ފެނަކަ ކޯޕްރޭޝަންގެ ދަރަނބޫދޫ ބްރާންޗަށް އިތުރު ދެ ސުޕަވައިޒަރުން ހަމަޖައްސަވައިފިއެވެ. ސުޕަވައިޒަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ދަރަނބޫދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ މަޤާމު އަދާކުރަމުން ގެންދިޔަ މުޙައްމަދު މޫސާ (ރަތްވިލާ) ގެ އިތުރުން އަޙުމަދު އަބީދެވެ.
މި ދެބޭފުޅުންނަށް ވަޒީފާ ހަމަޖެހުނު ޚަބަރުތައް މީސްމީޑިއާގައި ދައުރުވުމާއެކު، އެކިއެކި ފަރާތްތަކުން އަންނަނީ ތަހުނިޔާ ދަންނަވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުންވެސް ސުޕަވައިޒަރަކަށް ހަމަޖައްސަވާފައިވަނީ ފެނަކައިގެ ދަށުން ހިންގާ ނަރުދަމާގެ މަސައްކަތަށެވެ. ފެނަކައަކީ މިހާރުވެސް ދަރަނބޫދޫގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާ އެއް މުވައްސަސާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެބްރާންޗުގައި ޖުމުލަ 27 މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މި ދެބޭފުޅުންނާއެކު ޖުމުލަ 6 ސުޕަވައިޒަރުން އެތަނުގައި ތިއްބަވާނެއެވެ.
މި ދެބޭފުޅުންނަށް ވަޒީފާ ހަމަޖެހިފައިވާއިރު، އެމަޤާމަށް މީހުން ހޯދުމަށް ފެނަކައިން އިޢުލާނު ކޮށްފައި ނުވާކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. މީގެ ކުރިންވެސް ފެނަކައަކީ އިޢުލާނު ކުރުމެއްނެތި މުވައްޒަފުން ނަގާފައިވާ އޮފީހެކެވެ.
ފެނަކަ ބްރާންޗަށް މުވައްޒަފުން ހަމަޖައްސާ ގޮތާއި މެދު އަބަދުވެސް އާންމުންގެ ޝަކުވާތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން އިޢުލާނު ކުރުމެއްނެތި މުވައްޒަފުން ނެގުމާއި، އިޢުލާނު ކުރިނަމަވެސް، ޝަރުތުހަމަނުވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމާއި، ސިޔާސީ ބާރުވެރިކަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަޒީފާތައް ހަމަޖައްސާކަމުގެ ޝަކުވާތައް އަބަދުވެސް ރައްޔިތުން ކުރާކަން ފާހަގަކުރެވެއެވެ.
One Response
ޅެމުގެ މާނަވަނީ ޅެންވެރިޔާގެ ބަނޑު. އިއުލާނު ނުކުނާނަމަ ޝަރުތުވާނީ ވަޒީފާދިންފަރާތުގެ ހިތުގަނޫންތޯ؟