ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށް ޒަމާނީ އައު އެމްބިއުލޭންސެއް ސިއްހަތާއިބެހޭ ވުޒާރާއިން މިރޭ ހަމަޖައްސަވައި ދެއްވައިފިއެވެ. އެމްބިއުލޭންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން 56 ރަށަކަށް ވަނީ އެމްބިއުލޭންސް ހަމަޖައްސަވާފައެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި ޙަވާލުކޮށްގެން ގެނެސްފައިވާ މި އެމްބިއުލޭންސްތައް ސިއްޙީމަރުކަޒުތަކާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި މިރޭ ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ސިއްޙަތާއިބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމާއި، އެވުޒާރާގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުތަކުގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އިތުރުން ފ. ބިލެއްދޫ ސިއްޙީމަރުކަޒާއި ފ.އަތޮޅު ހޮސްޕިޓަލަށްވެސް ވަނީ އެމްބިއުލޭންސް ހަވާލު ކޮށްދެއްވާފައެވެ.
ދަރަނބޫދޫ ސިއްޙީމަރުކަޒަށް ޒަމާނީ އައު އެމްބިއުލޭންސެއް ލިބިފައިވާއިރު، މި ވެރިކަމުގެ ވަރަށް ކުރީކޮޅުގައިވެސް ބޭނުންކޮށް މަރާމާތު ކޮށްފައިވާ އެމްބިއުލޭންސެއް ދަރަނބޫދޫއަށް ގެނެވިފައިވެއެވެ. ދަރަނބޫދޫއަށް އެންމެ ފުރަތަމަ އެމްބިއުލޭންސެއް ލިބިފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.