ފާފު އަތޮޅު ދަރަނބޫދޫގައި ބޭއްވުނު އެމްޕީ ސައުދާ ދަރަނބޫދޫ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން ވަނީ ބައިވެރިންގެ ކިޔެވުމާ ގުޅޭގޮތުން ވަރަށް މުހިންމު އިރުޝާދުތަކެއް ދެއްވައި، ފާހަގަކުރެވުނު ކަންކަން ހިއްސާކުރައްވާފައެވެ.
ފަނޑިޔާރުންގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އުފާކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ދަރަނބޫދޫ ފަދަ ކުޑަ އާބާދީއެއް އޮތް ރަށަކުން މި މުބާރާތުގައި ގާތްގަނޑަކަށް 140 ކުދިން ބައިވެރިވެފައިވާތީއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ބައިވެރިން ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވެ، ކާމިޔާބުކަމާއެކު ކިޔަވާފައިވާކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
މުބާރާތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފަނޑިޔާރުން ވަނީ މުޤައްރަރު ފަރުމާކޮށްފައިވާ ގޮތަށް ކޮންމެސް ވަރެއްގެ އިސްލާޙުތަކެއް ގެނައުމަށް ލަފާދެއްވާފައެވެ. އެގޮތުން އެއް އަހަރުން އަނެއް އަހަރަށް ކުދިންގެ ހިތުގައި ޤުރުއާނުގެ މިންވަރު އިތުރުވެގެންދާނެ ގޮތަކަށް މުޤައްރަރު ބައްޓަންކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
ކިޔެވުމުގެ ފަންނީ ބަޔަށް ބަލާއިރު، ވަރަށް ހިތްގައިމު އަޑުތަކާއި ކިޔެވުންތަކެއް އިވިގެންދިޔަކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. ނަމަވެސް، ވަރަށް މަދު ކުއްޖަކު ފިޔަވައި ގިނަ ކުދިން ދެލިގަނޑަށް (ބަލައިގެން ކިޔެވުމަށް) ނުފަރިތަކަން ފާހަގަކުރެވުނެވެ. ފަނޑިޔާރުން ވިދާޅުވީ މިކަން ރަނގަޅުކުރެވޭނީ ގިނައިން ޤުރުއާން ކިޔަވައިގެން ކަމަށާއި، ހަމައެކަނި މުބާރާތަށް ދަސްކުރުމުގެ ބަދަލުގައި ދުރާލައި މުރާޖާކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
ދަރަނބޫދޫގެ ކުދިންގެ ކިޔެވުމުގެ ވައްޓަފާޅިއަށް ބަލާއިރު، 99 އިންސައްތަ ކުދިން ކިޔަވަނީ ދާދި އެއް ރާގަކަށް، އެއްގޮތަކަށްކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. މިއީ ކުދިންނަށް ގިނައިން އެއް އަޑެއް އިވި، އެ އަޑު ނަކަލުކުރަން ފަސޭހަވުމުން ދިމާވާ ކަމެކެވެ. އެހެންނަމަވެސް، ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކެއް ހުންނާނެ ކުއްޖަކަށްވާތީ، އެކި ކުދިންނަށް ފަސޭހަވާނެ ތަފާތު އެހެން ރާގުތަކަށް މަސައްކަތްކުރުމަށް ފަނޑިޔާރުން އިރުޝާދު ދެއްވިއެވެ.

ތަޖުވީދުގެ ހަމަތަކާ ގުޅޭގޮތުން ފަނޑިޔާރުން ވިދާޅުވީ، ގިނަ ކުދިންގެ ކިޔެވުމުގައި އަކުރުތަކުގައި ދޫ ސާބިތުކޮށް ނުދެވޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވަރަށް ގިނަ ކުދިން ”ޛ“ އަކުރު އަދާކުރުން ރަނގަޅު ނޫންކަމަށާއި، ”ޚ“ އަކުރާއި ”ޟ“ އަކުރު އަދާކުރުމުގައި ވަރަށް ބޮޑަށް ކަންފަސޭހަ ކޮށްލާފައި ހުންނަކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
ޤުރުއާން ކިޔަވާއިރު އަކުރެއް ފުރިހަމަވެގެން ދަނީ މަޚްރަޖުގައި ސާބިތުކޮށް، އެއަށް ދޭންޖެހޭ ސިފަތައް ދީފައި، ފިލިޖަހަން އަނެއް އަކުރަށް ހަރަކާތްކުރުމުން. ދުލުގައި ވަރު ބަހައްޓައިގެން ދޫ ރަނގަޅަށް ސާބިތުކުރަންވީ، ފަނޑިޔާރަކު ވިދާޅުވިއެވެ.
ހިތުދަސްކުރުމުގެ ބައިން ފާހަގަކުރެވުނު އަނެއް ކަމަކީ، އެއްގޮތް އާޔަތްތައް އަންނަ ހިނދު، އެ އާޔަތްތައް އަޅާކިޔައިގެން ދަސްކޮށްފައި ނެތުމުން އޮޅުން އަރާކަމެވެ. މީގެ އިތުރުން، ގިނަ ކުދިންގެ ކިޔެވުން ”ނޯށަށް އަރާ“ މައްސަލަ ފަނޑިޔާރުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ނޯށަށް އަރަންޖެހޭނީ ހަމައެކަނި ދެ އަކުރު ކަމަށްވީ ނަމަވެސް، ކިޔެވުމުގެ ބޮޑު އިންސައްތައެއް ނޯށުގައި ހުރުމުން ކިޔެވުމުގެ ފަސާހަތްތެރިކަން ކުޑަވާކަމަށް ވިދާޅުވިއެވެ. މިއީ ގިނަފަހަރަށް އެކުއްޖަކަށް އުނދަގޫ ރާގަކަށް ކިޔަވަން އުޅުމުން ދިމާވާ ކަމެއް ކަމަށް ބެލެވެއެވެ.
ފަނޑިޔާރުންގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އަހަރުގެ މުބާރާތަށް ތައްޔާރުވާއިރު، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން މި ފާހަގަކުރި ނުކުތާތަކަށް ޚާއްޞަ ސަމާލުކަމެއްދީ، އެކަންކަން އިޞްލާޙުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިލައްވަމުންނެވެ.