އަހަރީ ދުވަހު އަގުވަޒަން ކޮށްފައިވާ ގޮތާއިމެދު ގިނަބައެއްގެ ފާޑުކިޔުން ކައުންސިލަށް

އަހަރީ ދުވަހު އަގުވަޒަން ކޮށްފައިވާ ގޮތާއިމެދު ގިނަބައެއްގެ ފާޑުކިޔުން ކައުންސިލަށް

Ca 93

އަހަރީ ދުވަހު އަގުވަޒަން ކޮށްފައިވާ ގޮތާއިމެދު ގިނަބައެއްގެ ފާޑުކިޔުން ކައުންސިލަށް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 3 މިނިޓުން

ދަރަނބޫދޫ ކައުންސިލަށް 64 އަހަރު ފުރުމާއި ގުޅިގެން 2023 ފެބްރުވަރީ 04 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކައުންސިލަށް ޚިދުމަތް ކޮށްދެއްވާފައިވާ ބައެއް ފަރާތްތަކުގެ އަގުވަޒަންކުރުމުގައި ބަލާފައިވާގޮތަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. މި ރިޕޯޓްގެ މައިގަނޑު މަޤްޞަދަކީ، މިކަން ހިނގާފައިވާ ގޮތާއި، ދިމާވެފައިވާ ކަމަށް ބެލެވޭ މައްސަލަތަކާއި، އަޅުގަނޑުމެންގެ ނަޒަރުގައި މި މައްސަލަތައް ޙައްލުކުރެވޭނެކަމަށް ފެންނަ ކަންކަމާއި ބެހޭގޮތުން ދަނިއުސްއިން ދެކޭގޮތެއް ހާމަކުރުމެވެ. ފަހަރުގައި އަޅުގަނޑުމެންގެ ޚިޔާލަކީ އަދި އެންމެ ރަނގަޅުގޮތް ކަމުގައި ނުވިނަމަވެސް، ގޯސްކޮށް ހިނގި ކަމެއް ކުރިއަށް އޮތްތަނުގައި ރަނގަޅު ކޮށްލެވިދާނެކަމަށް ފެންނަގޮތެއްވެސް ހާމަކުރުމަށް މަސައްކަތްކުރުމެވެ.

ކައުންސިލްގެ 64 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވުނު ރަސްމިއްޔާތަކީ އެކައުންސިލްގެ އަހަރީ ދުވަސް އެފަދަ ގޮތަކަށް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ “ޚިދުމަތުގެ އަގު ވަޒަންކުރުމުގެ” ބައެވެ. ކައުންސިލަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 6 ފަރާތަކަށް ހަނދާނީ ފިލައި ދެއްވާފައިވާއިރު 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި 7 ފަރާތަކަށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. މީގެ އިތުރުން “ދަރަނބޫދޫ ކައުންސިލަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވަމުން ގެންދަވާ” ފަރާތްތަކުގެ ތެރެއިން 5 ފަރާތަކަށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. މި ބައިގައި ސެޓްފިކެޓް ލިބިލައްވާފައިވަނީ ފެނަކަ ދަރަނބޫދޫ ބްރާންޗް، އަޙްމަދު ޒުމީން – ރީތިގަސްދޮށުގެ/ދަރަނބޫދޫ، އެޑް ޖަމްޢިއްޔާ، އަޙްމަދު ރަފީޢު – ދޫރެސް/ނިލަންދޫ، އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު – ޖަނަވަރީމާގެ/ ދަރަނބޫދޫ އަށެވެ. ޖުމްލަ ގޮތެއްގައި ރައްޔިތުން ސުވާލު އުފައްދައި ފާޑުކިޔާފައިވަނީ ފަހުން މި ދެންނެވުނު “ކެޓަގަރީން” އަގުވަޒަންކުރެވުނު ބައެއް ފަރާތްތަކަށެވެ.

