މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި، ދަރަނބޫދޫގެ ހުރިހާ މުވައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ. މި ރޭސް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދަރަނބޫދޫ ކައުންސިލާއި ދަރަނބޫދޫ ޕޮލިސް ޕޯސްޓު ގުޅިގެންނެވެ.
ރޭހުގައި ބައިވެރިވާ މުވައްސަސާތަކަށް އެފަރާތްތަކުން ބޭނުންވާނަމަ، އާންމުންގެ ތެރެއިން 6 މީހުން ޓީމުގައި ހިމެނިދާނެކަމަށް އިންތިޒާމްކުރާ ފަރާތުންވަނީ އިއުލާނުކޮށްފައެވެ. ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ.
މި ރޭހުގައި ބައިވެރިވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު ރަށުގެ ހުރިހާ މުވައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދަރަނބޫދޫ ސްކޫލާއި ދަރަނބޫދޫ ފެނަކަ ވަކި ޓީމުތަކެއްގެ ގޮތުގައި ބައިވެރިވެފައިވާއިރު އިންތިޒާމްކުރާ ދަރަނބޫދޫ ކައުންސިލާއި ދަރަނބޫދޫ ޕޮލިސް ޕޯސްޓްވަނީ އެއް ޓީމެއްގެ ގޮތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ސިއްޙީމަރުކަޒާއި މެޖިސްޓްރޭޓް ކޯޓުވެސް ރޭހުގައި ބައިވެރިވަނީ އެއްޓީމެއްގެ ގޮތުގައެވެ. މިގޮތަށް ޓީމު އެކުލަވާލާފައިވަނީ އެމުވައްސަސާތަކުގައި މުވައްޒަފުން މަދުވުމުންނެވެ.
މުވައްސަސާތަކަށް އާންމުކޮށް ހުޅުވާލެވުނު މިރޭހުގައި އެންމެ ގިނަ މަސް ބާނާ ޓީމާއި، އެންމެ ބޮޑުމަސް ބާނާ ޓީމާއި، އެންމެ ދިގުމަސް ބާނާޓީމު ހޮވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފައިވެއެވެ.
މިއީ ދަރަނބޫދޫގެ މުވައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބާއްވާ ފުރަތަމަ ފަހަރެވެ.