ފ. ދަރަނބޫދޫ އަކީ އާބާދީގައި މިހާރު 604 މީހުން ތިބި، އާބާދީގެ ގޮތުން ރާއްޖޭގެ ގާތްގަޑަކަށް 16 ވަނައަށް އެންމެ މީހުން މަދު ރަށެވެ. ރަށުގެ ރައްޔިތުންގެ މެދުގައި ވަރަށްބޮޑު އެކުވެރިކަމެއް މިހާރުވެސް އެބައޮތްކަމުގައި ދަންނަވަން އަޅުގަނޑަށް ކެރެއެވެ. ނަމަވެސް ތިމާގެ އަޞްލަކީ ނުވަތަ ލޭގެ ގުޅުން އޮތް ފަރާތްތަކަކީ ކޮބައިކަން އެނގުމަކީ މިދެންނެވި ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދާނޭ ކަމެއް ކަމުގައި ދެކެމެވެ.
މި މަޢްލޫމާތުތައް އަޅުގަނޑުމެން ހޯދާފައިވަނީ މީގެ 6 އަހަރުކުރިންނެވެ. 2016 ވަނަ އަހަރު މި މަޢުލޫމާތުތައް އެއްކުރުމަށްފަހު ދަނިއުސްގެ ވެބްސައިޓްގައި އޭރު ޝާއިއުކުރެވުނު ނަމަވެސް، ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި މަޢުލޫމާތުތައް އިންޓަނެޓުން ފުހެވިފައިވާތީ، ތާރީޚަށްޓަކައި އަލުން ޝާއިއުކުރަމެވެ. މި ރިޕޯޓްގައިވާ މަޢުލޫމާތުތައް އަޅުގަނޑުމެން ނަގާފައިވާނީ ރަށުގައި މީގެ 12 އަހަރުއްސުރެ ކުރިން ފެށިގެން ތިއްބެވި ދުވަސްވީ ބޭފުޅުންގެ ކިބައިންނެވެ. ލިޔުން ޝާއިޢު ކުރުމުގެ ދެވަނަ މަޤްޞަދަކީ ލިޔުން ވިދާޅުވާ ބޭފުޅުން ދެއްވާ މައުލޫމާތުގެ އަލީގައި މައުލޫމާތު އިތުރަށް ކަށަވަރުކޮށް ރަށުގެ ޢާއިލާތަކާބެހޭ އެންމެ މުޢުތަބަރު މައުލޫމާތު މިހާރުގެ ޖީލަށް ފޯރުކޮށްދިނުމެވެ. ލިޔުމުގައި ވަރަށް އާދައިގެ ބަހުރުވަ ބޭނުންކުރެވިފައިވާނީ، މަޢުލޫމާތު ދެއްވި ފަރާތްތަކުން ދެއްވި މަޢުލޫމާތު ދެއްވިގޮތަށް ގެނެސް ދިނުމުގެ މަޤްސަދުގައެވެ.
1. ރަސްދޫ ޢާއިލާ
ފ. ދަރަނބޫދޫގައި މިހާރު އެންމެ ފުޅާކޮށް ފެތުރިފައިވާ ޢާއިލާއަކީ އަރިއަތޮޅު އުތުރުބުރީ ރަސްދޫއިން ދަރަނބޫދޫ އަށް ހިޖުރަކުރި 05 މީހަކަށް (ރަސްދޫ 05 ބަދަވިން) ނިސްބަތްވާ ޢާއިލާއެކެވެ. މި ދެންނެވި 05 މީހުން ދަރަނބޫދޫއަށް އައުމަށްފަހު އެއިގެ ތެރޭއިން އަޙްމަދު، އިސްމާޢީލް އަދި މުޙައްމަދާއި، ދަރަނބޫދޫ މީހުންނާއިި ކައިވެނިކޮށްގެން ދަރަނބޫދޫގައި ދިރިއުޅެން ފެށިއެވެ. އަދި ފާޠިމަތު އާއި އާމިނަތު ފ. ބިލެތްދޫއަށް ބަދަލުވެ، ބިލެތްދޫއިން މީހުންނާއި ކައިވެނިކޮށް، ބިލެތްދޫގައި ދިރިއުޅެން ފެށިއެވެ.