ޖަމްޢިއްޔާތަކުން ހަމައެކަނި އެޑްޖަމްޢިއްޔާ!

ކައުންސިލަށް އެކިގޮތްގޮތުން ޚިދުމަތް ކޮށްދެއްވި ފަރާތްތަކުގެ ބައިން ހަމައެކަނި އެޑްޖަމްޢިއްޔާއަށް ހަނދާނީލިޔުން ލިބިގެން ދިއުންވީ، އެންމެ ގިނަ މީހުން ސުވާލު އުފެއްދި ސަބަބަށެވެ. ފަހަރެއްގައިވެސް އެޑް ޖަމްޢިއްޔާއަށް ލިބިގެނެއްނޫނެވެ. އެޑް ޖަމްޢިއްޔާއަށް ލިބިފައި، ދަރަނބޫދޫ ޒުވާނުންގެ ކުލަބަށް ނުލިބެންވީ ކީއްވެތޯ އުފެއްދި ސުވާލެވެ. ދަރަނބޫދޫ ކައުންސިލްގެ މެނިފެސްޓޯއެއް 3 އަހަރުވަންދެން ތަންފީޒުކުރުމަށް ދަރަނބޫދޫ ޒުވާނުންގެ ކުލަބުން ބޭނުންކުރަމުން އައި ޤަވާއިދެއް ކައުންސިލުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވައި ދިނުމާއި، ދަރަނބޫދޫ ޒުވާނުންގެ ކުލަބްގެ ފުރިހަމަ ޙިއްސާއާއެކު ޤައުމީ ފެންވަރުގައި ބާއްވަމުން އައި އަތޮޅު ފުޓްބޯޅަ މުބާރާތެއްގެ ރަންތަށި ދަރަނބޫދޫ ކައުންސިލަށް ހޯދައިދީފައިވާ އަދި ޒުވާނުންގެ ކުލަބުގެ ދިގު ތާރީޚްގައި ގިނަގުނަ މަސައްކަތްތަކެއް ކައުންސިލަށް ފޯރުކޮށް ދެއްވާފައިވާއިރުވެސް އެފަރާތުގެ އަގުވަޒަންނުކުރުމުން ކުރިމަތިވި ފާޑުކިޔުންތައް ގިނައެވެ. މީގެ ތެރޭގައި ޒުވާނުންނާއި، ޒުވާނުންގެ ކުލަބުގެ ރައީސްކަން ކުރައްވާފައިވާ އެކިއެކި ފަރާތްތަކުން ކައުންސިލަށް ފާޑުކިޔާފައިވާކަން ފާހަގަކުރެވެއެވެ.

މުވައްސަސާތަކުން ހަމައެކަނި ފެނަކަ؟ ކީއްވެ؟

ދެވަނައަށް އެންމެ ގިނަ ފާޑުކިޔުން އަމާޒުވީ ދަރަނބޫދޫގެ ކޮންމެ މުވައްސަސާއަކީ ކޮންމެ ކަމެއްގައިވެސް އެއް މުވައްސަސާއިން އަނެއް މުވައްސަސާއަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ވާއިރު، ރަށުކައުންސިލުން ޚިދުމަތުގެ އަގުވަޒަންކޮށް ހަމައެކަނި ފެނަކައަށް ހަނދާނީ ލިޔުން ދީފައިވުމެވެ. ފެނަކައަށް ހަނދާނީލިޔުން އަރުވަމުން ކައުންސިލްގެ ފަރާތުން ރަސްމިއްޔާތުގައި ހާމަކުރި ސަބަބަބީ، “ކައުންސިލުން އެދިގެން މަގުތަކުގެ ކަރަންޓް މަސައްކަތް ޙައްލުކޮށް ދިނުމުގައި އެހީތެރިކަން ދިނުމެވެ”. އެކަމުން ފެނަކައިގެ ޚިދުމަތުގެ އަގު ވަޒަންކުރެވުނުއިރު، ދަރަނބޫދޫ ސިއްޙީމަރުކަޒާއި ދަރަނބޫދޫ ސްކޫލުން ދިން ޚިދުމަތާއި އެހެން މުވައްސަސާތަކުގެ ޚިދުމަތް ކޮބައިތޯ އުފެއްދި ސުވާލެވެ. ޚާއްސަ ގޮތެއްގައި ރަށުގައި އުފެދޭ ކުނީގެ މައްސަލަ ޙައްލުކުރުމަކީ ކައުންސިލަށް މަތިކުރެވިފައިވާ ޒިންމާއަކަށްވާއިރު، ރަށުގައި އުފެދޭ ޕްލާސްޓިކް ކުނީގެ %99 މެނޭޖްކުރަނީ ދަރަނބޫދޫ ސްކޫލުންކަން އެއީ ވަންހަނާވެފައިނުވާކަމެކެވެ. ފަސޭހައިން ނައްތާނުލެވޭ ކުނީގެ އެހެން ބާވަތްތައް ކައުންސިލަށްވެސް ނައްތާލުމުގައި އެތަށް ގޮންޖެހުންތަކެއް ހުރިއިރު، ކޮންމެ ސަބަބަކާއިހުރެ ނަމަވެސް، ދަރަނބޫދޫ ސްކޫލުން އެމަސައްކަތްކުރާކަމީ، ބަލައިގަންނަންޖެހޭނެ މަސައްކަތެއްކަމުގައި ދެކެމެވެ. މީގެ އިތުރުން ހިނގަމުން މިދާ ކައުންސިލަށް 2 އަހަރުވުމާއި ގާތްވެފައިވާއިރު ހިންގުނު ހަމައެކަނި ކުޅިވަރު މުބާރާތްތަކުގެ އިންތިޒާމްތައްކޮށް، ބެލެހެއްޓެވީވެސް ސްކޫލުންނެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ސިއްޙީ ނުރައްކާ ކަމުގައިވި ކޮވިޑްގެ ދަތި ޙާލަތުގައި، ކަމާއިބެހޭ އިދާރާތަކުން ކޮވިޑް މެނޭޖްކުރުމުގެ މަސައްކަތުގެ ގިނަ ޒިންމާތަކެއް ކައުންސިލްތަކާ ހަވާލުކުރިކަމާއި، ދަރަނބޫދޫ ކައުންސިލްގެ އެދުމުގެ މަތީން ދަރަނބޫދޫގައި އެމަސައްކަތް ކޮށްދެއްވީ ރަށު ސިއްޙީމަރުކަޒުންކަމާއި، ސިއްޙީމަރުކަޒާއި އިދާރާތަށް ޝާމިލްވެ، މުޅިރާއްޖެއިން ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ރަށަށް ހޯދައިދިންކަމީ ޚުދު ކައުންސިލަށްވެސް ދެބަސްވެވެން ނެތްކަންކަމެވެ.

މިވީ ކިހިނެތް؟

އަގުވަޒަންކުރުމުގެ ރަސްމިއްޔާތަށްފަހު، ދަނިއުސްގެ ޓްވިޓާ ހޭންޑަލްގައި ސުވާލުއުފެދުނު އެތައްކަމެއް ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެވިފައިވާނެއެވެ. އަދި ދަނިއުސްއާއި މީސްމީޑިއާގެ އެހެން ތަންތަނުގައިވެސް އެކިއެކި ފަރާތްތަކުން ފާޑުކިޔަމުން އައިސްފައިވާއިރު، ކަން ހިނގާ ދިޔަގޮތް ސާފުކުރުމަށް ސީދާ ކައުންސިލަރުންނާއި ސުވާލުކުރެވި، އެކަށީގެންވާ ޖަވާބެއް އެބޭފުޅުންގެ ފަރާތުން ނުލިބުމާއިގުޅިގެން މި ރިޕޯޓް ލިޔަންޖެހޭކަމަށް ދެކި، އަޅުގަނޑުމެންވާނީ ގުޅުންހުރި މަޢުލޫމާތު ހޯދުމަށް ކައުންސިލްގައި ރަސްމީކޮށް ފޯމަކުން އެދިފައެވެ.

