މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމަށް ފ. ދަރަނބޫދޫ ގުލްހަޒާރުމާގެ، މަޙްމޫދު ސިޔާމް އައްޔަނު ކުރައްވައިފިއެވެ. މަޙްމޫދަށް މި މަޤާމު ހަމަޖެހުނުކަން އަންގަވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މި މަޤާމަށް މަޙްމޫދު ހަމަޖެހުނު އިރު، އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ޕްރައިވެޓް ސެކްޓަރގައެވެ. މަޙްމޫދުވަނީ މީގެ ކުރިން ރަށުގެ ބައެއް އިދާރާތަކުގައި އިދާރީ މުވައްޒިފެއް ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ދަރަނބޫދޫގައި އެންމެ ފުރަތަމަ އެސްޓީއޯ ފާމަސީގެ ޚިދުމަތް ޤާއިމްކުރެވުނުއިރު، އެތަނުގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ފުޓުބޯޅައިގައިވެސް ރަށާއި އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މަޙްމޫދަކީ އެސޯސިއޭޝަން ފޮރ ވެސްޓް ޔުނައިޓެޑްގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އަހަރުތަކެއް ކުރިން އަމިއްލަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކެއްވެސް ކޮށްފައިވާ މަޙްމޫދު އެންމެ ފާހަގަކޮށްލެވެނީ ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކުގައެވެ. ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައެވެ. މަޙުމޫދަކީ ޒުވާނުންނާއި ގާތް ގުޅުމެއް ބާއްވާ ފަރާތެއްވެސް މެއެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން ޢައްޔަން ކުރައްވާ ސިޔާސީ މަޤާމުތަކުގެ ތެރެއިން ޕޮލިސީ ލެވެލްގެ މަޤާމެއް ހަމަޖައްސަވައިފައިވާތީ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި މަޙްމޫދަށް މަރުޙަބާ ދަންނަވަމުންނެވެ.