1.1 ރަސްދޫ އަހައްމަދު
ރަސްދޫ 05 ބަދަވިންގެ ތެރެއިން އަޙްމަދު ކައިވެނިކުރީ ކާކާކަމެއް އެނގޭކަށް ނެތެވެ. އަދި މޫސާ ކިޔާ ކުއްޖަކު ފިޔަވައި އެހެން ކުއްޖަކު ހުރިކަމެއް އެނގޭކަށްވެސް ނެތެވެ. މޫސާ ކައިވެނި ކުރީ ހައްވާ (ދޮންބެ ކުޑަމަންޖެ) އާއެވެ. މި ދެމަފިރިންނަށް 08 ކުދިން ލިބުނުކަން އެނގެން އެބައޮތެވެ. އެއީ ހުސައިން، އިބްރާހީމް، އަހައްމަދު، ޢަލީ، އާމިން، ދޮން ފާތުން، ހަލީމާ އަދި ސަންފާ، އެވެ.
މޫސާގެ ހުސައިން ކާވެނިކުރީ ދެކުނުގޭ އަހައްމަދުގެ ހައްވާއާއެވެ. މި ދެމަފިރިންނަށް 18 ދަރިން ލިބުނެވެ. މި ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ މަރިޔަމް ޙުސައިން (ހުސެންބޭގެ ދޮން މަރިޔަމް) އެވެ. ރަށުގައި ކަތީބުކަންކުރި އިބްރާހީމް މުޙައްމަދާއި، ޒުބައިރު މުޙައްމަދު އަދި މުޞްޢަބު މުޙައްމަދާއި އެހެންވެސް ކުދިންނަކީ ދޮން މަރިޔަމްގެ ދަރިންނެވެ.
މޫސާގެ އިބްރާހީމް ކައިވެނިކުރީ ޛުލައިޚާ (ކުޑަ އާމިންގެ ދަލޭކާ) އާއެވެ. އެ ދެމަފިރިންނަށް ލިބުނީ 04 ދަރިންނެވެ. އެއީ އަޙްމަދު (މަނިކުބޭ)، ހައްވާ (ދޮން ހައްވާ)، ދޮން އާމިން (މަގޫދޫގައި ދިރިއުޅޭ)،އަދި ދޮން ފާތުން އެވެ. މި ކުދިންގެ ތެރެއިން އަހައްމަދު މަނިކު މަންޖެގެ އަހައްމަދުގެ މުނީރާ އާއި ކައިވެނިކޮށްގެން މުޙައްމަދު ޒާހިރު ލިބިފައިވެއެވެ. މިހާރު އިނދެގެން އުޅެނީ މޮޅު އިސްމާލުގެ އިބްރާހީމްގެ ރުގިއްޔާއާއެވެ. ހައްވާގެ ދަރިން ތިބީ މޮޅު އިސްމާލުގެ ޢަލީ (ޢަލީ އިސްމާޢީލް) އަށެވެ. ދޮން އާމިން ފ. މަގޫދޫ އަބޫބަކުރު (ބަކުރުބޭ) އާއި ކައިވެނިކޮށްގެން ދިރިއުޅުނީ މަގޫދޫގައެވެ. އަދި ދޮން ފާތުން މޮޅު އިސްމާލުގެ އަހައްމަދާ ކައިވެނިކޮށް ނަސީމާ (ނަސީމަދައިތާ) ލިބިފައިވެއެވެ.
މޫސާގެ އަހައްމަދު ފުރަތަމަ ކައިވެނިކުރީ ދެކުނުގޭ އަހައްމަދުގެ ހަލީމާއާއެވެ. އެ ކާވެންޏަށް 03 ކުދިން ލިބުނުއިރު ހަސަނާއި މުހައްމަދު ޅައިރު ނިޔާވީއެވެ. ދެން ލިބުނީ ސުލައިމާން (ނިލަންދޫ ސުލައިމާނުބޭ) އެވެ. ސުލައިމާނު އިނީ ފ. ނިލަންދޫ ހިންނައިގެ އާމިނާމަނިކެ އާއެވެ. އެ ދެމަފިރިންނަށް 06 ކުދިން ލިބިފައިވެއެވެ. އެއީ މޫސާ ނަޢީމު، ޒައިނަބު، އައިސަތުނަޢީމާ، މަރިޔަމް ނައީމާ، އަދި ހަސީބާއެވެ. މޫސާގެ އަހައްމަދު ދެން ކައިވެނިކުރީ ކަތްދާގެ ދަލޭކާ އާއެވެ. އެ ދެމަފިރިންނަށް ލިބުނީ ސަލީމާ (ސަލީމަދައިތާ)، ޢަބްދުއްލަޠީފް (މިހާރު ފ. ބިލެތްދޫގައި ދިރިއުޅޭ)، އާދަމް ނަޞީރު (ނަޞީރުބެ)، އަދި ހައްވާ( ދޮންހައްވަ ދައިތާ) އެވެ. ސަލީމާ މޮޅު އިސްމާލުގެ އިބްރާހީމްއާ ކައިވެނިކޮށް ރުގިއްޔާ އަދި އަޙްމަދު ލިބިފައިވެއެވެ. އެއަށްފަހު މަގޫދޫގައި ދިރިއުޅުނު ޔޫސުބާއި ކައިވެނިކޮށްގެން މުހައްމަދު ޔޫސުފް (ޔޫސޭ) ލިބިފައިވެއެވެ. ނިޔާވިއިރު އިނދެގެން ހުރީ ދައިތަ ޢަލީގެ މުޙައްމަދު (ދައިތަބޭ) ގެ އަހައްމަދާއެވެ.
ޢަބްދުއް ލަޠީފް ފުރަތަމަ ކައިވެނިކުރީ ދައިތަ ޢަލީގެ މުޙައްމަދު (ދައިތަބޭ) ގެ ޒައިނަބާއެވެ. އެކާވެނީގައި ލިބުނީ މުހައްމަދު އަދި އަހްމަދެވެ. އެއަށްފަހު ގއ. ވިލިނގިލީ ޒުމައްރަތާ އިނދެގެން ކުދިން ލިބިފައިވެއެވެ. މިހާރު ފ. ބިލެތްދޫ މީހަކާ އިނދެގެން ދިރިއުޅެނީ ބިލެތްދޫގައެވެ.

މޫސާގެ ޢަލީ ކައިވެނިކުރީ ހައްވާގެ އައިސާއާއެވެ. އެދެމަފިރިންނަށް ލިބުނީ ހައްވާ، އާމިން އަދި ސަންފާއެވެ. ހައްވާ (ހައްވެއްތާ) އިނީ ރުކުއެތި އަލީގެ މަޙްމޫދާއެވެ. އާމިން (ރޭނިގެ އާމިން) އިނީ ބައުގޭ ހުސޭނާއެވެ. އެދެމަފިރިންނަށް ލިބުނީ ރޭނިގެ މުސާ، އިބްރާހީމް އަދި މުހައްމަދެވެ. ރޭނިގެ މުޙައްމަދު އަލިބޭގެ ދޮންއައިސާއާ ކާވެނިކުރިއެވެ. ނަމަވެސް ދަރިއަކު ލިބިފައެއް ނުވެއެވެ. ރޭނިގެ މޫސާ ކަތްދާގެެ ދަލޭކާ އާ ކައިވެނިކޮށްގެން 03 ކުދިން ލިބިފައި ވެއެވެ. މުޙައްމަދު މޫސާ (ރަތްވިލާ) ނޫން އަނެއް 02 ކުދިންވެސް ޅަފަތުގައި ނިޔާވީއެވެ. ރޭނިގެ އިބްރާހީމް އިނީ ފާތުމާ މަނިކެ ކިޔާ މީދޫޫ މީހަކާއެވެ. އެ ދެމަފިރިންނަށް ލިބުނީ ރޭނިގެ މަޙްމޫދު އަދި ރުގިއްޔާއެވެ. ރުގިއްޔާގެ ދަރިއަކު ނެތެވެ.
މޫސާގެ އާމިން ކައިވެނިކުރީ ބިލެތްދޫ ހަސަނާއެވެ. އެދެމަފިރިންނަށް ލިބުނީ އައިސާ އަދި ހައްވާ (ހަސަނުހައްވާ) އެވެ. އައިސާ މޮޅު ހަސަނާއިން ނަމަވެސް ކުއްޖަކު ނުލިބެއެވެ. ހައްވާ އިނީ ކައުނިގޭ މުހައްމަދާއެވެ. ބިލެތްދޫގައި ދިރިއުޅޭ އިބްރާހީމް އަކީ އެދެމަފިރިންގެ ދަރިއެކެވެ.
