ޚައިރު ސްޕޯޓްސް އެކަޑެމީން އިސްނަގައިގެން ފ. ދަރަނބޫދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމާއި ބެހޭގޮތުން ޚައިރު ސްޕޯޓްސް އެކަޑެމީން ބުނެފައިވަނީ މާދަމާއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށާއި، ސްކޫލު ދަރިވަރުންނާއި އާންމުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް ރޭވިފައިވަނީ ވަކި އަދަދަކަށް ޕޮއިންޓް ހަމަކޮށް ވަކި ޓާސްކްތަކެއް ފުރިހަމަކުރުމުން ސްވިމިންގ އެސޯސިއޭޝަނުންދޭ ރަސްމީ ސެޓްފިކެޓެއްވެސް ޙާސިލްކުރެވޭނެ ގޮތަށްކަމަށް އެ އެކަޑެމީން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގައި ފަތަން ދަސްކޮށް ދިނުމަށް އިންސްޓްރަކްޓަރ އެއްގޮތުގައި މަސައްކަތް ކުރައްވާނީ ނައުފަލް މޫސާއެވެ. ނައުފަލް އަކީ ކުޅިވަރު ހިންގުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން 2018 ވަނަ އަހަރު ޤައުމީ އިނާމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ނައުފަލްއަކީ ބޭރުދުނިޔޭގައިވެސް ދިވެހިރާއްޖެ ތަމްސީލް ކުރައްވާފައިވާ ފެތުން ތެރިއެކެވެ. އަދި އޭނާއަކީ ފަތަމާ ހިނގާ ޕްރޮގްރާމްގެ އެމްބެސެޑަރުވެސް މެއެވެ.

ޚައިރު ސްޕޯޓްސް އެކަޑެމީން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ކުރިން ޕްރޮގްރާމަށް ހޭލުންތެރިކުރުމުގެ ގޮތުން އަދި މަޢުލޫމާތު ދިނުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާނެއެވެ. އެގޮތުން ކަމާއި ގުޅުންހުރި ދަރަނބޫދޫގެ މުވައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވައި، ސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށްވެސް އަމާޒުކޮށްގެން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާއިރު، ދަރަނބޫދޫއަކީ މޫދުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މޫދަށް ވެއްޓި މަރުވުމުގެ ހާދިސާތަކާއި ނުރައްކާތެރި އެހެން ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.