އެޑް ޖަމްޢިއްޔާގެ އަގުވަޒަންކޮށްފައި ޒުވާނުންގެ ކުލަބުގެ އަގުވަޒަން ނުކުރި ސަބަބެއްކަމުގައި ކައުންސިލުން ދެއްވި ރަސްމީ ޖަވާބުގައި ހާމަކޮށްފައިވަނީ ދަރަނބޫދޫގައި ހިންގާ ހުރިހާ ޖަމްޢިއްޔާއެއްގެ އަގުވަޒަންކުރާ ކަމަށާއި، “ކައުންސިލުން” އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާނީވެސް ޒުވާނުންގެ ކުލަބަށް ކަމަށެވެ. މިއީ އަޅުގަނޑުމެން ކުރި ސުވާލާއި ގުޅުންނެތް ޖަވާބެއްކަމަށްވާއިރު، ކައުންސިލުން އިތުރަށް ބުނެފައިވަނީ ޝަކުވާ ގިނަވެފައިމިވާ ކެޓަގަރީގައި ބަލާފައިވާނީ 2022 ވަނަ އަހަރު ކޮށްދިން ޚިދުމަތަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް، ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ދެއްވި އިރު އެހެން ކެޓަގަރީތަކުން މުއްދަތެއް ސާފުކޮށް ހާމަކުރެއްވި ނަމަވެސް މި ކެޓަގަރީގައި މުއްދަތެއް ހާމަނުކޮށް ސެޓްފިކެޓް ބެއްސެވީއެވެ. ދަނިއުސްއިން މިކަން އިތުރަށް ސާފުކުރިއިރު ދެންވެސް ފެންނަންއޮތީ އިތުރު މައްސަލައެވެ. އެއީ މި ރަސްމިއްޔާތު ބޭއްވުމުގެ 2 ދުވަސްކުރިން، ކައުންސިލްގެ ކޯޑިނޭޝަން ބައްދަލުވުމެއް 3 މެމްބަރުންގެ ބައިވެރިވުމާއެކު ބާއްވައި، އެ ބައްދަލުވުމުގައި ހަނދާނީ ލިޔުން ދެއްވާނީ “މިދައުރުގައި” އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ހަނދާނީ ލިޔުންތައް ލިބިގެން އަގުވަޒަންކުރެވިފައިމިވަނީ ހަމައެކަނި 2022 ވަނަ އަހަރަށްކަމެއް، އަދި މިކައުންސިލްގެ ދައުރު ފެށުނު ދުވަހުން ފެށިގެންކަމެއް ޚުދު ކައުންސިލަށްވެސް ޔަޤީނެއް ނުކުރެވުނެވެ. އެކަމަށް ބާރުލިބޭ އެއް ހެއްކަކީ ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށްދެއްވާފައިވާތީ އެމަސައްކަތްކުރި ފަރާތަށް ހަނދާނީ ލިޔުން ދީފައިވުމެވެ. ދަނިއުސްއަށް ކައުންސިލުން ދެއްވާފައިވާ ޖަވާބުގައި ހާމަކުރައްވާފައިވާނީ، އެ ވެބްސައިޓަކީ 2014 ވަނަ އަހަރުގެ އުފެއްދުމެއްކަމެވެ. ކައުންސިލްގެ ނިންމުމުގައި އެންމެ ބޮޑަށް ޚިދުމަތް ކޮށްދެއްވި އެއް މުވައްސަސާއަކާއި، އެއް ޖަމްޢިއްޔާއަކާއި، އާންމުންގެ ތެރެއިންވެސް އެކެއް  އަދި “ޚާއްސަ މަސައްކަތްކޮށްދެއްވި” އަތޮޅު ކައުންސިލުން 2 ފަރާތެއްގެ ޚިދުމަތް ފާހަގަކުރަން ނިންމާފައިވާކަން އެނގެން އޮތެވެ.

ރިޕޯޓްގެ ނިންމުން/ޚުލާސާ

ދަރަނބޫދޫގެ އެންމެ އިސް މުވައްސަސާކަމަށްވާ ދަރަނބޫދޫ ކައުންސިލުން އެކައުންސިލްގެ 64 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބައެއްގެ އަގުވަޒަންކުރުމުގައި ގޯސްތަކެއް ހެދިފައިވާކަމަށް ދަނިއުސްއިން ދެކެމެވެ. މިކަންކަން ހިނގާފައިވާކަމަށް ޤަބޫލުކުރެވޭ ގޮތަށް ބަލާއިރު، އެކަށީގެންވާވަރަށް ތައްޔާރުވެވިފައި ނުވާކަމަށް ނުވަތަ، “އަވަސް އަރުވާލައިގެން” އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރޭގައި ބައެއް މުހިންމުކަންކަން އަތުން ދޫވެފައިވާކަން ދޭހަ ނުވޭހެއްޔެވެ؟ ކަންކަން ކުރާއިރު އަތުން ދޫވެދާނެކަންކަން ހުންނާނެކަމާއި އަލަށް ކުރާއިރު އަދި އެތައް ފަހަރަކުކުރި ނަމަވެސް، ފާޑުކިޔުން ހުންނާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އަދި ކޮންމެ ފާޑުކިޔުމަކީ ބިނާކުރަނިވި ފާޑުކިޔުމަކަށް ނުވެދާނެކަމަށްވެސް ދެކެމެވެ. އެންމެ ރަނގަޅު އެއްގޮތަކީ ފާޑުކިޔުން މަދުކުރެވޭނެގޮތަކަށް ކަންކަން ރޭވުމެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ރަށުގެ އެންމެ އިސް މުވައްސަސާގެ ހައިސިއްޔަތުން ބައެއްގެ އަގުވަޒަންކުރެވޭއިރު، އަގުވަޒަންކުރާ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކުން ނޮމިނޭޓްކުރާނެ ފަރާތްތަކެއް ކަނޑައެޅުން މިނިވަން ކޮމެޓީއަކާއި ކައުންސިލަށް ޙަވާލުކުރެވިދާނެއެވެ. އެނގިފައިވާގޮތުން މި ރަސްމިއްޔާތާއި ގުޅިގެން ބޭއްވުނު ބައްދަލުވުމެއްގައި އެފަދަ ހުށަހެޅުމެއް ކައުންސިލަށް ލިބުނެވެ. އެހެންނަމަވެސް، އެކޮމެޓީއެއް އެކުލަވާނުލައި އެ މަސައްކަތް ކައުންސިލުން ކޮށްނިންމާލީއެވެ. މުހިންމު އަނެއްކަމަކީ، އެވޯޑާއި ލިޔުންތައް ދިނުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅުމެވެ.  މިފަދަ އުޞޫލެއް ކަނޑައަޅައި އާންމުކޮށް ޚިޔާލު ހޯދައި ބަދަލެއް ގެންނަންޖެހޭކަމަށް ފެންނަ ނަމަ އެބަދަލެއްވެސް ގެނެސް މިނިވަން ކޮމެޓީއަކުން ވިލަރެސްކޮށް ކައުންސިލަށް ހުށަހެޅުމުން ކައުންސިލްގައި މަޝްވަރާކޮށްގެން ކުރިއަށް ގެންދެވުނުނަމަ، ރަސްމިއްޔާތުގެ ޚާއްސަ ބައި އިތުރަށް ފުރިހަމަކުރެވުނީސް ނޫންތޯއެވެ؟

ޙިއްސާ ކުރައްވާ:

ގުޅުންހުރި