2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފ. ދަރަނބޫދޫގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާ އިޢުލާނު ކޮށްފިއެވެ. ދަރަނބޫދޫ ސްކޫލުގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާ އިން ކުރި ހޯދާފައިވަނީ އެމްޑީޕީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިޙެވެ.
މި އިންތިޚާބުގައި ދަރަނބޫދޫގައި ބެހެއްޓުނު ވޯޓު ފޮއްޓަށް ވޯޓުލުމަށް ޖުމުލަ 313 ފަރާތެއް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މިއީ ދަރަނބޫދޫގައި ކުރިއަށް ގެންދެވުނު އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރެވުނު ފަހަރެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަށުން ބޭރުގައި ދިރިއުޅުނު މީހުންނާއި ކައިރި ރަށްރަށުގެ މީހުން ދަރަނބޫދޫ އަށް ރަޖިސްޓާރ ކޮށްފައިވިއެވެ.
ދަރަނބޫދޫ ސްކޫލުގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީއަށް ބަލާއިރު 313 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 286 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 91 އިންސައްތައެވެ. މި ވޯޓު ފޮއްޓަށް ޖުމުލަ 2 ބާޠިލް ވޯޓެއް ލާފައިވެއެވެ. އިންތިޚާބުގެ ކަންކަން ބެލެހެއްޓެވި އޮފިޝަލުން ހާމަކުރެއްވި ގޮތުގައި މީގެ ތެރެއިން 1 ވޯޓު ބާޠިލް ވެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ހެޔޮ ފާހަގަ ޖަހާފައިނުވާތީއެވެ. އަނެއް ވޯޓު ބާޠިލް ވެފައިވަނީ ހުރިހާ ކެންޑިޑޭޓުންނަށް ހެޔޮ ފާހަގަ ޖަހާފައި ވުމާއި ގުޅިގެންނެވެ.
ދަރަނބޫދޫގައި ބެހެއްޓުނު ވޯޓު ފޮށީގައި ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވާގޮތް:
ކެންޑިޑޭޓް ނަމްބަރު 1: ޢުމަރު ނަސީރު (އަމިއްލަ) – 03 ވޯޓު
ކެންޑިޑޭޓް ނަމްބަރު 2: ޙަސަން ޒަމީލް (އަމިއްލަ) – 02 ވޯޓު
ކެންޑިޑޭޓް ނަމްބަރު 3: އިބްރާހީމް މުޙައްމަދު ޞާލިޙް (އެމްޑީޕީ) – 131 ވޯޓު
ކެންޑިޑޭޓް ނަމްބަރު 4: މުޙައްމަދު މުޢިއްޒު (ޕީއެންސީ) – 103 ވޯޓު
ކެންޑިޑޭޓް ނަމްބަރު 5: ޤާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ) – 09 ވޯޓު
ކެންޑިޑޭޓް ނަމްބަރު 6: އަޙްމަދު ފާރިޝް މައުމޫނު (އަމިއްލަ) – 00 ވޯޓު
ކެންޑިޑޭޓް ނަމްބަރު 7: އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) – 31 ވޯޓު
ކެންޑިޑޭޓް ނަމްބަރު 8: އަޙްމަދު ނާޒިމް (އެމްއެންޕީ) – 04 ވޯޓު
ދަރަނބޫދޫ ފޮއްޓަށް ވޯޓުލުމަށް ދުރުވި ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ވޯޓު ލެވޭގޮތް ނުވެފައިވެއެވެ. އެގޮތަށް ދިމާވީ ވޯޓުލުމަށް ސްޓޭޝަނަށް ދުރުވި އިރު އެފަރާތުގެ އައިޑީކާޑު މުއްދަތު ހަމަވެފައިވުމާއި ވޯޓުލުމަށް ޕާސްޕޯޓް ނެތުމުންކަމަށް މަޢުލޫމާތު ލިބެއެވެ.
ދަރަނބޫދޫގައި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާން ކަމާއެކުގައެވެ. އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް ގެންގޮސް ނިންމާލާފައިވާއިރު، ރަށުތެރެއިން ފެންނަނީ ހިމޭންކަމެވެ.