ދަރަނބޫދޫ ކައުންސިލްގައި ހުސްވެފައިވާ ކައުންސިލް މެމްބަރު ހޮވުމަށް ބާއްވާ ބައި އެލެކްޝަން އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދަރަނބޫދޫ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 27 ވާ ބުދަދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ. ކައުންސިލް މެމްބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
ދަރަނބޫދޫ ކައުންސިލްގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވަނީ ހުސްވި ނޮވެމްބަރު މަހު، އެކައުންސިލްގައި ހިމެނުނު ޢަދާލަތު ޕާޓީގެ މެމްބަރު އާދަމް ޙަލީމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ދަރަނބޫދޫ ކައުންސިލް މެމްބަރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް ބައެއް ފަރާތްތަކުންވަނީ މީސްމީޑިއާގައި އެކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފަރާތެއް ކުރިމަތިލާނެކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ރައީސާއެކު ޖުމުލަ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ދަރަނބޫދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ 2 މެމްބަރުންގެ އިތުރުން އެމްޑީޕީ މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ.