ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ 18 ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އެކުލަބުން ހުޅުވާލައިފިއެވެ.
ދަރަނބޫދޫގެ އެންމެ ދުވަސްވީ ޖަމްޢިއްޔާ، ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ 17 ދައުރުގެ ހިންގުން އެކުލަބާއި ޙަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގައެވެ.
އެކުލަބުގެ ފުރަތަމަ ބައްދަލުވުމުގައި އިންތިޚާބުވި މެމްބަރުން އެކިއެކި މަޤާމްތަކަށް ހަމަޖެއްސުމުގެ މަސައްކަތާއި، ޔޫތު މިނިސްޓްރީގައި އައު ހިންގާ ކޮމެޓީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތްކުރުމާއި، އަހަރީ ކަލަންޑަރުގައި ހިމަނާނެ މުހިންމުކަންކަމުގެ އިތުރުން އެކުލަބުގެ ބިމުގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
އެކުލުގެ 17 ވަނަ ދައުރުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވިފައިވަނީ މިދިޔަ އަހަރު ބޭއްވުނު ފީފާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރެވިފައިވާ މަސައްކަތްތަކެވެ. ކުލަބުން އިސްނަގައި ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރެވުނު އެ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ކުރިއަށް ގެންދެވުނު ފޯރިގަދަ އަދި ތަފާތު މަސައްކަތްތަކެކެވެ. މީގެ އިތުރުން އިޖްތިމާއީ ތަރައްޤީއަށް ބޭނުންވާ އީޖާދުތައް އުފެއްދުމަށް ޒުވާނުންނަށް މަގުފަހިކޮށްދިނުމަށް ޔޫއެންޑީޕީން އިސްނަގައިގެން ޖަމްޢިއްޔާތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ “މިޔަހެލި 2023 ޕްރޮގްރާމް” ގައި ދަރަނބޫދޫ ޒުވާނުންގެ ކުލަބުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދަރަނބޫދޫ ސްކޫލުގެ ކީސްޓޭޖް 2 ގެ ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ފަތަން ދަސްކުރުމުގެ ސެޝަންގައިވެސް ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.
ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ފަހުގެ ތާރީޚްތަކުގައި ދެމެހެއްޓެނިވި ގޮތަކަށް ބާއްވަމުން އައި އެކުލަބުގެ އައިކޮނިކް “ކޯލާއައުނު ފުޓްސަލްކަޕް” ކޮވިޑާއި ގުޅިގެން މެދުކެނޑުމަށްފަހު، އެފަހުން އެމުބާރާތް ބޭއްވިފައިނުވާއިރު، 17 ވަނަ ދައުރުގެ ހިންގާ ކޮމެޓީންވަނީ އެމުބާރާތް އަލުން ފެށުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުލަބުގެ އާންމު މެމްބަރުންގެ އިތުރުން ދަރަނބޫދޫ ކައުންސިލާއިވެސް އެކަމުގައި ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. އެހެން ނަމަވެސް، ދައުރު ނިމިގެން ދިޔައީ މުބާރާތް ނުބޭއްވިއެވެ. އެކުލަބުން އާންމު މެމްބަރުންނާއެކު ބޭއްވުނު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި، އެކުލަބުގެ ބޭންކް އެކައުންޓް އެކްޓިވޭޓް ކުރުމުގެ މަސައްކަތްވެސް ކާމިޔާބު ކުރެވިފައިނުވާކަމަށް ވެއެވެ.
ދަރަނބޫދޫ ކައުންސިލުންވަނީ ޒުވާނުންގެ ކުލަބުގެ އިދާރާ އެޅުމަށް އެކުލަބަށް 1422 އަކަފޫޓުގެ އައު ބިމެއް މިއަހަރުގެ ޖަނަވަރީމަހުގެ ފަހު ދުވަހުގައި ހަމަޖައްސައި ދެއްވާފައެވެ.
ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ނިމިދިޔަ 17 ވަނަ ދައުރަކީ އެކިގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިކުރުވި ދައުރެއްކަމަށް އެކުލަބުގެ އިސްފަރާތަކުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ބައެއް ކަންކަމުގައި ރަށުކައުންސިލުން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބޭކަމަށާއި، ކުލަބުގެ ހިންގާ ކޮމެޓީގެ ބައެއް މެމްބަރުންގެ ފަރާތުންވެސް ބައެއްކަންކަމުގައި އެއްބާރުލުން ނުލިބި ދިޔަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ހިންގާ ކޮމެޓީގެ ދައުރަކީ 1 އަހަރެވެ.