލާމްދީނުގައި އަންގަވާފައިވާ އިމުގެ ތެރޭގައި ތިބެ، މައިންބަފައިންނަށާއި، ކިޔަވައިދޭ އެދުރުންނަށާއި، ތިމާއަށްވުރެ ބޮޑެތި މީހުންނަށާއި އަދި ކުޑަކުދިންނަށްވެސް އިހްތިރާމް ކުރަންޖެހެއެވެ. އިހްތިރާމް ލިބިގަތުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށްވެސް އިހްތިރާމް ކުރަންޖެހެއެވެ. ތިމާގެ މަސައްކަތުގައި ބަރަކާތްލައްވާތޯ ރައްބުލް ކާއިނާތައް، ތާ އަބަދުމެ ޒިކުރު ކުރަންޖެހެއެވެ. މިއީ ރަނގަޅު ނަތީޖާއެއް ހާސިލްކުރުމަށްޓަކައި އަބަދުވެސް ކުރަންޖެހޭ ކަންކަމެވެ.
އަޅުގަނޑުމެންގެ ދެވަނަ ގެއަކީ ސްކޫލޭ ކިޔާތީ އަޅުގަނޑު އަހަމެވެ. އަދި ދެވަނަ މައިންބަފައިންނަކީ އެބައެއްގެ މަސައްކަތަށް އަޅުގަނޑުމެންގެ ތައުލީމީ ޙަޔާތް ބިނާވެފައިވާ މުދައްރިސުންނޭ އަދި މުދައްރިބުންނޭ ކިޔާތީވެސް އަޅުގަނޑު އަހަމުއެވެ. އެހެންކަމުން ސްކޫލަށާއި މުދައްރިސުންނަށް އިހުތިރާމްކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ދަހިވެތިވެފައިވާ ދަރިވަރުންނަށް ވަރަށް މުހިއްމު ކަމެކެވެ. ސްކޫލަށް އިހްތިރާމް ކުރުމުގެ މާނައަކީ ސްކޫލް ކުނިކަހާ ރީތިކުރުން އެކަންޏެއް ނޫނެވެ. އަދި ސްކޫލް ޒީނަތްތެރިކޮށް ފާރުތަކުގައި ބޮސްދިނުމެއްވެސް ނުމެނޫންމެއެވެ. އަޅުގަނޑަށް މިކަމުން ދޭހަވަނީ ސްކޫލްގެ ގާވާއިދަށް ބޯލެނބުމެވެ. ސްކޫލްގެ އިންފާރުން އެތެރޭގައާއި އަދި އިންފާރުން ބޭރުގައި ކުރުން މަނާކަންކަން ނުކޮށް ދޫކޮށްލައި އަދި ކުރުން ހުއްދަކަންތައް ހިތްވަރާއިއެކު ކުރުމެވެ. މުދައްރިސުން ފިލާވަޅު ނަގައިދެމުންދާ ގަޑީގައި ކަނުލާ އަޑުއެހުމެވެ. ދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމާ ޚަލާސްކުރުމެވެ. އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ފިލާވަޅުތައް މުޠާލިޔާކުރުމެވެ. ކުދިންގެ ޤާބިލްކަން ހުރި މިންވަރަކުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ލިބިފައިވާ ހުނަރުތައް ބެލުންތެރިންނަށް އޮއްސާލުމެވެ. ޔުނީފޯމްލައި، އެޔުނީފޯމަށް އިޙުތިރާމްކޮށް އަދި ކުލާހަށް ގެންނަންވާ ފޮތްތައް ތައްޔާރުކޮށް ގަޑިނުޖެހި ސްކޫލަށް އައުމެވެ. އަދި ސްކޫލުގެ ވެރިންދޭ އިރުޝާދުތަކަށް ބޯލަނބައި އެއާއެއްގޮތަށް އަމަލު ކުރުމެވެ. މިވަރުން އަޅުގަނޑު “އިޙްތިރާމް” މާނަކުރި ގޮތް އޮޅުންފިލާނެކަމަށް އުންމީދު ކުރަމެވެ.
ދެންއޮތީ ލަނޑުދަނޑިއެވެ. ލަނޑުދަނޑިއެއް ނެތި ދިރިއުޅުން ބައްޓަންކުރާނެ އެއްވެސް އިންސާނަކު މިއުޑުދަށުގައި ނުވާނެކަން އެއީ އަޅުގަނޑު ޝައްކު ކުރާނެކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ އެލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ކުރާ ޖިހާދު ކާމިޔާބުކަމާއެކު ނިންމާލަން މަސައްކައް ނުކުރާނެ މީހަކުވެސް ނެތްކަމީ މިކަމުގެ ވަރުގަދަކަން ހާމަވާނެ ހެއްކެކެވެ. އެހެންކަމުން ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ޒުވާނަކަށް ބަދަލުވެ އަދި މުސްކުޅިވެ ގައިބާރުދެރަވެ މިދުނިޔެއިން ވަކިވެ ދެމިއޮތުމުގެ އާލަމަށް އިންސާނާ ދަތުރުކުރާއިރު، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރޭވުންތެރިކަމާއިއެކު މަސައްކަތްކުރާ ތަޖުރިބާކާރުން މަސައްކަތްކުރި ގޮތްބަލައި، އޭގެން އަޅުގަނޑުމެން ކިޔަވާ ކުދިން އިބުރަތެއް ހާސިލް ކުރަންޖެހެއެވެ. އަދި ކިޔެވުމުގައި ކުރިއަށްދާން ބޭނުންވާގޮތެއް ހިތުގައި ކަނޑައަޅާ އެ އަމާޒު ފަތްގަނޑެއް ވާސިލްވޭތޯ މަސައްކަތްކުރުމަކީ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި އެޅިދާނެ ހަރުދަނާ ސިޔާސަތެކެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންވީގޮތް ބަހާލައިގެން މަސައްކަތް ކުރުމަކީ ވެސް ތިމާގެ ކިޔެވުމުގެ ލަނޑުދަނޑި ޙާސިލްކުރުމަށްޓަކައި ކުރެވިދާނެކަމެކެވެ. ސްކޫލް ފިލާވަޅުތަކާއި ޓިއުޝަން ފިލާވާޅުތައް ބަހާލައި، އަދި މައިންބަފައިންނާއި ގޭތެރޭގައި އާއިލާމެމްބަރުންނަށް އެހީވާނެ ވަގުތުދީގެން މަސައްކަތްކުރުންވެސް އެއީ މުހިއްމުކަމެކެވެ.
އަޅުގަނޑުމެން އުޅެމުންދާ ވެއްޓަކީ އެކިމިޒާޖުގެ އަފްރާދުން ދިރިއުޅެމުންދާ ވެއްޓެކެވެ. އެހެންކަމުން އަޅުގަނޑުމެން އަޑުއަހަން ބޭނުންނުވާ ވާހަކަތަކާއި، އަޑު އިވުމުން ތިމާގެ ނަފްސަށް އުނދަގޫވާ ވާހަކަތަކާއި، ގަބޫލުކުރަންބޭނުންނުވާ އެހެންނަމަވެސް ގަބޫލުކުރެވޭ ގޮތަށްދެކެވޭ ވާހަކަތަކަކީ، އަޑު ނޭހިއަސް އަޑު އިވޭނެ ވާހަކަތަކެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އަދި މިކަމަށް ތިމާގެ ނަފުސު ތައްޔާރުކޮށް ހޭނެންވެސް ޖެހެއެވެ. ވަކި މީހެއްގެ ވަކި ދަރިއަކަށް ވީތީ ތަފާތުކުރާ ވާހަކަ އަޅުގަނޑުވެސް އަޑުއަހަމެވެ. އަދި މުބާރާތްތަކުގައި ކުދިން ނަގާއިއިރު ބޮޑެތި ބޮޑެތިންގެ ދަރިންނަގާވަހަކައަކީވެސް އަޑުއިވޭ ވާހަކަތަކެވެ. ނަމަވެސް ކޮންމެ ދަރިވަރަކުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމެވެ. ނަތިޖާ އަންނައިރު ތިމާކުރި މަސައްކަތުގެ ނަތީޖާއަށް ތިމާ ވާސިލްވުމެވެ. ތިމާ އުނގެނުނު އަދި ދަސްވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފާ ތަފާތު ނަތީޖާއެއް ދައްކާލުމެވެ. މައިންބަފައިންގެ އެމައުސޫމް މޫނުތަކަށް ހިނިތުންވުން ގެނުވޭތީ، ކުރާ ތަފާތަކަށް ނުބަލައި އަމިއްލަނަފުސަށް އިތުބާރުކޮށް އަމިއްލަ މަސައްކަތުން ފޮނިކާމިޔާބެއް ހޯދުމުންނެވެ.
