ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަތޮޅު ކައުންސިލްގެ ރައީސްކަމުން ޢަލީ މުޙައްމަދު އިސްތިއުފާ ދެއްވާފައިވަނީ މިހާރުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މަޤާމަށް އައްޔަން ކުރައްވާފައިވާތީއެވެ. އެ މަޤާމަށް ޢަލީ މުޙައްމަދު ޢައްޔަނު ކުރައްވާފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހުގައެވެ.
ޢަލީ މުޙައްމަދުގެ ރައީސްކަމުގައި އަތޮޅު ފެންވަރުގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ފ.އަތޮޅުން އޭ ޒޯންގެ ލައިސަންސް ދޫކުރުމުގެ މަސައްކަތެވެ. މި ޚިދުމަތް އަތޮޅު ކައުންސިލުން ފޯރުކޮށްދެއްވަން ފައްޓަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. އޭގެ ކުރިން އެކައުންސިލުން ފޯރުކޮށް ދެމުން ގެންދަވާފައިވަނީ ސީ ޒޯނު ލައިސަންސްގެ ފޮތެވެ. އޭގެ ބަދަލުގައި މިހާރު ދެމުން ގެންދަނީ އޭޒޯން ލައިސަންސްގެ ޑިޖިޓަލް ކާޑެވެ.
ޢަލީ މުޙައްމަދުގެ ރައީސްކަމުގެ ދައުރުގައި ދެން ފެނުނު އެންމެ ބޮޑު އަނެއް ބަދަލަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި ވާދަވެރި ކުޅިވަރު މުބާރާތްތަކެއް އަލުން ފެށުމެވެ. އަތޮޅު ކައުންސިލްތައް މީގެ ކުރިން އަތޮޅު އޮފީހުގެ ނަމުގައި ހިންގި ދުވަސްވަރު މިއަތޮޅުގެ ރަށްރަށުގެ މެދުގައި ވާދަވެރި ފުޓްބޯޅަ، ވޮލީ، ބަށި އަދި ބެޑްމިންޓަން މުބާރާތްތަކެއް ބާއްވަމުން ގެންދެވިއެވެ. އެހެން ނަމަވެސް، 2011 ވަނަ އަހަރު ފެބްރުވަރީ މަހު ލޯކަލް ކައުންސިލްތައް އުފެނުނު ފަހުން މިވީ ދުވަސްތަކުގައި ރަށްރަށަށް އަމާޒުކޮށްގެން ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ނުގެންދެއެވެ.
އެހެން ނަމަވެސް އޭގެ 16 އަހަރު ފަހުން 2022 ވަނަ އަހަރު ބަޖެޓް އެކުލަވާލިއިރު އަތޮޅު ފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ފ.އަތޮޅު ކައުންސިލުން ނިންމެވިއެވެ.
ކުޅިވަރުގައި 2023 ވަނަ އަހަރަކީ ފ.އަތޮޅު ކައުންސިލް ވިދާލި އަހަރެކެވެ. އެގޮތުން ހުރިހާ ރަށެއްގެ ދެޖިންސަށް ބައިވެރިވެވޭ ގޮތަށް ވޮލީ މުބާރާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ވާދަވެރި ފުޓްސަލް މުބާރާތަކާއި، ހޭންޑް ބޯލް މުބާރާތެއް މުޅިން އަލަށް ފ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.
ފ.އަތޮޅު ޤުރުއާން މުބާރާތް އިންތިޒާމް ކުރުމާއި، ސްކޫލުތަކުގެ އެކިއެކި ވަނަތައް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމަށް އަތޮޅު ކައުންސިލުން އެވޯޑު ތަޢާރަފް ކޮށްފައިވެސް ވެއެވެ.
ޢަލީ މުޙައްމަދު ފާހަގަކުރެވިފައިވަނީ މީޑިއާއާއި ގާތް ގުޅުމެއްވެސް ބޭއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ފ.އަތޮޅުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހަމައެކަނި އޮންލައިން ނޫސް “ދަނިއުސް” ގެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނެ، ފ.އަތޮޅު ކައުންސިލްގެ އެކިއެކި އިވެންޓްތަކުގެ މީޑިއާ ކަވަރޭޖް ގެނެސް ދިނުމަށް ދަނިއުސްއާއެކު އެއްބަސްވުންތަކެއް އެކުލަވާލައި ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އަތޮޅު ކައުންސިލްގެ ޙަރަކާތެއްގެ މީޑިއާބައި އެހެން ފަރާތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އައްޔަން ކުރެއްވި މަޤާމަކަށް ބަދަލުވުމާއި ގުޅޭގޮތުން ދަނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢަލީ މުޙައްމަދު ވިދާޅުވީ، ޕޮލިސީ ކަނޑައަޅާ ލެވެލް އެއްގެ މަޤާމަކަށް ބަދަލުވުމުގެ ފުރުސަތު ލިބިފައިވާތީ، އަދިވެސް އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އަތޮޅަށް ތަރައްޤީ ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ. ރަށަށް ނުވަތަ އަތޮޅަށް ޚިދުމަތް ކުރުމަށް ވަކިތަނެއްގައި މީހާ ހުންނަން ނުޖެހޭނެކަމަށާއި، އެހެން ނަމަވެސް އަތޮޅު ކައުންސިލްގައި ހުރެގެން ކުރެވޭ ޚިދުމަތަށްވުރެ އަތޮޅަށާއި ޤައުމަށް ގިނަ ޚިދުމަތް ކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަމަށް ރައީސް މަޢުލޫމާތު ދެއްވިއެވެ.