މޫސާގެ ފާތުމަ އިނީ އަލީ ކިޔާ މީހަކާއެވެ. އިނދެގެން ލިބުނީ މުހައްމަދު (ދައިތަބޭ) އަދި މަރިޔަމް އެވެ. މުހައްމަދު “އެކޮޅުގޭ” ހަލީމާއާއި އިނދެގެން 13 ކުދިން ލިބުނެވެ. ބޮޑުވީ އަހައްމަދެވެ. އަދި އިރުވައިގެ މަރިޔަމް އާ އިނދެގެން ދޮން އައިސާ (މިހާރު މަގޫދޫގައި ދިރިއުޅޭ) ލިބުނެވެ. އަދި އާމިން (ކޮއްކޮބޭގެ އާމިން) އާ އިނދެގެން ޒައިނަބު ލިބިފައިވެއެވެ.
މޫސާގެ ސަންފާއަށް ދަރިއަކު ނުލިބެއެވެ. އަދި މޫސާގެ ޙަލީމާގެ ދަރިއަކު ހުރިކަމެއްވެސް އެނގޭކަށް ނެތެވެ.
1.2 ރަސްދޫ އިސްމާލު
ރަސްދޫ އިސްމާލު ކައިވެނިކުރީ ކާކާކަމެއް އެނގޭކަށް ނެތެވެ. އަދި ދަރިންގެ ތެރެއިން މުޙައްމަދު ފިޔަވައި އެހެން ކުއްޖެއް ހުރިކަމެއް އެނގޭކަށް ނެތެވެ. މުޙައްމަދު ދަތުރުވަރެއްގައި މާލެއައިސް ކައިވެނިކުރީ މަޝްހޫރު ބޮޑުފެންވަޅުގޭ ސީދީގެ ކޮއްކޮ “މަންޖެ” އާއެވެ. އެ ކާވެނީގައި 05 ކުދިން ލިބިފައި ވެއެވެ. އެނގެނީ މަންޖެގެ އަހައްމަދާއި މަންޖެގެ އިބްރާހީމް އެވެ. މި 02 ކުދިންގެ ތެރެއިން މަންޖެގެ އަހައްމަދު ކައިވެނިކުރީ ރުކުއެތި އަލީގެ މަރިޔަމް އާއެވެ. މަންޖެގެ އާދަނާއި، ނިލަންދޫގައި ދިރިއުޅޭ މަންޖެގެ ނަސީމްއާއި، މާލޭގައި ދިރިއުޅޭ މަންޖެގެ ޖަޢްފަރާއި މި ކުދިންނަކީ މި ދެމަފިރިންގެ ދަރިންނެވެ.
މަންޖެގެ އިބްރާހީމް ނިޔާވިއިރު އިނދެގެންހުރީ ސަންފާ (ސަންފާގެ ދައިތާ) އާއެވެ. އެ ދެމަފިރިންނަށް އަދި އެހެން ކައިވެންޏެއްގައިވެސް މަންޖެގެ އިބްރާހީމަށް ކުއްޖަކު ނުލިބެއެވެ.
1.3 ރަސްދޫ މުހައްމަދު
ރަސްދޫ މުޙައްމަދު އިނީ އިރުވައިގެ ޙައްވާ ކިޔާ މީހަކާއެވެ. މި ދެމަފިރިންނަށް ލިބުނީ ޙުސައިން އަދި މަރިޔަމް އެވެ. މި ކުދިންގެ ތެރެއިން މަރިޔަމް (މަރިޔަން ދައިތާ) އިނީ ދިގުގޭ މުޙައްމަދު އާާއެވެ. އެ ދެމަފިރިންނަށް 02 ކުދިން ލިބުނެވެ. އެއީ އަޙްމަދު (ދިގުގޭ އަހައްމަދު) އާއި އެހެން ކުއްޖެކެވެ. އެ ކުއްޖާ ޅައިރު ނިޔާވީއެވެ. ދިގުގޭ އަހައްމަދު (މި ޖީލުގެ ގޮތުން ނަމަ އަހައްމަދުބޭ) އަށް ކުދިން ތިބީ ހައްވާ (ގަނޑުވަރުގެ ހައްވާ) އަށެވެ. އެއީ ސުލައިމާން، މަރިޔަމް (ދޮން މަރިޔަން) އަދި ޙަލީމާއެވެ. މީގެތެރެއިން ދޮންމަރިޔަންވަނީ 2022 ޑިސެންބަރު 25ގައި ނިޔާވެފައެވެ. ޢާރިފާ ކިޔާ ކުއްޖަކާއި ޢުމަރު ކިޔާ ކުއްޖާ ޅައިރު ނިޔާވީއެވެ.
ރަސްދޫ މުޙައްމަދުގެ ޙުސައިން އިނީ މޫސާގެ ސަންފާ އާއެވެ. އެ ދެމަފިރިންނަށް ލިބުނީ ހައްވާ، އާމިން އަދި މުޙައްމަދެވެ. ޙައްވާ އިނީ އަލީ (ރުކުއެތި އަލީ) ގެ އަހައްމަދާއެވެ. އެދެމަފިރިންނަށް ރަޒީނާ(މިހާރު ނިޔާވެފައި)، އަނީސާ އަދި ނިޢްމާ ލިބިފައިވެއެވެ. ނިޢްމާ މިހާރު ދިރިއުޅެނީ ފ. ނިލަންދޫގައެވެ. އާމިން (ސަންފާގެ ދައިތާ) ގެ ކުއްޖަކު ނުހުރެއެވެ. މުޙައްމަދު މީހަކާ އިނުމުގެ ކުރިން ނިޔާވީއެވެ.
1.4 ރަސްދޫ ފާތުމަ
ރަސްދޫ ފާތުމަ އިނީ ކާކާކަމެއް އެނގޭކަށް ނެތެވެ. އަދި އިސްޙާޤް ނޫން ކުއްޖަކު ހުންނަކަންވެސް އެނގޭކަށް ނެތެވެ. އަދި އިސްޙާޤު ކައިވެނިކުރީ ކާކާކަމެއްވެސް އެނގޭކަށް ނެތެވެ. މި އިސްޙާޤު އަށް ޢަބްދުލް ޣަނީ (ކުރީގެ މެޖިސްޓްރޭޓް)، އައިސަތު ކިޔާ ދަރިޔަކު ލިބިފައިވާ ކަމަށާއި، މި އައިސަތު އިނީ ޢަބްދުއް ރަޙްމާން (ކަޅު ޢަބްދުއް ރަޙްމާން) އާއެވެ.
1.5 ރަސްދޫ އާމިން
ރަސްދޫ އާމިން އިނީ ޢަލީ ކިޔާ ފ. ބިލެތްދޫ މީހަކާއެވެ. އެ ދެމަފިރިންނަށް ލިބުނުކުދިންގެ ތެރެއިން އެނގެނީ ޢަބްދުއްރަޙްމާން އެކަންޏެވެ. ޢަބްދުއްރަޙްމާން އިނީ ކާކާކަމެއް ނޭނގެއެވެ. އަދި ދަރިންގެ ތެރެއިން އެނގެނީ އިބްރާހީމް (ރާ އިބްރާހީމް) އާއި މޫސާ އާއި، ޔޫސުފާއި ޒުބައިދާއެވެ. ރާ އިބްރާހީމް އިނީ ޤަމަރިއްޔަތު (ކަނބުލޮ) ކިޔާ މީހަކާއެވެ. މޫސާ (މޫސާ ޢަބްދުއްރަޙްމާން) ފުރަތަމަ އިނީ ފާތުމަތު ކިޔާ މީހަކާއެވެ. އެ ކާވެނީގައި ނާހިދާ، ނުހުދާ އަދި ނަޝީދާ ލިބިފައިވެއެވެ. އަދި ޢަޒީޒާއާ އިނދެގެން 04 ކުދިން ލިބިފައި ވެއެވެ. އެއީ ޠާހާ، ނާދިޔާ، އިޤްބާލް އަދި ޙަމްދާނެވެ.
ޔޫސުފް އާމިނަތު އިދްރީސްއާއި ކައިވެނިކޮށް ޙަފްސާ، އިބްރާހީމް، ސުރިއްޔާ އަދި ނާދިޔާ ލިބިފައިވެއެވެ. އަދި މަރިޔަމް މަނިކެއާއި ކައިވެނިކޮށްގެން ޝިރުމީނާ އަދި އަންވަރު ޙިލްމީ ލިބިފައިވެއެވެ. ޒުބައިދާ އިނީ ޢަބްދުއްރަޙްމާން ކިޔާ މީހަކާއެވެ. އެ ކައިވެނީގައި މުޙައްމަދު ފަރީދާއި އަޙްމަދު ލިބިފައިވެއެވެ.
(ނުނިމޭ)
(ނޯޓް: މި ލިޔުން ވިދާޅުވުމަށްފަހު އެ ބޭފުޅެއްގެ ޢާއިލާއާ ބެހޭގޮތުން ކުށް މަޢްލޫމާތެއް އޮތްނަމަ އެކަން ޙިއްސާކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.)