އިންޖީނެއް ހިންގުމުށާއި، އޭގެން ލިބިދޭންޖެހޭ ޚިދުމަތްތައް ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ އިންޖީނުގެ ކާނާއެއްގެ ގޮތުގައި ބޭނުންކުރަނީ ތެލެވެ. ހަމަމިގޮތް އިންސާނުންނަށްވެސް ވެއެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި، ހެދިބޮޑުވުމަށް އިންސާނާއަށްވެސް ކާނާ ބޭނުންވެއެވެ. ސިއްހަތު ސަލާމަތުން ހުރެގެން މެނުވީ އިންސާނާ އަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އެހެންކަމުން ކިޔަވާ ދަރިވަރަކު ކުރަމުންދާ ބުރަ މަސައްކަތުން ހޯދާ ފޮނި ނަތީޖާގެ މޭސްތިރިއަކީ ރަނގަޅު ސިއްހަތޭ ބުނުމަކުން ގޯހެއްނެތެވެ. އަދި ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ގަޑިންގަޑިއަށް ކެއުމާއި، އަދި ރަނގަޅު ކާނާ ބޭނުންކުރުމަކީވެސް މުހިއްމު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.
ރަނގަޅު ނަތީޖާއެއް ހާސިލް ކުރުމަށްޓަކައި އަޅުގަނޑަށް ކޮންމެވެސް މިންވަރެއް ތަފްސީލްކޮށް ދެވިއްޖެކަމަށް ގަބޫލުކުރަމެވެ. އަދި މިލިޔުމުގައި މިވާ ވާހަކަތަކަކީ ސްކޫލް ދަރިވަރަކަށް އެނގިފައިނުވާ އާ ވާހަކަތަކަކަށްވެސް ނުވާނެއެވެ. ނަމަވެސް ފޮތެއް އޮތަކަސް އެދުރެއްނުވާނެއެވެ. އަމަލީ ގޮތުން މިކަންކަން ކުރުމުން ނޫނީ މިކަމުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. ދީނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރާށެވެ. މައިންބަފައިންނަށާއި މުދައްރިސުންނަށް އިހުތިރާމާއިއެކު ކިޔަމަންތެރިކަން އަދާކުރާށެވެ. ސްކޫލްގެ ޤަވާއިދުތަކަށް ބޯލަނބާށެވެ. ރޭވުންތެރިކަމާއިއެކު މަސައްކަތްތައް ބަހާލައި، ބިނާކުރަނިވި ޕްލޭނަކަށް މަސައްކަތްތައް ފައްތާލައިގެން ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތްކުރާށެވެ. ރަނގަޅުކާނާ ބޭނުންކުރުމާއި، އަދި ނިދުމަށް ސަމާލުކަންދީގެން، މަސައްކަތްކުރެވޭފަދަ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާށެވެ. މިބުނި ކަންތައްތަކުގައި އަލީގައި ރަނގަޅު ނަތީޖާއެއް ޙާސިލް ކުރުމަށް އަޒުމް ކަނޑައަޅާށެވެ. މާޒީވިދުވަސްތައް ދޫކޮށްލައި އަލުން އާފެށުމަކުން މަސައްކަތްފަށާށެވެ. ހިކުމަތްތެރިކަމާއި އެކު ބުރަމަސައްކަތްކުރާ އަޅުންނަށް އެކަލާންގެ ކާމިޔާބު ދެއްވާނެކަން ޔަޤީނެވެ.