ދަރަނބޫދޫ ސިއްޙީމަރުކަޒުން އިސްނަގައިގެން ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ރަށުފެންވަރުގައި މިއަދު ފާހަގަ ކޮށްފިއެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހެވެ. މި ދުވަހާއި ގުޅޭގޮތުން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ “ހަކުރު ބައްޔާއި ދުޅަހެޔޮކަން” އެވެ.
ސިއްޙީ ގޮތުން ދަރަނބޫދޫގައި ކޮންމެ އަހަރަކުވެސް އެންމެ ރަނގަޅު ފެންވަރެއްގައި ބާއްވަމުން އަންނަ ދުވަހަކީވެސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހެވެ.
ހަކުރުބަލީގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށް ސިއްޙީމަރުކަޒުންވަނީ މުހިންމު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަރަމުން އަންނަ ޖީލު މިބައްޔަށް ހޭލުންތެރިކުރުވައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ދަރަނބޫދޫ ސްކޫލްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަކުރުބައްޔަށް ފަރުވާ ހޯދަމުން ގެންދާ ރަށުގައި ދިރިއުޅޭ ބަލިމީހުންގެ ގޭގެއަށް މަރުކަޒުގެ ޓީމެއްވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ، ހަކުރުބަލީގެ މީހުންގެ އާއިލާއަށް ނުވަތަ އެބަލީގެ މީހުން ބަލަހައްޓާ ފަރާތްތައް ބައްޔަށް އަހުލުވެރިކުރުމާއި، ހަކުރުބަލީގެ މީހުން ދިރިއުޅޭ ވެށީގައި ކުރިމަތިލާންޖެހޭ ދަތިތައް އޮޅުން ފިލުވުމާއި ހަކުރުބަލީގެ މީހުންނަށް މަރުކަޒު މުވައްޒަފުންގެ ފަރާތުން ފައިދާހުރި ކާނާ ޕެކެއް ހަދިޔާކުރުމެވެ.
މީގެ އިތުރުން ހަކުރުބަލީގެ މީހުންނަށާއި އެފަރާތްތައް ބަލަހައްޓާ ބޭފުޅުންނަށާއި 16 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ބައްދަލުވުމެއް ރޭ ދާރުލްޢުލޫމްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ދަރަނބޫދޫގައި ހަކުރުބަލި މިހާރު އޮތް މިންވަރާއި، ރަށުގައި ބަލީގެ ނުރައްކާ އޮތް މިންވަރާއި، ހަކުރުބަލި ކޮންޓްރޯލްކުރުމަށް ސިއްޙީމަރުކަޒުން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި، އެޕްރޮގްރާމްތަކުން ނިކުމެފައިވާ ނަތީޖާތަކުގެ އިތުރުން ހަކުރުބަލީގެ މީހުންގެ ފަރާތުން ފާހަގަވާ މުހިންމު ކަންކަމުގެ މައްޗަށް ވަރަށް ގިނަ މަޢުލޫމާތު ދެއްވާފައިވެއެވެ.
މިދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންގޮސްފައިވާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ރަށުގެ މުވައްސަސާތަކާއި ރަށުގެ އާންމު މަގުތައް ނޫކުލައިން ދިއްލުމުގެ ޙަރަކާތެއްގެ އިތުރުން، ހަކުރުބަލި އަދި ބައްޔާއި ގުޅޭ ރަށުގެ ޙާލަތު އެނގޭ މަޢުލޫމާތު ހިމެނޭ ބިލްބޯޑެއް ހަދައި އާންމުންނަށް ފެންނާނެހެން ސިއްޙީމަރުކަޒުގެ ކުރިމަތީގައި ބަހައްޓާފައިވެއެވެ.
ސިއްޙީމަރުކަޒުން އިސްނަގައި ހަކުރުބަލީގެ ދުވަސް ފާހަގަކޮށްފައި މިވަނީ ދަރަނބޫދޫގެ ހުރިހާ މުވައްސަސާތަކެއްގެ ބައިވެރިވުމާއެކުގައެވެ. މި ދުވަސް ފާހަގަކުރުމަށް ކުރެވުނު އެކިއެކި މަސައްކަތްތަކުގައި ރަށުގެ އާންމުންގެ ތެރެއިންވެސް ހިލޭ ސާބަހަށް ފާހަގަކޮށްލެވޭފަދަ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް އެ މަރުކަޒުންވަނީ މަޢުލޫމާތު ދެއްވާފައެވެ.