އެމްޑީޕީ އަނެއް ދަރަނބޫދޫ ގޮފީގެ ރައީސް މަޤާމުގައި ހުންނެވި މުޙައްމަދު ޢުމަރު “ދަ ޑިމޮކްރެޓްސް” އަށް މިއަދު ސޮއިކޮށްފިއެވެ. މުޙައްމަދު ޑިމޮކްރަޓްސް އަށް ސޮއި ކޮށްފައިވާނީ އެ ޕާޓީގެ ޖަގަހަ މިއަދު ހުޅުވުމުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މުޙައްމަދު އުމަރަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ހުންނަވައި އެމްޑީޕީގެ އެކިއެކި ޙަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވަމުން އައި މެމްބަރެކެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަނބޫދޫ އިން އެމްޑީޕީއަށް މީހުން ވެއްދުމާއި، އެޕާޓީގެ ގޮތްޕެއް ދަރަނބޫދޫގައި އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
އެމްޑީޕީގެ އެތޭގައި އުފެދުނު ޚިޔާލުތަފާތުވުން ތަކާއެކު އެޕާޓީން އިސްފަރާތްތަކެއް ވަކިވެ، ދަ ޑިމޮކްރެޓްސް ނަމުގައި އައު ޕާޓީއެއް އުފައްދާފައިމިވާ ދަނޑިވަޅުގައި “އެމްޑީޕީ އަނެއް ދަރަނބޫދޫ ގޮފީގެ” ގިނަ މެމްބަރުންތަކެއް އަންނަނީ އެޕާޓީ ދޫކޮށް ޑިމޮކްރެޓްސްއާއި ގުޅެމުންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ ގިނަ ދުވަސްވީ މެމްބަރުންނާއި، ރަށުގެ ޢިއްޒަތްތެރިންނާއި، ހަރުމީހުން އަދި ޒުވާނުންވެސް އެޕާޓީއާއި ގުޅެމުން އަންނަކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ދަރަނބޫދޫގައި އެންމެ ފުރަތަމަ އުފެއްދި އެމްޑީޕީގެ މި ގޮފީގެ އިސް ފަރާތްތަކެއް އެމްޑީޕީން ވަކިވެގެން ދިޔަނަމަވެސް، އެ ގޮފީގެ ރަޖިސްޓްރީގައި ތިބި މީހުންގެ އަދަދަށްވުރެ އިތުރަށް މީހުން ހޯދައި އެމްޑީޕީގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އިތުރު ބަޔަކު މިހާރުވެސް ދަރަނބޫދޫގައި އުޅޭކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، އެފަރާތްތަކުން އަދި ގޮފީގެ ރަޖިސްޓްރީގެ މަސައްކަތްތައް އެއްކޮށް ނިންމާފައި ނުވާކަމުގެ މަޢުލޫމާތު ދަނިއުސްއަށްވަނީ ލިބިފައެވެ.
ދަ ޑިމޮކްރެޓްސްގެ ރަސްމީ ޖަގަހަ މިއަދު ހުޅުވާ ދެއްވާފައިވަނީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފެވެ. މި ޖަގަހަ އަކީ ކުރިން “އެމްޑީޕީ އަނެއް ދަރަނބޫދޫ ގޮފީގެ” މަސައްކަތްތައް ކުރަމުން އައި ޖަގަހައެވެ. މިތަނުގެ ކުލަޔާއި ކުރެހުންތައް އެއްކޮށް ޑިމޮކްރެޓްސްއަށް ބަދަލުކޮށް އެޕާޓީގެ ކެމްޕެއިން ޙަރަކާތްތައް މިހާރުވަނީ މިތަނުގައި ފަށައިފައެވެ.