ދަރަނބޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ދަރަނބޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

10.01

ދަރަނބޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ދަރަނބޫދޫ: ފުޓްބޯޅައިގެ ފޯރިގަދަ ފ. ދަރަނބޫދޫގެ ބޮޑު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނާއި، މަސައްކަތް ކުރާނެ ޓީމު މިއަދު މެންދުރު އެ ރަށަށް ގޮސްފިއެވެ.

ދަރަނބޫދޫއަކީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ، އަދި މި ކުޅިވަރަށް އިންތިހާއަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ނަމަވެސް، އެކަށީގެންވާ ފެންވަރުގެ ދަނޑެއް ނެތުމަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރު އެކަޑެމީތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ދަނޑު ތަރައްޤީކުރާނެ ކަމުގެ އުންމީދުގައި ދަރަނބޫދޫގެ މުޅި ޖީލެއް ބޮޑުވެގެން ދިޔައިރުވެސް، މިދިޔަ ސަރުކާރު ނިމިގެން ދިޔައީ ދަނޑުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް ނުލިބިއެވެ.

ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ އެހީތެރިކަމާއެކު ދަނޑު ލެވެލްކޮށް، ކުރިން ހުރި ބޮޑެތި ވެލި ފުނިތައް ނަގައި ސާފުކުރެވިފައި އޮތް ނަމަވެސް، އިތުރު އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

10
ދަނޑުގެ މަސައްކަތް ސިވެކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާ

ދަރަނބޫދޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ބިނާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، ދަރަނބޫދޫގައި ހަދާ ދަނޑަކީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ، އަދި ދުވާ ޓްރެކެއްވެސް ހިމެނޭ ފުރިހަމަ ދަނޑަކަށް ވާނެ ކަމަށެވެ.

ފުޓްބޯޅަ ދަނޑު ހެދިގެންދާއިރުގައި، ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން މިހަދަނީ، ހުރިހާ ދަނޑެއްވެސް މިހާރު ހަދަނީ، ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ޖަހައި، ވަރަށް ފުރިހަމަކޮށް، މިރަށުގައި އެތުލީޓުން ގިނަވީމާ، އަދި ވަރަށް ރަނގަޅު ފެންވަރެއްގައި ވާދަކުރާ ކުދިން ތިބީމައާއެކީގައި، ރައްޔިތުން އެދޭ، ވަރަށް މުހިންމު ކަމަކަށްވާތީ، ދުވާ ޓްރެކްވެސް ހިމެނޭ ގޮތަށް ފުޓްބޯޅަ ދަނޑު ހެދިގެންދާނީ، ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢު ރަސްމީކޮށް ސަރުކާރުން ޙަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާއެވެ. މިދިޔަ އަހަރުގެ ފަހު ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ފުޓްބޯޅަ ދަނޑުގެ އިތުރުން އެ ރަށުގައި ވޮލީ ކޯޓެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ އެ ކުންފުންޏާ ޙަވާލުކުރެވިފައެވެ.

މިއަދު ގެނެވުނު ސާމާނާއެކު، ދަރަނބޫދޫގެ ކުޅިވަރު ޢުމްރާނީ ތަރައްޤީގެ އާ ބާބެއް ފެށިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި