ދަރަނބޫދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

ދަރަނބޫދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

Council Raees

ދަރަނބޫދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ދަރަނބޫދޫ ކައުންސިލުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރައްވައިފިއެވެ. ދަރަނބޫދޫ ކައުންސިލާއި ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއެކު ބޭއްވެވި މި ބައްދަލުވުން ކުރިއަށް ދިޔައީ 2022 ނޮވެމްބަރު 27 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދަރަނބޫދޫ ކައުންސިލްގެ މެމްބަރުންވަނީ ރަށުގެ އާބާދީ ކުޑަނަމަވެސް، ތަރައްޤީގެ މަޝްރޫޢުތަކުން ދަރަނބޫދޫ އެކަހެރި ކުރުމެއްނެތި، ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާތީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން އާބާދީ ކުޑަނަމަވެސް، އަތޮޅުގައިވެސް ނެތް ފެންވަރުގެ ބަނދަރެއް މި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާތީ އެކަމަށް ކައުންސިލުންވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން މިހާރުވެސް ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ އަދާހަމަތަކާއި ރައްޔިތުންނާއި ރަށުގެ އެހެނިހެން މުވައްސަސާތަކުގެ ކަންބޮޑުވުންތައް ކައުންސިލުންވަނީ ރައީސަށް ދަންނަވާފައެވެ.

އެގޮތުން މިހާރުވެސް ވަރަށް ބޮޑަށް ގިރާފައިވާ ރަށުގެ ގޮނޑުދޮށް ޙިމާޔާތް ކުރުމަށް ބޭނުންވާކަމަށާއި، އިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަމުގައި ކައުންސިލުންވަނީ ދަންނަވާފައެވެ. މީގެ އިތުރުން ދަރަނބޫދޫ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ސިއްޙީމަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސަށް ދަންނަވާފައިވެއެވެ.

މި ބައްދަލުވުމުގައި ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މާލީގޮތުން ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވަނީ އަރުވާފައެވެ. އަދި މީގެ އިތުރުން އެމަނިކުފާނުވަނީ ދަރަނބޫދޫގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްސާކުރައްވާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި