ފ. ދަރަނބޫދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށް، ދާއިމީކޮށް ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ”އެމްޕީ ސައުދާ ފ. ދަރަނބޫދޫ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތް“ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމްއެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފާތިމަތު ސައުދާއެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ކައުންސިލް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤުރުއާނުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި ކުދިންގެ ހިތްތަކުގައި ޝައުގުވެރިކަން އިތުރުކުރުމަށް ބެލެނިވެރިންނާއި ސްކޫލުން ކުރަމުންދާ މަސައްކަތުގެ އިތުރަށް، ކައުންސިލުންވެސް އިތުރު މަސައްކަތްތަކެއް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުވެސް ރަމަޟާން މަހާ ދިމާކޮށް ކައުންސިލުން އައީ ޤުރުއާން މުބާރާތްތައް ބާއްވަމުންނެވެ. އަދި އެންމެ ފަހުން ބޭއްވި ދެ މުބާރާތްވެސް ބޭއްވިފައިވަނީ މެންބަރު ފާތިމަތު ސައުދާގެ ދީލަތި އެހީތެރިކަމާއެކުކަން ރައީސް ފާހަގަކުރެއްވިއެވެ.
މުބާރާތްތައް ބޭއްވުމުގެ އިތުރުން އެންމެ މުހިންމު ކަމަކީ ކުދިން ތަމްރީން ކުރުން ކަމަށްވާތީ، ދަރަނބޫދޫގައި ދާއިމީކޮށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ކޯޓާ ހޯދުމަށް މިހާރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އެ ރަށުގައި ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި މުބާރާތް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވަމުންނެވެ.