ދަރަނބޫދޫގައި ހަދަމުން އަންނަ އައުޓްޑޯރ ޖިމްގެ އައިޓަމްތައް އިންސްޓާލް ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ފ. ދަރަނބޫދޫގައި މީގެ ކުރިން އައުޓްޑޯރ ޖިމްއެއް ހަދާފައި ވީނަމަވެސް، އެތަން ވަރަށް ބޮޑަށް ވީރާނާވެފައިވާތީ، އިތުރު އައުޓްޑޯރ ޖިމްއެއް ހެދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެންނެވެ. މި ޖިމް ހެދުމުގެ މަސައްކަތް ސަރުކާރުން ޙަވާލު ކުރައްވާފައިވަނީ ފެނަކަ ކޯޕްރޭޝަން ލިމިޓެޑާއެވެ.
ފެނަކައިން ވަނީ މި ޖިމްއަށް ބޭނުންވާނެ މައިގަނޑު ސާމާނު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ދަރަނބޫދޫއަށް ފޮނުވާފައެވެ.
ޖިމް ނިންމުމުގެ މަސައްކަތް ފެނަކަ ދަރަނބޫދޫ ބްރާންޗުގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އަންނައިރު، އެތަނުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާކަން ހުސްވި ފެބްރުވަރީ 16 ވަނަ ދުވަހު، ފެނަކައިން އާންމު ކޮށްފައި ވެއެވެ. އޭގެ ފަހުން މިހާރު ތަނުގައި ބޭނުން ކުރުމަށް ފޮނުވާފައިވާ ސާމާނުތައް އިންސްޓާލް ކުރުމުގެ މަސައްކަތް ފެށިފައިވާއިރު، މާ ގިނަ ދުވަސްތަކެއް ނުވެ މިތަން އާންމުކޮށް ބޭނުން ކުރުމަށް ހުޅުވާލެވޭނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ދަރަނބޫދޫގައި ހެދި ޖިމްއަކީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި އަދި ރޭގަނޑުގެ ވަގުތުތަކުގައި އެކަށީގެންވާ މިންވަރަށް އަލިކަން ލިބެން ނެތް ތަނެއްކަމުގައިވާތީ، ގިނަ ފަރާތްތައް އެތަން އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް މިހާރު ޖިމް ހަދާފައިވާ ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދާއި ކައިރި ތަނަކަށްވާތީ، ޖިމް ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަކަން ލިބޭނެކަމަށް ގިނަ ރައްޔިތުން ދެކެއެވެ.
ސަރުކާރުން މިދިޔަ އަހަރު ދަރަނބޫދޫގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ނިންމައި އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރެވެއެވެ.