ފ. ދަރަނބޫދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 2 ވަނަ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ، އެ ރަށުގައި ޤުރުއާނުގެ ޢިލްމު އިތުރަށް ފެތުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ސައުދާ ވިދާޅުވީ، ދަރަނބޫދޫ ކައުންސިލުން މި މުބާރާތް ބާއްވާތާ މިއީ 4 ވަނަ އަހަރު ކަމަށާއި، އޭގެ ތެރެއިން ފާއިތުވި ދެ އަހަރަކީ އޭނާގެ އެހީތެރިކަމާއެކު ބޭއްވުނު ދެ އަހަރު ކަމަށެވެ. މި މުބާރާތުގެ ޓައިޓަލް ނަގައި، މުބާރާތަށް އެހީތެރިވަނީ މުބާރާތުގެ މަތިވެރި މަޤްސަދު ވަރަށް ބޮޑަށް ކަމުދާތީކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންނާއި ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށާއި، ޤުރުއާނުގެ ޢިލްމު އަށަގެންނެވުމަށް ކައުންސިލުން ކުރާ މަސައްކަތަށް ސައުދާ ތައުރީފު ކުރެއްވިއެވެ.
މިކަން މިގޮތުގައި ހިނގަމުންދާހާ ހިނދަކު، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން މި މުބާރާތަށް ލިބޭނެ އެމްޕީ ފާތިމަތު ސައުދާ.
މީގެ އިތުރުން ސައުދާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ވަހުދަތު ދިރުވައި އާލާކުރުމަށާއި، ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތަކަކީ މީގެ ކުރީގެ ސަރުކާރުތަކުން އެ މިންވަރަށް ކޮށްފައިވާ ކަންކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ނުކުރީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ކައުންސިލްތަކާ ގުޅިގެން ކުރާ މި މަސައްކަތުގެ ހެޔޮ ނަތީޖާ މުޖުތަމައުން ފެންނަމުންދާ ކަމަށާއި، މިފަދަ މުބާރާތްތަކުގެ އަގު މަތިކުރުމަށް ކައުންސިލްތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތަށްޓަކައި ސަރުކާރަށާއި އިސްލާމިކް މިނިސްޓްރީއަށް ސައުދާ ޝުކުރު އަދާކުރެއްވިއެވެ.
ދަރަނބޫދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ސައުދާ ވިދާޅުވީ، ކައުންސިލްގެ އެ ހުށަހެޅުމާ މެދު އިސްލާމިކް މިނިސްޓްރީގައި މަޝްވަރާ ފެށިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފަނޑިޔާރުން ފާހަގަކުރެއްވި އިސްލާހު ކުރަންޖެހޭ ކަންކަމަށް ބަލައި، ދާއިމީ ގޮތެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މެމްބަރެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސައުދާ ވަނީ މުބާރާތުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މަރުހަބާ ދަންނަވައި، ވަނައެއް ނުލިބޭ ކުދިންވެސް މާޔޫސްނުވެ ކުރިއަށް އޮތް ތަނުގައި އިތުރު ހިތްވަރާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.